Last Updated: November 23, 05:52
Saturday, November 23, 2024
ރިޕޯޓް

ފްލައިން ސްކޫލްގެ ދަރިވަރުން ގޮތް ހުސްވެއްޖެ، ޒިންމާވާނީ ކޮން ބައެއް؟

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

"އަޅުގަނޑު މިހާރު މި ސްކޫލްގައި ކިޔަވަމުން އަންނަތާ ތިން އަހަރުވެއްޖެ. އަތުން ލައްކައިން ފައިސާ ހޭދަކުރެވިއްޖެ. ކޯސް ނިމޭނެ ދުވަހެއް ނޭނގޭ. ކުރިމަގާއި މެދު ސުވާލު އުފެދި މިތިބީ ނާއުއްމީދެއްގައި. ނަފްސާނީ ގޮތުން މިތިބީ އަސަރުކޮށްފައޭ ބުންޏަސް ދޮގަކަށް ނުވާނެ" ދަރިވަރަކު ބުންޏެވެ.

މިއީ މިވަގުތު އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރެއް "އައްޑޫ ލައިވް" އާއި ވާހަކަދައްކަމުން މިވަގުތު އެތަނުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ބަންޑުންކޮށްލި އިހުސާސެކެވެ. މިއީ އެންމެ ދަރިވަރެއްގެ އިހުސާސް ކަމަށްވީ ނަމަވެސް އެތަނުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން "އައްޑޫ ލައިވް" އާ ވާހަކަ ދެއްކި އެހެން ދަރިވަރުންގެ އިހުސާސް ވެސް ހުރީ ހަމަ މިގޮތަށެވެ. ދައްކަނީ ހަމަ އެއް ވާހަކައެކެވެ.

ޖުމްލަކޮށް ހުރިހާ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ އަތުން ގިނަ އަދަދަކަށް ފައިސާ ހޭދަވީއިރު ވެސް ކޯސް ނިންމަން ބުނި ތާރީހަށް ނިންމިފައި ނުވުމާއި، މިކަމުގައި އެ ދަރިވަރުންގެ ހައްގުތައް ނަގަހައްޓައި ދަމަހައްޓާނެ ބަޔަކު ނެތުމެވެ.

ފެންނަމުން މިދަނީ މާދަމާ ދިވެހި ގައުމުގެ ހުންގާނުގައި ހިފައިގެން ކުރިއަށްދާން ތިބި ޒުވާނުންތަކެއް އަޅާލާނެ ބައެއް ނެތި އަމިއްލަ ފަސްގަނޑުގައި ނިކަމެތިވަމުންދާ މަންޒަރެވެ. ރަނގަޅު މަގެއް ފެންނާނެ ކަމުގެ އުއްމީދުގައި މި ދަރިވަރުން މީގެ އަހަރުތަކެއް ކުރިން ފެށިގެން ވެސް ޓަކި ނުޖަހާ ދައުލަތުގެ މުއައްސަސާއެއް ނުވަތަ އިދާރާއެއް ވެސް ނެތެވެ. އެހީގެ މަގެއް ފެނޭތޯ ބަލަން ނުގުޅާ ސިޔާސީ ފަރާތެއް ވެސް ނެތެވެ. ގައުމުގެ މާދަމާގެ މުސްތަގުބަލު ކަމަށްވާ ޒުވާނުންނަށް ތަކުރާރުކޮށް ދެމުން އަންނަނީ ބީރު ކަންފަތެކެވެ.

"ދިވެހި ފަސްގަނޑުގައި ދިވެހި ސަރުކާރުގެ ދަށުން މިވަރުގެ ސްކޫލެއް ހިނގަމުން އަންނައިރު މިކަންކަން ބަލާނެ މުއައްސަސާއެއް ހަމަ ނެތީތޯ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ވީ ކަމެއް ނޫން. މިއީ އެތަކެއް އަހަރުތަކެއް ވަންދެން ދަރިވަރުން ކުރި ޑިމާންޑުތަކަށް ބީރު ކަންފަތެއް ދީގެން ތިބެ، މުޅި ދައުލަތް އަޅާނުލުމުގެ ނަތީޖާ" އެހެން ދަރިވަރަކު ބުންޏެވެ.

ކިޔަވައިގެން ކޮންމެ ދަރިވަރަކު ވެސް އަމިއްލަ ގައުމަށް ހިދުމަތްކޮށްދޭން ދައުލަތުގެ އިސްވެރިން ވިދާޅުވާ އަޑުވެސް އިވެއެވެ. ނަމަވެސް އަމިއްލަ ގައުމުގައި ދިވެހި ދަރިވަރުންތަކެއް ދެން ކުރިއަށްދާނެ ގޮތެއް ނޭނގި ގޮސް ހުސްވެ "ގަނަތެޅެން" ޖެހުމުން އެކަމަށް ބީރު ކަންފަތެއް ދިނުމަކީ ދައުލަތުގެ މުއައްސަސާތައް ފެއިލްވުމެވެ. ގައުމުގެ މުސްތަގުބަލާއި މެދު ކަމާގުޅުންހުރި އިސްވެރިންގެ ވިސްނުން ހުރި ގޮތް ސާފުވާ ކަމެކެވެ.

ދައުލަތުގެ މުއައްސަސާތަކުން ދިން ބީރު ކަންފަތާއެކު ފްލައިން ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އެންމެފަހުން މިވަނީ އެތަނުގެ ހާލަތު މީޑިއާ އާއި ހަމައަށް ތިލަކޮށްލާފައެވެ. މީގެކުރިން އާންމުންނާއި ހަމައަށް ތިލަނުކުރާ އެ ދަރިވަރުންގެ އިހުސާސްތަކާއި ކަންބޮޑުވުންތަކާއި ޝަކުވާތައް މިވަނީ އޮއްސާލާފައެވެ.

އައްޑޫ ފްލައިންގް ސްކޫލުގެ ކޯސް ކުރިއަށްދާ ގޮތް!

އެ ސްކޫލްގެ ދަރިވަރުން ބުނާގޮތުގައި ސްކޫލްއަށް ވަނުމުގެ ކުރިން ކޯހުގެ ފީ ސްޓްރަކްޗަރ އަދި ކޯހުގެ ޕްލޭސްމެންޓް ލެޓަރ އެއް ހަވާލުކުރެއެވެ. ޕްލޭސްމެންޓް ލެޓަރ އަކީ ސްކޫލްއަށް ވަދެވުނު ކަމުގެ ލިޔުމެވެ. އަދި މިލިޔުމުގައި ކޯސް ނިމޭނެކަމަށް ސްކޫލްއިން ލަފާކުރެވޭ މުއްދަތު އަދި ނިމޭނެ ކަމަށް ލަފާ ކުރެވޭ ތާރީޙް ހިމަނާފައިވެއެވެ.

ޖުމްލަ ގޮތެއްގައި ސްކޫލްއަށް ވަންނަ ކުދިންނަށް ކޯސް ނިމޭނެ ކަމަށް ދީފައި ވަނީ 12 މަސް އަދި 18 މަސް އެވެ. ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލްއިން ކޯސް ނިންމާލެވެނީ 3 އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަހުން ކަމަށް ދަރިވަރުން ބުނެއެވެ.

ފީ ސްޓްރަކްޗާރ އަކީ މުޅި ކޯހަށް ހަރަދު ވާނެ ވަރު އަންގައިދޭ ލިޔުމެވެ. ސްކޫލް ހިންގަމުން އަންނަތާ އެތައް އަހަރު ތަކެއް ވެފައިވާއިރު ސްކޫލްއަށް ވަންނަ ކޮންމެ އާ ބެޗަކަށް ފީ ސްޓްރަކްޗާރ ވެސް ބޮޑުވަމުން އަންނަ ކަމަށް ދަރިވަރުން ބުނެއެވެ. އެގޮތުން ސްކޫލްގައި ކިޔަވާ ގިނަ ކުދިންނަކީ ލޯނުގައި ކިޔަވަމުންދާ ކުދިންނަށް ވާއިރު ލޯނު ލިބިފައިވަނީ ފުރަތަމަށް ސްކޫލްއަށް ވަންނަ އިރު ހަވާލުކުރާ ފީ ސްޓްރަކްޗާރ އަށް ކަމަށާއި ނަމަވެސް ފީ ސްޓްރަކްޗާރ އެތައް ފަހަރުމަތިން ބަދަލުވެ އެތައް ގުނައެއް ބޮޑުވެފައިވާ ކަމަށްވެސް ދަރިވަރުން ހާމަކުރެއެވެ.

ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ޑިޕާރޓްމެންޓް އޮފް ހަޔާރ އެޑިއުކޭޝަން ލޯނުގައި ކިޔަވާ ކުދިންނެވެ. އެކުދިންނަށް ސްޓައިޕެންޑް (ހުރުމާއި ކެއުމުގެ ހަރަދު) ލިބިފައިވަނީ ސްކޫލްއަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށެވެ. އެހެންކަމުން ކޯސްނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ކުދިންނަށް ޑީ.އެޗް.އީ އިން ނެގި ލޯނު އެއްކޮށް ހުސްވެ ބައެއް ކުދިން މިވަނީ ކޯސް މެދުކަޑާލަންވެސް ޖެހިފައެވެ. އަދި ބައެއް ކުދިންމިވަނީ ލޯނު އެއްކޮށް ހުސްވުމުން ކޯސް ކުރިއަށް ގެންދިއުމަށްޓަކައި އިތުރަށް އެކިއެކި ތަންތަނުން ލޯނު ނަގާފައެވެ.

ކޯހުގެ ފުރަތަމަ މަރުހަލާ: ބޭސިކް އެއަރކްރާފްޓް ނޮލެޖް (ބީއޭކޭ)

މިމަރުހަލާ އަކީ ކުދިންނަށް ކޯހުގެ ބޭސިކް މައުލޫމާތުދީ އަސްލު ކޯސް ކަމަށްވާ އެއަރލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް (އޭޓީޕީއެލް) ގެ ގްރައުންޑް ކްލާސް ނުވަތަ ތިއަރީ ކުލާސްތަކަށް ތައްޔާރު ކުރުމުގެ ގޮތުން ބާއްވާ މަރުހަލާއެކެވެ. މިމަރުހަލާގައި ކިޔަވައިދެވޭ ހުރިހާ މާއްދާތަކަކީ ވަރަށް ތަފްސީލްކޮށް އޭ.ޓީ.ޕީ.އެލް ގްރައުންޑް ކުލާހުގައި ކިޔަވާނެ މާއްދާތަކަށް ވާއިރު މި މަރުހަލާގައި ވެސް 3 މަސް ނުވަތަ 4 މަސް ހޭދަވާ ކަމަށް ދަރިވަރުން ބުނެއެވެ.

ކޯހުގެ ދެވަނަ މަރުހަލާ: އެއަރލައިން ޓްރަންސްޕޯޓް ޕައިލެޓް ލައިސެންސް ގްރައުންޑް ކްލާސް ނުވަތަ ކޯހުގެ ތިއަރީ ކުލާސްތައް

މިމަރުހަލާގައި ކިޔަވައިދެވޭނީ މުޅި ޖުމްލަ 12 މާއްދާ ކަމަށްވާއިރު ގިނަ އަދަދެއްގެ ކުދިން 2016 އިން ފެށިގެން ސްކޫލަށް ވަންނަމުންދާ އިރު ހުރިހާ ކުދިންނަށް މި މާއްދާތައް ކިޔަވައިދިނުމަށް ހުންނަނީ އެންމެ އިންސްޓްރަކްޓަރެކެވެ. ޖުމްލަ ގޮތެއްގައި މިމަރުހަލާ ނިންމަން 6 ނުވަތަ 8 މަސް ނަގާއިރު ބައެއް ކުދިންނަށް މިމަރުހަލާގައި ފްލައިންވެސް ނުފެއްޓޭ ކަމަށް ދަރިވަރުން ބުނެއެވެ. މީގެއިތުރުން ގިނަ ކުދިންނަށް އިންޓްރޮޑަކްޝަން ފްލައިޓް (ފުރަތަމަ ފްލައިޓް) މިހާރު ލިބެނީ ބީއޭކޭ ފޭޒް ނިމި ނުވަތަ ނިމެން ކައިރި ވެފައި ވަނިކޮށް ކަމަށް ދަރިވަރުން ހާމަކުރެއެވެ.

• ތިއަރީ ޓެސްޓްތައް

ދަރިވަރުން ބުނާގޮތުގައި 2018 ވަނަ އަހަރުގެ ކުރިން ޖުމްލަ ގޮތެއްގައި ހުރިހާ ކުދިންނަށްވެސް ތިއަރީ ޓެސްޓްތައް ހެދުމުގެ ފުރުސަތު ލިބެނީ ގްރައުންޑް ކުލާސް ނިމި ސްކޫލްގެ 12 މާއްދާގެ ވިތްޑްރޯވަލް ޓެސްޓްތައް ފުރިހަމަ ކުރުމުންނެވެ. އަދި 2018 ވަނަ އަހަރުގެ ކުރިން ވަދެފަ ތިބި ހުރިހާ ކުދިން ހަދަމުން ދިޔައީ ސްރީލަންކަން އޭ.ޓީ.ޕީ.އެލް އެގްޒާމްއެވެ. އެހެންކަމުން އެކުދިން ޓެސްޓް ހެދުމުގެ ކަންތައް އޮންނަގޮތަކީ ފަހަރަކު 1 މާއްދާ އެކުއްޖަކު ތައްޔާރުވުމުން ސްކޫލްއަށް ގުޅާ ހަމަޖައްސައިގެން އައިސް ހަދާލަނީއެވެ. މިހެންގޮސް އެކުއްޖަކު ވީއެންމެ އަވަހަށް 12 އެގްޒާމް ނިންމަނީއެވެ.

އޭޓީޕީއެލް ހެދުމަށް ލިބެނީ 6 ސިޓިންގ އެވެ. ކޮންމެ ސިޓިންގ އަކީ 10 ދުވަހެވެ. ކޮންމެ މަހަކު އާންމު ގޮތެއްގައި 2 ސިޓިންގް އޮވެއެވެ. ދަރިވަރުން މައުލޫމާތު ދިން ގޮތުގައި ގިނަ އަދަދެއްގެ ކުދިން އެގްޒާމް ހަދަން ކޮންމެ ސިޓިންގްއަކަށް ވެސް އެދެއެވެ. ނަމަވެސް ބައެއްފަހަރު ސިޓިންގ ފުރިފައި ކަމަށް ސްކޫލްއިން އަންގާ ކަމަށް ބުނާއިރު މުޅި ޖުމްލަ ހަ ކުދިންނަށް ކޮންމެ ދުވަހަކު އެގްޒާމް ހެދުމުގެ ފުރުސަތު އޮންނައިރު ބައެއް ކުދިން އެގްޒާމް ހަދަންދާ އިރު އެކުއްޖަކު އެކަނި އެގްޒާމް ހަދާ ދުވަސް ވެސް ދާ ކަމަށް ދަރިވަރުން ބުނެއެވެ.

"12 މާއްދާ މުޅި ޖުމްލަ ހަ ސިޓިންގ އަށް ބަހާލައިގެން ކޮންމެ މަހަކު ސިޓިންއެއް ހެދިޔަސް ހުރިހާ އެގްޒާމްތައް ފުރިހަމަ ކުރުމަށް ހަ މަސް ހޭދަވޭ. ބައެއްފަހަރު ސިޓިންގް ނުލިބުމާއި ގުޅިގެން ޖެހި ޖެހިގެން ކޮންމެ މަހަކު ނެހެދި ހަ މަހަށް ވުރެއިތުރުވޭ. އެގޮތުން ޖުމްލަ ގޮތެއްގައި ކުދިން އެގްޒާމް ނިންމާ މުއްދަތައް ބަލާއިރު 7 – 11 މަސް ނަގާ" ކަންބޮޑުވުންތައް ހާމަކުރަމުން ދަރިވަރަކު ބުންޏެވެ.

• ފްލައިންގެ ފުރަތަމަ މަރުހަލާ ( ސޯލޯ ސްޓޭޖް )

ފުރަތަމަ ފްލައިޓް އަކީ އިންޓްރޮޑަކްޝަން ފްލައިޓެވެ. އެއަށް ފަހު ބައެއް އެއާރ އެކްސެސައިޒް ހެދުމަށް ފަހު ސާކެޓް ފްލައިން ފައްޓައެވެ. ސާކެޓް ފްލައިން އަކީ ޓޭކް އޮފް، ލޭންޑިންގ އަދި އެމަރގެންސީ ޕްރޮސީޖަރ ހަދަން ދަސްކޮށްދީ އަމިއްލަޔަށް ހުރިހާ ކަމެއް ކުރެވެންދެން ކުރާ ފްލައިންގް އެވެ. މިފްލައިންގ ތަކަކީ ޑުއަލް ފްލައިން ( އިންސްޓްރަކްޓަރ އެކުގައި ) ތަކަކަށްވާ އިރު ދަރިވަރުން ބުނާގޮތުގައި ޖުމްލަ ގޮތެއްގައި ސޯލޯ ( އެކަނި ދުއްވުން ) ލިބެނީ 30 ގަޑިއާއި 50 ގަޑި އިރާ ދޭތެރެއިންނެވެ. ދުނިޔޭގެ އެހެން ފްލައިންގ ސްކޫލްތަކަށް ބަލާއިރު 10-15 ގަޑި އިރުން ސޯލޯ ލިބެއެވެ.

މި ސްޓޭޖުގައި ގިނަ ކުދިން ސޯލޯ ނުލިބި ލަސްވާ އެންމެ ބޮޑު ސަބަބަކީ އެކަށީގެންވާގޮތަށް ފްލައިން އެކުއްޖަކަށް ނުލިބުން ކަމަށާއި ޖުމްލަކޮށް މިސްޓެޖްގައި ފްލައިންގ ލިބެނީ ހަފްތާ އަކު 1 ފްލައިޓް ކަމަށް ދަރިވަރުން ބުނެއެވެ. އަދި މިގޮތައް ސްކޫލްއިން ކަންތައް ކުރުމުން ކުއްޖާގެ ޑުއަލް އަވާސް މައްޗަށް ގޮސް އެންމެފަހު ޑުއަލް އަވާސް ކޯހުގެ ފީސްޓްރަކްޗަރގައި ދީފައިވާ އަދަދަށްވުރެ އިތުރަށް ގިނަ ކުދިން ފްލައި ކުރަން ޖެހި، ކުއްޖާގެ ކޯސްފީ އިތުރުވާ ކަމަށްވެސް ދަރިވަރުން ހާމަކުރެއެވެ.

• ކްރޮސް ކަންޓްރީ ސްޓޭޖް

ކްރޮސް ކަންޓްރީ ސްޓޭޖްއަކީ އެކުއްޖަކު އެކަނި އެއްތަނުން އަނެއްތަނަށް ދިޔުމުގެ ތަޖުރިބާ ހޯދުން ކަމަށްވީ ނަމަވެސް
2018 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ އާއިންސްޓަކްޓަރުން ސްކޫލާ ގުޅުމުން ކޮންމެ ކުރޮސް ކަންޓްރީ ފްލައިޓްއެއްގައި ސޭފްޓީ ޕައިލެޓްއެއްގެ ގޮތުގައި މި އިންސްޓަކްޓަރުން ދާގޮތަށް ސްކޫލުން ނިންމި ކަމަށް ދަރިވަރުން ބުނެއެވެ. މިހެން ކަންތައް ކުރުމުގެ ސަބަބުން އެކުއްޖަކަށް އެކަނި ދުއްވައިގެން ލިބެންޖެހޭ ހަޤީޤީ ތަޖުރިބާ ނުލިބޭކަން ދަރިވަރުން ފާހަގަކުރެއެވެ.

"ސޭފްޓީ ޕައިލެޓުންގެ ގޮތުގައި ތިބެނީ އާއިންސްޓްކްޓަރުން ކަމުން އެމީހުން ގިނަފަހަރަށް ކޮންޓްރޯލްސް ނަގާ އެކުއްޖާ އަށް ދުއްވަން ލިބޭވަގުތު ވަރަށް ބޮޑަށް މަދުވޭ" ދަރިވަރަކު ބުންޏެވެ.

• އިންސްޓްރުމެންޓް ފައިންގ ސްޓޭޖް

ކްރޮސް ކަންޓްރީ ސްޓޭޖް ނިމި އިންސްޓްރުމެންޓް ސްޓޭޖް ފެށުމާއެކު ފްލައިން ލިބުން މަދުވާ ކަމަށް ދަރިވަރުން ބުނެއެވެ. ސަބަބަކީ އިންސްޓްރުމެންޓް ފްލައިންގއަށް ތިބި އިންސްޓްރަކްޓަރުން މަދުވެފައި ބޯޓުތައް މަދުވެފައި މިސްޓޭޖްގައި ކުދިން ގިނަވުމުންކަން ދަރިވަރުން ފާހަގަކުރެއެވެ.

"ކޯހުގެ ގިނަ ދުވަސްތަކެއް ހޭދަވަނީވެސް މިސްޓޭޖްގައި. ސްކޫލުގައި އެއްވެސް ކަމެއްކުރާނެ ގަވާއިދެއް އުސޫލެއް ނެތުމުން އެކި ކުދިންނަށް އެކި އެކި ގަވައިދު ހަދާ. ބައެއް ކުދިންނަށް މިސްޓޭޖްގައި އިތުރަށް ފްލައި ކުރެވޭނީ ވަކި މާއްދާތަކެއްގެ އެގްޒާމް ހެދުމުން. އަދި ބައެއް ކުދިންނަށް ވަކި އަދަދަކަށް އެގްޒާމް ހެދުމުން ކަމަށް އަންގާފައިވޭ" ދަރިވަރަކު ބުންޏެވެ.

އަދި އެމް.ސީ.އޭ.އޭ ގަވައިދުގައިވާ ގޮތުންނަމަ ސީ.ޕީ.އެލް ރިކުއަރމަންޓްގައި ވަނީ އިންސްޓްރުމެންޓް 10 ގަޑިއިރު ކަމަށް ވާއިރު ބައެއް ކުދިން 10 ގަޑި އަށްވުރެ ގިނައިން ފްލައި ކުރަން ސްކޫލުން އަންގާ ކަމަށްވެސް ދަރިވަރުން ބުންޏެވެ.

• ސީ.ޕީ.އެލް ( ކޮމާޝަލް ޕައިލެޓް ލައިސެންސް ) ޗެކްރައިޑް އަށް ތައްޔާރުވުމުގެ ފްލައިންގ ސްޓޭޖް

ދަރިވަރުން ބުނިގޮތުގައި މިސްޓޭޖްގައި ފްލައި ކުރަން ސްކޫލުގައި އޮންނަނީ އެންމެ ބޯޓެކެވެ. އަދި މި ސްޓޭޖް އަކީ ވަރަށް ގިނަ ދުވަސް ހޭދަކުރަންޖެހޭ ސްޓޭޖެއް ކަމަށާއި އޭގެ ސަބަބުތަކަކީ އެންމެ ބޯޓެއް އޮވެފައި ގިނަ ކުދިން މިސްޓޭޖްގައި ފްލައިކުރަން ޖެހުމާއި، ފްލައި ކުރާ އިންސްޓްރަކްޓަރުން މަދުވުމާއި، އެންމެ ބޯޓެއް އޮތުމުން ބޯޓް މެއިންޓެނެންސް ކުރާ ދުވަސް ތަކުގައި ފްލައި ކުރާނެ އިތުރު ބޯޓެއް ނެތުމާއި، ޗެކްރައިޑްގެ ކުރިން ފްލައި ކުރާ އިންސްޓްރަކްޓަރގެ ރެކަމަންޑޭޝަން ނުލިބި ލަސްވުމުގެ އިތުރުން ޗެކްރައިޑް އަޅާނެ އިންސްޓްރަކްޓަރަކު ނެތުންކަން ދަރިވަރުން ފާހަގަކުރެއެވެ.

"ބައެއް ކުދިން ހަމައެކަނި މިސްޓޭޖްގައި 1 އަހަރު ހޭދަކުރެވިފައިވާ އިރު ޖުމްލަ ގޮތެއްގައި ކޮންމެ ކުއްޖަކުވެސް އެންމެ މަދުވެގެން ވެސް ހަ މަސް ހޭދަ ކުރަން ޖެހޭ" އެހެން ދަރިވަރަކު ބުންޏެވެ.

• އިންސްޓްރުމެންޓް ރޭޓިންގެ ޗެކްރައިޑް އަށް ތައްޔާރުވުމުގެ ސްޓޭޖް

މިސްޓޭޖްގައި އެކުއްޖަކު އިންސްޓްރުމެންޓް 50 ގަޑިއިރު ހަމަކުރުމަށް ބާކީ ހުރި އިންސްޓްރުމެންޓް ފްލައިން އަދި ސިމިއުލޭޓާރ ގަޑި ހަމަކުރާނީއެވެ. މިސްޓޭޖްއަކީ ވެސް ވަރަށް ގިނަ ދުވަސް ހޭދަކުރެވޭ ސްޓޭޖެކެވެ. ދަރިވަރުން ބުނާ ގޮތުން އޭގެ ސަބަބަކީ ކުރިން މިސްޓޭޖްގައި ފްލައި ކުރާ އިންސްޓްރަކްޓަރުން މަދުވެފައި ބޯޓުތައް މަދުވުން އަދި ރެކަމެންޑޭޝަން ނުލިބި ލަސް ވުމެވެ. ސީ.ޕީ.އެލް ނިމުމަށްފަހު އިންސްޓްރުމެންޓް ޗްކްރައިޑް އެޅުމަށް ޖުމްލަކޮށް 2 ނުވަތަ 3 މަސް ހޭދަކުރަން ޖެހޭ ކަމަށް ދަރިވަރުން ބުނެއެވެ.

• މަލްޓި އިންޖިން ރޭޓިން ސްޓޭޖް

މި ސްޓޭޖަކީ ކޯހުގެ އެންމެ ފަހު ސްޓޭޖެ ކަމަށްވާއިރު، މިސްޓޭޖްގައި ވެސް ފްލައި ކުރަން ސްކޫލުގައި އޮންނަނީ އެންމެ ބޯޓެއް ކަމަށް ދަރިވަރުން ބުނެއެވެ. އެގޮތުން މިސްޓޭޖުގައި ފްލައި ކުރަންޖެހެނީ އެންމެ 7 ގަޑިއިރު ކަމަށްވާއިރު މިސްޓޭޖަކީވެސް ވަރަށް ގިނަދުވަސް ހޭދަކުރަންޖެހޭ ސްޓޭޖެކެވެ. ސަބަބުތައް ބައިވަރެވެ.

"އެންމެ ބޯޓެއް އޮތުން، މިސްޓޭޖްގައި ފްލައި ކުރާ އިންސްޓްރަކްޓަރުން މަދުވުން، އެންމެ ބޯޓެއް އޮތުމުން ބޯޓް މެއިންޓެނެންސް ކުރާ ދުވަސް ތަކުގައި ފްލައި ކުރާނެ އިތުރު ބޯޓެއް ނެތުން، ސްކައި ޑައިވިންގް އަށް މިބޯޓު ބޭނުން ކުރުން، ސްކޫލަށް މަލްޓި ރޭޓިންގ އަށް ރާއްޖެއިން ބޭރު ކުއްޖަކު އައިސްފި ކަމަށްވަނީނަމަ އެކުއްޖަކަށް ފުރުސަތު ދިނުން އަދި ޗެކްރައިޑް އަޅާނެ އިންޓްރަކްޓަރަކު ނެތުން" ކަންބޮޑުވުންތައް ހިއްސާކުރި ދަރިވަރަކު ބުންޏެވެ.

މިވަގުތު ފްލައިން ސްކޫލްގެ ހާލަތު އަދި ދަރިވަރުންގެ ކަންބޮޑުވުންތައް!

ފްލައިން ސްކޫލް އަކީ އޭވިއޭޝަން ދާއިރާ އަށް ދިވެހިންތަކެއް ނެރުމުގެ ފޮނި އުއްމީދުގައި ހުޅުވި ތަނެކެވެ. އެ މަގުސަދު މީގެ އަހަރުތަކެއް ކުރިން ހާސިލުވި ނަމަވެސް އެތަނުގެ ހާލަތު މިއަދު އޮތީ ހަމައެއް ލަމައެއް، ގަވާއިދެއް އުސޫލެއް ނެތް ތަނެއްގެ ގޮތުގައެވެ. އަތުން ލައްކަ އިން ފައިސާ ހަރަދުވާއިރު، އުމުރު ދެބައިވާއިރު ވެސް ކޯސް ނުނިމި، ސަލާން ޖެހުމުގެ ސަގާފަތެއް އެތަނުގައި އަންނަނީ އަށަގަންނަމުންނެވެ.

އެގޮތުން މިހާރު ސްކޫލްގައި ފްލައި ކުރަން އެންމެ 3 ބޯޓު އޮތްއިރު މުޅި ޖުމްލަތިބީ 4 އިންސްޓްރަކްޓަރުންނެވެ. އަދި ކުރިން އެންގުމަކާއި ވެސް ނުލައި ސްކޫލް މެނޭޖްމެންޓުން މިހާރު ވަނީ ސްކޫލްގެ އޮޕަރޭޝަން ހަފްތާއަކު ތިން ދުވަހަށް ބަދަލުކޮށްފައެވެ. އެހެންކަމުން ކޮންމެ ކުއްޖަކަށް ފްލައިޓެއް ނުވަތަ ސިމް ސެޝަނެއް ލިބެނީ 15 ދުވަހުން އަދި މަހަކު ލިބެނީ އެންމެ 2 ގަޑިއިރު އެވެ.

"މިއަހަރުގެ ޖެނުއަރީ ހަތަރުވަނަ ދުވަހު ސީ.ޕީ.އެލް ޗެކްރައިޑް އެޅުމަށް އޮތް ހަމައެކަނި ފްލައިޓް ( ސެސްނާ 172 އާރު.ޖީ ) މިވަނީ ހާޑް ލޭންޑިންގއެއް ކުރެވުމުގެ ސަބަބުން މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައި. އެހެންވީމަ މިވަގުތު ސީ.ޕީ.އެލް ޗެކްރައިޑް އަޅާނެ އިތުރު ބޯޓެއް ނެތްއިރު ޗެކްރައިޑް އެޅުމަށް ތައްޔާރުވެފައި 40 ވުރެ ގިނަ ކުދިން އެބަތިބި" ދަރިވަރަކު ބުންޏެވެ.

މީގެއިތުރުން ސެސްނާ 172 ހަލާކުވެ ބޭނުން ކުރެވެން ނެތުމުން ސީ.ޕީ.އެލް ޗެކްރައިޑް އަދި މަލްޓި ރޭޓިންގް އަށް މަލްޓި އިންޖިން ބޯޓު ( ޕައިޕަރ ސެނަކަ ޕީއޭ 34 ) ހަމަޖެއްސި ނަމަވެސް މިބޯޓުވެސް މިއަހަރުގެ ޖެނުއަރީން ފެށިގެން މިއަދާއި ހަމައަށްވެސް އޮތީ މެއިންޓެނެންސް ގައެވެ. އަދި 12 މަސް ނުވަތަ 18 މަހުން ކޯސް ނިންމަދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ކުދިން ސްކޫލަށް ވައްދާފައިވާ އިރު ޖުމްލަ ގޮތެއްގައި ކުއްޖަކު ކޯސް ނިންމަން 3-4 އަހަރު ހޭދަކުރަން ޖެހުމާއި، ސްކޫލުގެ އޮޕްސް ރޫމުގައި ފްލައިންގ އަށް ޝެޑިއުލް ކުރުމުގެ ގަވާއިދެއް ހަރު ކުރެވިފައިވާ އިރު މިގަވައިދަށް ސްކޫލުން އެއްވެސް ދުވަހަކު އަމަލު ނުކުރުމާއި، ސްކޫލުގައި ގިނަ ކަންކަން ކުރާނެ ގަވާއިދެއް އުސޫލެއް ހެދިފައި ނުވާ އިރު ސްކޫލުން ކުދިންނަށް އެއްވެސް ވަރަކަށް އަންގާ މައުލޫމާތު ފޯރުކޮށްނުދޭކަން ވެސް ދަރިވަރުން ހާމަކުރެއެވެ.

"ގަވާއިދު ބުނާގޮތުން އިމްތިހާނު ނިންމާ ތާރީހުން ފެށިގެން ތިން އަހަރުތެރޭ ޗެކް ރައިޑް އަޅަންޖެހޭ. އެހެން ނޫނީ އަލުން އަނެއްކާވެސް އިތުރަށް ފައިސާ ދައްކާފައި ޖެހެނީ އިމްތިހާނު އަލުން ހަދަން. މިކަމަށް އަލިމަގެއް ފެންނާކަށް ނެތް. އަލުން އިމްތިހާނު ހަދަން ޖެހިއްޖެނަމަ އިތުރު އެތައް މަހެއް ހޭދަވާނެ. މިހާރުވެސް އަންނަ އަހަރުގެ ކުރީކޮޅުގައި އިމްތިހާނުގެ މުއްދަތު ހަމަވާ ކުދިންތަކެއް އެބަތިބި" ދަރިވަރަކު ކަންބޮޑުވުންތައް ހިއްސާކުރަމުން ބުންޏެވެ.

މީގެއިތުރުން ސްކޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ބޭރު ދަރިވަރުންނާއި ދެމެދު ތަފާތުކުރުން ވެސް އިންތިހާ އަށް ގެންގުޅޭ ކަމަށް ވަނީ ބުނެފައެވެ.

"ސްކޫލުގައި ދިވެހި ކުދިންނާ ތަފާތު ކުރުން އިންތިހާއަށް އޮވޭ. ބޭރު ކުއްޖަކު ނަމަ އެކުއްޖަކަށް ބަރާބަރަށް ފްލައިން އަދި އެހެނިހެން ކަންކަން ހަމަޖެހި ކޯސް އަވަސް މުއްދަތެއްގައި ނިންމައިދޭ. މީގެ ކުރިންވެސް ސްކޫލުގައި ކޯސް ހަދަމުންދިޔަ ބޭރު ގައުމެއްގެ ދަރިވަރަކު އެހެން ކުދިންނާ ތަފާތުކޮށް ގިނައިން ފްލައިންގ ދިނުމާއެކު އެހެން ކުދިންނަށްވުރެ މާއަވަހަށް ކޯސް ނިންމައިދީފައިވޭ" ދަރިވަރަކު ބުންޏެވެ.

އަބަދުވެސް ޕޭމެންޓް ދައްކާފައި ވެސް ފްލައިންގ އަށް އެދި ކުދިން ސަލާން ޖަހަން ޖެހުމާއި، ފްލައިން ޝެޑިއުލް ކުރުމުގައި އެއްވެސް ކަހަލަ ދެފުށް ފެންނަ ގޮތެއް ނެތްއިރު މިކަމުގައި ވެސް ބޭރު ކުދިންނާއި ދިވެހި ކުދިން ތަފާތުކުރުން ބޮޑުކަން ދަރިވަރުން ފާހަގަކުރެއެވެ.

ކަންބޮޑުވުންތައް ސްކޫލްގެ އިސްވެރިންނަށް، ހުރިހާ ކަމެއް ކޮވިޑްގެ ބޮލަށް!

ފްލައިން ސްކޫލްގައި މިވަގުތު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ދަރިވަރުން ވަނީ ފްލައިން ސްކޫލް ހިންގާ އޭޝިއާ އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ގެ އިސްވެރިންނަށް ސިޓީ އެއް ވެސް ފޮނުވާފައެވެ. އެގޮތުން މި ސިޓީގައި ދަރިވަރުން ވަނީ ކޯސް ނުނިމި ދިގުލައިގެންދާތީ އާއި ސްކޫލްގެ އޮޕަރޭޝަން ހަފްތާއަކު ތިން ދުވަހަށް ބަދަލުކުރި ކުރުމާއި އަދި އެ ނޫންވެސް ކަންބޮޑުވުންތަކާއެކު، ސްކޫލުން މިކަންކަން ހައްލުކުރަން ގެންގުޅޭ ޕްލޭން އޮޅުންފިލުވައިދިނުމަށް ވަނީ އެދިފައެވެ.

މި ސިޓީއަށް ޖަވާބުދޭން ސްކޫލްގެ އިސްވެރިންނަށް 10 ދުވަސް ނެގި އެވެ. 10 ދުވަސްތެރޭ ސިޓީ އަށް ޖަވާބު ދެވުނުއިރު އޮތީ ހުރިހާ ކަމެއް ކޮވިޑް-19 ގެ ބޮލަށް ބިންދާލާފައެވެ. އެގޮތުން ފްލައިޓުތަކުގެ ރިޕެއަރ މަސައްކަތަކާއި ފްލައިޓުތަކުގެ ޝެޑިއުލިން ވެސް އޮތީ ކޮވިޑާއި ގުޅި ލާމަހިފައެވެ.

އެ ސިޓީގައި ކޮވިޑާއި ގުޅިގެން އޭވިއޭޝަން ދާއިރާ އަށް ލިބުނު ގެއްލުންތަކުގެ ވާހަކަތަކެއް ވެސް ފާހަގަކޮށްފައިވެއެވެ. އެއީ ތެދު ވާހަކައެކެވެ. އޭވިއޭޝަން ދާއިރާ އަށް މިފަހުގެ ތާރީހެއްގައި ވެސް ނުލިބޭ ވަރުގެ ގެއްލުމެއް ކޮވިޑާއެކު ވަނީ ލިބިފައެވެ. ނަމަވެސް އޭވިއޭޝަން ދާއިރާ އަށް ކުރި އަސަރަކާއި ފްލައިން ސްކޫލްގެ ދަރިވަރުންގެ ކޯސް ނުނިމުމާއި އެއްވެސް ގުޅުމެއް ހަގީގަތުގައި ނެތެވެ.

ފްލައިން ސްކޫލަކީ ސަރުކާރުން ނުވަތަ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ބަޔަކު ފައިސާ ދީގެން ހިންގާ ތަނެއް ނޫނެވެ. އެތަނަކީ އެތަނުގައި ކިޔަވާ ދަރިވަރުންގެ ފައިސާ އިން ހިންގަމުން އަންނަ ތަނެކެވެ. ބަރާބަރަށް އެތަނަށް ދަރިވަރުން ފައިސާ ދައްކަންޖެހޭއިރު، ކޯސް ނުނިމި ދިގުލައި، ދުވާލަކު ގަވާއިދަކަށް އެތަނުގައި އަމަލުކުރަމުން އައުމަށްފަހު ދެން ހުރިހާ ކަމެއް ކޮވިޑްގެ ބޮލަށް ކަނޑާލުމަކީ އަދި މިކަމުން ރެކެވޭނެ ކަމެއް ނޫން ކަމަށް ދަރިވަރުން އެއްބަސްވެއެވެ.

"ފްލައިން ސްކޫލަކީ ފެސެންޖާ އެއާލައިނަކުން ޓިކެޓު ވިއްކާ ގޮތަށް ފައިސާ ހޯދާ ތަނެއް ނޫން. ކޮވިޑް އޮތަސް ދަރިވަރުން ދެއްކި ލާރި ހުންނަންވާނެ. އަމިއްލަ އަށް ކިޔަވާ ދަރިވަރުންގެ މާލީ ހާލަތު ހުރިގޮތުން ފައިސާ ނުދެއްކިއްޖެނަމަ، ސްކޫލުން އެބަ ބުނޭ ކޯސް ޑިލޭވުމަކީ ތިމަންނާމެންގެ މައްސަލައެއް ނޫނޭ. އެކަމަކު ލާރި ދައްކާފައި ހުންނައިރު ގަވާއިދުން ފްލައިން އެއް ނުލިބޭ" ނަން ނުޖަހާ ގޮތަށް ދަރިވަރަކު ބުންޏެވެ.

ލައްކައިން ފައިސާ ހޭދަކުރެވިއްޖެ، މިއީ އިސްރާފެއް؟

ފްލައިން ސްކޫލްގައި ކިޔަވަމުންދާ ބައެއް ދަރިވަރުންނަކީ ހަޔާ އެޑިއުކޭޝަންގެ ލޯނުގެ އެހީގައި ކިޔަވަމުންދާ ދަރިވަރުންނެވެ. އެގޮތުން މި ލޯނު ސަރުކާރުން ހަމަޖައްސައިދިން އިރު މީގެކުރިން ޝަރުތުކޮށްފައި އޮންނަނީ އައްޑޫ ފްލައިން ސްކޫލުން ތަމްރީނު ނިންމުމަށެވެ. އަދި އަމިއްލަ ހަރަދުގައި ވެސް ކިޔަވާ އެތައް ދަރިވަރުންނަށް އެތަނުގައި އެބަ ތިއްބެވެ.

"އަތުން އަށް ލައްކަ ރުފިޔާ މިހާރުވެސް ހަރަދުވެއްޖެ. ކެއުމާއި ހުރުމުގެ ހަރަދަށް ކުރި ހަރަދަށް ބަލާއިރު މިހާރު ހުންނާނީ މިލިއަނެއްގައި. ރާއްޖެއިން ބޭރަށް ދިޔަނަމަ މިއަށް ވުރެ ކުރު މުއްދަތެއްގައި ކޯސް ނިންމުމަށްފަހު މިހާރު ތިބޭނީ ގައުމަށް ހިދުމަތް ކުރުމުގައި" ކޯހަށް ދިޔަ ހަރަދާއި ގުޅޭގޮތުން ވާހަކަދައްކަމުން ދަރިވަރަކު ބުންޏެވެ.

މިއީ ދަރިވަރުން ބުނާ ގޮތުންނަމަ، ރާއްޖެއިން ބޭރު ގައުމަކަށް ގޮސްގެން ވެސް މި ކޯސް ހެދޭނެހޭ ފައިސާ އެވެ. ބައެއް ދަރިވަރުން އަންނަނީ މިއީ އަތުން އިސްރާފުވި ފައިސާތަކެއްތޯ ވެސް ހިތާއި ހިތާއި ސުވާލު ކުރަމުންނެވެ. ދަރިވަރުންގެ އަނެއް ކަންބޮޑުވުމަކީ ސިވިލް އޭވިއޭޝަންގެ ބައެއް ގަވާއިދުތަކާއި އެއްގޮތަށް ވެސް ސްކޫލުން އަމަލުނުކުރާ ކަމެވެ.

"ސިވިލް އޭވިއޭޝަންގެ ގަވާއިދު ބުނާގޮތުން ކޮންމެ ހަ ދަރިވަރަކަށް އިންސްޓްރަކްޓަރަކު ހުންނަންޖެހޭ. އެކަމަކު ދުވަހަކު ވެސް އެ އަދަދަށް އިންސްޓްރަކްޓަރުން ނުތިބޭ. އެކަމަކު ކުދިން ނުނިމި ކިޔޫ ޖެހެމުންދާއިރު ވެސް އައު ކުދިން ސްކޫލަށް ވައްދަމުން ދަނީ"

"ފާއިތުވެގެންދިޔަ ތަނުގައި ސްކޫލާއި ބެހޭ ގޮތުން ސިވިލް އޭވިއޭޝަނަށް ޝަކުވާ ހުށަހަޅާ ދަރިވަރުންނަށް ބިރު ދައްކައި، ބައެއް ކުދިން ސްކޫލުން ވަކިކޮށް، އިންޒާރުގެ ސިޓީ ވެސް ފޮނުވާފައި އެބަހުރި. ގިނަ ފަހަރަށް ފްލައިން ހޯދަން މިޖެހެނީ އާދޭސް ކުރަން. އާދޭސް ކުރީމަ އެބަހުރި ބައެއް ފަހަރު އަވަގުރާނަ ވެސް ދަރިވަރުންނާއި ދިމާލަށް ގޮވާފައި. ހިތަށް އަރާ މި އުޅެވެނީ އަމިއްލަ ފަސްގަނޑުގައި ބާވައޭ ވެސް" ބުންޏެވެ.

ސަރުކާރުން ކުރަނީ ކޮން ކަމެއް؟

ދަރިވަރުން ބުނީ ކޯސް ނުނިމި ދިގުލައި، ގިނަ އަދަދެއްގެ ފައިސާ އިސްރާފުވާތީ ފްލައިން ސްކޫލްގެ މި މައްސަލަތަކަށް އެޑްރެސް ކޮށްދޭން ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓްރީއަށް ތަކުރާރުކޮށް ހުށައަޅާފައިވާ ވާނެ ކަމަށެވެ. އެގޮތުން އެންމެފަހުން ދަރިވަރުން މިކަމަށް އެޑްރެސްކޮށްދޭން އެދި ސިޓީ ފޮނުވީ މިދިޔަ އާދިއްތަ ދުވަހުއެވެ.

"މީގެކުރިން ވެސް ތަކުރާރުކޮށް އަޅުގަނޑުމެން ސިވިލް އޭވިއޭޝަނަށް ގޮސްފައި ވެސް ހުންނާނީ ޝަކުވާތައް ހުށަހަޅާފައި. ދިނީ ބީރު ކަންފަތެއް. މިފަހަރު ދެން މިތިބީ ރަނގަޅު ޖަވާބެއްގެ އުއްމީދެއްގައި" ދަރިވަރަކު ބުންޏެވެ.

ބައެއް ދަރިވަރުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކާއި އޭއޭއޭގެ އިސްވެރިންނާއި ގާތް ގުޅުމެއް އޮވެއެވެ. އެގޮތުން މައްސަލަތަކަށް ހައްލެއް ނުލިބިގެން އުޅޭ ސަބަބަކީ ވެސް އެއީ ކަމަށް ދަރިވަރުން ތުހުމަތު ކުރެއެވެ.

"އަޅުގަނޑުމެންނަށް ޔަގީން ސަރުކާރުގެ ބާރުގަދަ ފަރާތްތަކާއި އޭއޭއޭގެ ފަރާތްތަކާއި ވަނީ ގުޅިފައިކަން. އެހެން ނޫންނަމަ ދިވެހި ދަރިވަރުން މި ހާލުގައި ޖެހުނުއިރު، ސަރުކާރުގެ އިސް ފަރާތްތަކުން އަޅާނުލާންވީ ސަބަބެއް ނެތް. މި ހާލުގައި ދަރިވަރުން ޖެހިފައި ތިބިކަން ނޭނގޭ ސަރުކާރުގެ އިސް ފަރާތެއް، ސިޔާސީ ފަރާތެއް ނުތިބޭނެ" ބުންޏެވެ.

މިހެން ކަންތައްތައް ހުރުމުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އޭއޭއޭގެ މައްސަލަ ވަރަށް ގާތުން ބަލަން ޖެހޭނެ ކަމަށް ފެނެއެވެ. ކޮވިޑްގެ މި ހާލަތުގައި ސަރުކާރުން ވެސް ޒުވާނުން މުހިއްމު ދާއިރާތަކަށް ނެރުމަށް ބާރު އަޅަމުންދާ ދަނޑިވަޅެއްގައި މިކަމަށް ހައްލެއް ހޯދައިދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ޒިންމާދާރު ކަމާއެކީގައި ކުރަން ޖެހެއެވެ.

"މި ސަރުކާރުވެސް އައީ އަނިޔާ އާއި ދެކޮޅަށް ވަކާލާތު ކުރަމުން. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވައުދެއް އެއީ ފްލައިން ސްކޫލް އިތުރަށް ތަރައްގީކޮށް ހިންގުން. އަމިއްލަ ފަސްގަނޑުގައި ހާލުގައި އަޅުގަނޑުމެން ޖެހެމުން، ހައްގުތައް ވެސް ގެއްލެމުންދާއިރު، މި އާދޭސްތައް އަޑުއަހާނެ މުއައްސަސާއެއް ސިޔާސީ މީހެއް ނެތް. ފްލައިން ސްކޫލް ޒިންމާދާރު ކުރުވާނެ މުއައްސަސާއެއް މި ދިވެހި ފަސްގަނޑުގައި ނެތީތޯ" ދަރިވަރެއްގެ އާދޭސް ހިއްސާކުރަމުން ބުންޏެވެ.