ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމަންޓް ނުވަތަ ސަފްޓާގެ ނަމުގައި ސާކުގެ ގައުމުތައް މިނިވަން ވިޔަފާރީގެ ވިޔުގައަކުން ގުޅާލައި އިންޑިޔާވކަނޑަކީ މިނިވަން ވިޔަފާރީގެ ނާރެހަކަށް ހެދުމުގެ ވާހަކަ އެންމެ ފުރަތަމަ ތިލަވެގެން އައީ 1998 ވަނަ އަހަރު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ސާކު ސަމިޓުގެ ތެރެއިންނެވެ. އެއީ ސާކް އުފެދުނު ފަހުން ވެރީންގެ ދިހަ ވަނަ ސަމިޓެވެ. އިންޑިޔާ ތަމްސީލު ކުރެއްވީ ބޮޑުވަޒީރު ވަޖްޕާއީއެވެ. ޕާކިސްތާނު ތަމްސީލު ކުރެއްވީ ބޮޑުވަޒީރު ނަވާޒު ޝަރީފެވެ.
ސަމިޓު ކަވަރުކުރާން ކޮލަމްބޯއަށް ދިޔަ މަދު ދިވެހި ނޫސްވެރިންގެ ތެރެއިން އެކަކީ އަޅުގަޑެވެ. ސަމިޓު ކަވަރުކުރާން އެކި ގައުމުތަކުން ދިޔަ ގިނަ ނޫސްވެރިން ތިބީ އަދި ސަމިޓުގެ އެއް ޕްރެސް ސެންޓަރު ގާއިމް ކުރެވިފައިވަނީ އޭރުގެ އިންޓަރ ކޮންޓިނެންޓަލް ހޮޓަލުގައެވެ. މިހާރު އެއީ ކިންގްސްބަރީ ހޮޓަލެވެ. ސަމިޓުގެ ނިންމުންތަކާއި އަރައިރުންތަކުގެ އުދާސް ނޫސްވެރިންނާ ހަމަޔަށް ތިލަވެގެންއައިސް އެއްހޮޓަލެއްގައި ތިބޭއިރު އަޅުގަޑުމެންގެ ތެރޭގައިވެސް އެކި ކަންކަމާމެދު ހޫނު ބަހުސްތައް ހިނގާގޮތް ވަރަށް ގިނައިން މެދުވެރިވެއެވެ.
އިންޑިއަން އެކްސްޕްރެސްއޭ ކިޔުނު ނޫހުގެ ފަރާތުން ގޮސްހުރި ނޫސްވެރިޔާ އެއް ރޭ ފެށި ވާހަކައެއްގައި ބުނެފިއެވެ. ބަހާރަތު ކަނޑުގައި ސަފްޓާ ގާއިމުކުރީމާ އޭގެ ފައިދާ އެންމެނަށްވެސް ވަރަށް ބޮޑުވާނެއެވެ. ކަލޭމެންގެ ރާއްޖެއަކީ މުޅީންވެސް ބަހާރަތު ކަނޑަށް ބަރޯސާވާ ގައުމަކަށްވީމާ ކަލޭމެންނަށް ލިބޭނޭ ފައިދާ ވަކިން ބޮޑުވާނެއެވެ. އަޅުގަޑު އަހައިފީމެވެ. ބަހާރަތު ކަނޑަކީ ކޮބައިބާވައެވެ. މީނާ ޖަވާބުދިނެވެ. އެއީ އިންޑިޔާކަނޑެވެ. އިންޑިޔާއަށް ނިސްބަތްކުރެވޭ އިންޑިޔާގެ ކަނޑެވެ. ތިމަންނާ ބޭނުންކުރާހިތްވާނަމަކީ ބަހާރަތުކަނޑެވެ. ބަހާރަތަކީ އިންޑިޔާއެވެ. އަޅުގަޑު ބުނެފީމެވެ. އިންޑިޔާ ކަނޑޭ ކިޔަކަސް އެއީ ކަލޭމެންގެ ބަހާރަތާއި އެ ބަހާރަތުގެ ކިއްލާ ނިއުދިއްލީގެ ކަނޑެއް ނޫނެވެ. ކަލޭމެންގެ ހުދޫދު އެއްގަމުން ފެށިގެން ބާވީސް ކިލޯމީޓަރު ބޭރަށް ނިމެއެވެ. އެހެންވީމާ އިންޑިޔަން އޯޝަނޭ ކިޔަކަސް އެއީ ނިއުދިއްލީގެ އަމިއްލަ ކަނޑެއްކަމަށް ހީނުކުރާށެވެ.
މީނާ ހުރީ ޒުވާބުކުރާ މޫޑެއްގައެވެ. އެހެންވީމާ ބުނެފިއެވެ. އިންޑިޔާ ކަނޑޭ ކިޔަނީ އިންޑިޔާއަށް ނިސްބަތްކޮށްފައެވެ. ކަލޭމެންގެ ދިވެހިރާއްޖެ އޮންނަނީވެސް އިންޑިޔާ ކަނޑުން ލަކްޝަދީޕު ކަނޑޭ ކިޔުނު ސަރަހައްދުގައެވެ. ލަކްޝަދީޕަކީ ކޮންތަނެއްކަން ކަލެޔަށް ކިޔައިދޭންޖެހޭނެ ބާވައެވެ. އަޅުގަޑު ބުނެފީމެވެ. އިނގިރޭސީންގެ އަތްދަށުން 15 އޮގަސްޓް 1947 ގައި ތިޔަބުނާ އިންޑިޔާ މިނިވަންވުމުގެ ކުރީގައި އިންޑިޔާއެއް އޮވޭހެއްޔެވެ. ނޯވެއެވެ. އިންޑިޔާއޭ މިއަދު ތިކިޔަނީ ކުދިކުދި އެތައް ރަސްކަމެއް ހިނގަމުންދިޔަ ތަންތަން އެއްކޮށްލައިގެން ރިބްރޭންޑްކޮށްގެން އުފައްދާފައިވާ އާ ގައުމަކަށެވެ. އޭގެ މާކުރީންވެސް އިންޑިޔާ ކަނޑެއް އޮވެއެވެ. އިންޑިޔާ މިނަމަކީ ބަހާރަތެއްވެސް ނޫނެވެ. އެއީ ގަދީމީ އިންޑަސް ވާދީއަށް ނިސްބަތްކޮށްފައި ކިޔާން ފެށުނު ނަމެކެވެ. އިންޑަސް ވާދީގެ ބޮޑުބައެއް މިއަދު އެއޮތީ ޕާކިސްތާނުގައެވެ. އެހެންވީމާ ބަހާރަތު ކަނޑޭ ނުކިޔައި ޕާކިސްތާނު ކަނޑޭ ކިޔުންވެސް މާ ހެޔޮކަންބޮޑުވެގެންވެއެވެ.
އެވެސް ދުވަހެކެވެ. އޭގެ ބާވީސް އަހަރު ފަހުން މިވާހަކަ ތިލަކުރާނަމޭ މިއަދު ހިތަށްއެރީ މީހަކާ ޖަދަލު ކުރިވާހަކަ ދައްކާކަށެއް ނޫނެވެ. ތަންތަނަށް ކިޔާ ނަންނަމުގެ ބާވަތުން އެތަނެއްގެ ތާރީޚާއި މިލްކުވެރިކަމާމެދު ގިނަބަޔަކަށް އަރާފައި އޮންނަ އޮޅުންތަކެއްގެ ސަބަބު ބަޔާން ކުރުމުގެ ގޮތުންނެވެ.
އިންޑިޔާ ކަނޑަށް އިންޑިޔާ ކަނޑޭ ކިޔާތީ އިންޑިޔާގެ ވަރަށް ގިނަ ބައެއްގެ ސިކުނޑިތަކަށް އެއީ ހަގީގަތުގައިވެސް ނިއުދިއްލީގެ އިހުތިސާސް އޮންނާންޖެހޭ އެމީހުންގެ ސަރަހައްދެކޭ ހީވެއެވެ. މިއަދު ދިވެހީންގެ ތެރޭގައިވެސް މި ވިސްނުން ގެންގުޅޭ މީހުން ތިބިކަމަށް ލަފާކުރެވެއެވެ. އެހެން މިދެންނެވީ އިންޑިޔާ ކަނޑުގައި ދިވެހިރާއްޖެ އޮންނަހާ ދުވަހަކު އިންޑިޔާގެ ނުފޫޒު އޮންނާނެޔޭ އޮންނާން ވެސްވާނެޔޭ ބުނާ ދިވެހީންނާ ދިމާވާތީއެވެ. އެއިން ހަމައެކަކަށްވެސް ނަމުގެ އަސްލަކީ ކޮބައިކަމެއް މޭރުމެއް ނުވެއެވެ. ނަމުގެ އަސްލު މޭރުންވާ ބަޔަކު ތިބިއްޔާ އެބަޔަކު އިންޑިޔާ ދޫކޮށްލާފައި ކިޔޭތޯ މިބަލަނީ ބަހާރަތެވެ. އެއީ ހިންދީން ކިޔަން ބޭނުންވާ ގޮތެވެ.
މިއަދުގެ ދުނިޔޭގައި މިޒާތުގެ ނަންނަމުގެ ސަބަބުން އުފެދޭ މައްސަލަތަކުގެ މިސާލު އެހެން ސަރަހައްދުތަކުންވެސް ނެގޭން އެބައޮތެވެ. މީގެ އެއް މިސާލަކީ ދެކުނު ޗައިނާ ކަނޑެވެ. ސައުތު ޗައިނާ ސީއޭ ކިޔާތީ އެއީ ބެއިޖިންގުގެ އިހުތިސާސްގެ ތެރޭގައި އޮންނާންޖެހޭ ކަނޑެއްކަމަށް ޗައިނާއަށްވެސް ހީކުރެވެނީ ތޯއްޗެކެވެ. ކަނޑު ހިއްކައިގެން އައު ޖަޒީރާތައް އުފަންކޮށް އެހެން ގައުމުތަކުން ދައުވާކުރާ ފަރުފަރާއި ފަޅުފަޅުގެ މައްޗަށް ޗައިނާއިން ވަނީ އަތްގަދަކޮށްފައެވެ.
ފިލިޕީންސާއި ވިއެޓްނާމާއި މެލޭޝިޔާ ފަދަ ގައުމުތައް ޗައިނާއާ އަރާރުންވެ ދެކުނު ޗައިނާ ކަނޑަކީ މައްސަލަތައް ބޮޑު ކަނޑަކަށްވެފައިވަނީ މިހެންވެއެވެ. މީގެ އަނެއް މިސާލަކީ ގަލްފު ކަނޑެވެ. އަރަބީން ފިޔަވައި އެހެން މީހުން އެކަނޑަށް ކިޔަނީ ޕާރޝިއަން ގަލްފެވެ. އީރާނު ކަނޑެވެ. މިހެން މިކަންއޮތީމާ އެކަނޑުގައިވާ އެންމެހައި ޖަޒީރާތަކުގެ މައްޗަށް ތެހެރާނުން ދައުވާކުރެއެވެ. އެ ކަނޑުގައިވާ މިނިވަން ގައުމެއްކަމަށްވާ ބަހުރޭނަކީވެސް އީރާނު ގަބޫލުކުރާގޮތުގައި އީރާނަށް ނިސްބަތްވާންޖެހޭ ޖަޒީރާއެކެވެ.
ބޭ އޮފް ބެންގޯލް ނުވަތަ ބަންގާޅުކަނޑުގެ އަނގަމަތީގައި އޮންނަ އެންޑަމަން ޖަޒީރާތަކާއި ނިކޮބާރު ޖަޒީރާތައް މިއަދު މިލްކުވެގެންވަނީ އިންޑިޔާއަށެވެ. ބަހާރަތަށެވެ. އެއީ އިންޑިޔާއަށް މިނިވަންކަންދިންއިރު އިނގިރޭސިން ކުރި ހަދިޔާއެކެވެ. މިހެންވުމުން ބަންގާޅު ކަނޑުގެ އިރުމަތިން ފެށިގެން އެންމެ ހުޅަނގުން އިންޑިޔާގެ އައްސޭރިޔަށްވެސް އިންޑިޔާގެ އިހުތިސާސް އެބައޮވެއެވެ. ހަމައެގޮތަށް އިންޑިޔާގެ ހުޅަނގު ބިތުގައި ލަކްޝަދީޕުން ފެށިގެން ދެކުނަށްގޮސް އީކުއޭޓަރާ ހަމަޔަށް ނުވަތަ އެޔަށްވުރެވެސް ދުރަށް އިންޑިޔާގެ ކޮންޓްރޯލް އޮތުމަކީ ބަހާރަތު ކަނޑޭ ބަޔަކު އެކިޔާ ކިޔުމުގެ ފަހަތުގައި އޮތް ބޭނުމަކަށް ވެދާނެއެވެ. ނިއުދިއްލީގެ ދުރުރާސްތާގެ ސްޓްރެޓީޖިކް ވިސްނުމަކީ އެއީ ކަމަށްވެސް ވެދާނެއެވެ. މިކަން މިމަގުން ކުރެވޭނީ ދިވެހިރާއްޖޭގެ މުސްތަގިއްލުކަން އެހެންގޮތަކަށް އަނބުރާލައިގެންނެވެ. ނުވަތަ އަނބުރާލެވުނު ދުވަހަކުންނެވެ.
އެންޑަމަންގެ ޕޯޓް ބްލެއާރއިން ފެށިގެން ޗެންނާއީއާ ހަމަޔަށް އިންޑިޔާ ކަނޑުގެ އިރު އުތުރުގެ ކޮންޓްރޯލް ނިއުދިއްލީއަށް އެއޮތީ ލިބިފައެވެ. އެއީ ދިވެހިރާއްޖެއާބެހޭ ކަމެއް ނޫނެވެ. އެކަމަކު ކަނިޔާކުމާރީން ފެށިގެން އީކުއޭޓަރު ފަހަނަޅައި ދެކުނަށްގޮސް ދިވެހިރާއްޖޭގެ އެންމެ ދެކުނުން އައްޑޫއާ ހަމަޔަށް ނިއުދިއްލީގެ ކޮންޓްރޯލް އޮތުމަކީ ދިވެހިރާއްޖެއާ ބެހޭކަމެކެވެ. ދިވެހީންގެ މަސްލަހަތު ތަންނުދޭނޭ ކަމަކެވެ. ބަހާރަތު ކަނޑޭ ކިޔަސް އެހެންނަމެއް ކިޔަސް މައްސަލައެއް ނެތެވެ. އޮތީ ނަމުގެ މައްސަލައެއް ނޫނެވެ. ކަމުގެ މައްސަލައެކެވެ.
އިންޑިޔާ ކަނޑުގެ ދަތުރުފަތުރުގެ އެންމެ މުހިއްމު އެއްމަގު އޮތީ ރާއްޖޭގެ ދެކުނުގައެވެ. ބޮޑެތި ބާރުތަކުގެ ކޯޅުމުގެ ތެރެއިން ވަކިބަޔަކު ބޭނުންވާ ކަމެއް ކުރުމަށްޓަކައި އެމަގު ބަންދުކޮށް ހުޅުވައި މިސަކަރާތެއް ޖަހާން ފަށައިފިނަމަ އާ ދަންތުރައެއްގައި ދިވެހިރާއްޖެ ބެދޭނެއެވެ. އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެއީ ދުނިޔޭގެ ސުލްހަޔާއި ހަމަޖެހުމާއި އިންޑިޔާ ކަނޑުގެ މަސްލަހަތަށް އެންމެ ފައިދާ ބޮޑުގޮތެއްވެސް ނޫނެވެ. ވަކިބައެއްގެ ކޮންޓްރޯލް މުޅި އިންޑިޔާ ކަނޑަށް ފެތުރުމަކީ އެކަނޑުގެ ދަތުރުފަތުރާއި ވަސީލަތްތައް ހިއްސާކުރަން ބޭނުންވާ އެންމެންގެ މަސްލަހަތު ނިޔާކުރާ އެންމެ މޮޅުގޮތްކަމުގައިވާނޭ ގޮތެއްވެސް ނޯންނާނެއެވެ. އަޅުގަޑު ހިތުން މުޅި ދުނިޔެއަށް ފައިދާ އޮތީ ދިވެހިރާއްޖެއާއި ދިވެހީންގެ މުސްތަގިއްލުކަން ދެމެހެއްޓުނު ވަރަކުންނެވެ. އިންޑިޔާ ކަނޑުގެ ރައްކާތެރިކަމަށް އޮތް މަގަކީވެސް ދިވެހީންގެ ރައްކާތެރިކަމާއި މުސްތަގިއްލުކަމެވެ.