އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރިވެރިއެއް ކަމުގައިވާ އަލީ އަބްދުﷲ މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރޭގައި އަލީ އަބްދުﷲ އަށް ބޮޑުބޭބެ ކިޔާ ކުއްޖާ އަށް ކުށް ސާބިތުވެ 12 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ދައުވާ ސާބިތުވެ ޖަލަށްލުމަށް ހުކުމް ކުރީ ސ. ހިތަދޫ ހެޕީފިއުޗާ، އަހުމަދު އިބްރާހީމް ދީދީގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ރ)ގެ ދަށުން އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ހުކުމް ކޮށްފައި ކުރީ މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި ގުޅިގެން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާތީއެވެ.
މީގެކުރިން ފުލުހުން ބުނެފައިވަނީ ސ. ހިތަދޫ އެޅެދީދީ މަގުގައި ހުންނަ ހެޕީފިއުޗާ ގޭގައި އަލީ އަބްދުﷲ ހިންގާ ހިތަދޫ ޓޫވޭ ނަމަކަށް ކިޔާ ފިހާރައަކީ އޭނާގެ އަމިއްލަ ވިޔަފާރިއެއް ކަމަށެވެ.
އޭނާ މަރާލާފައި ވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށާއި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަލީ އަބްދުﷲ މަރުވެފައި އޮއްވާ ފެނުނީ 2016ވަނަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހުއެވެ. ފުލުހުން މީގެކުރިން ބުނެފައި ވަނީ އަލީ އަބްދުﷲ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ހޯދަމުން ދަނިކޮށް، އުމުރުން ދުވަސްވީ އަންހެނަކަށް ވަލުތެރެއަށް އަލީ އަބްދުﷲގެ ސައިކަލް އެއްލާފައި އޮއްވައި ފެނިފައިވާ ކަމަށެވެ.
އަލީ އަބްދުﷲގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ދެ އަތުގެ އުޅަނބޮށީގެ ތެޔޮހަން ގޮސްފައިވުމާއި، ދޫ ބޭރަށް ނުކުމެފައި ހުރުމުގެ އިތުރުން ކަރުގައި އެއްޗެއް އޮޅާލާފައި ހުރި ކަމުގެ ނިޝާންތަކެއް ފެންނަން ހުރިއިރު، ދެ ލޯ ވަރަށް ބޮޑަށް ހުޅުވި، ދެލޮލުގެ ކަޅި މައްޗަށް ހުރިކަން ފާހަގަ ކުރެވުނުކަމަށް ފުލުހުން ބުންޏެވެ.