Last Updated: November 23, 05:52
Saturday, November 23, 2024
ޚަބަރު

ގެސްޓު ހައުސްތަކުން އުއްމީދީ ފައިދާ ލިބޭނީ އެއްބައިވަންތަވެގެން: މިނިސްޓަރު

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މި މަހުގެ 15ވަނަ ދުވަހު ގެސްޓު ހައުސްތައް ހުޅުވާލާއިރު، އެ ގެސްޓު ހައުސްތަކުން އުއްމީދީ ފައިދާއެއް ލިބިގެން ދާނީ އެއްބައިވަންތަ ވެގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެސްޓްހައުސްތައް މި މަހު 15 ގައި ހުޅުވާއިރު، އެ ގެސްޓު ހައުސްތަކުން އުއްމީދީ ފައިދާއަށް ވާސިލުވުމުގެ ބިންގަލަކީ އެއްބައިވަންތަކަމާއި ޒިންމާދާރުކަން ކަމަށެވެ.

"އެންމެން އަތުގުޅާލައި ފަރުވާތެރިކަން އިސްކޮށްގެން ތިޔަކުރައްވާ މިންނެތް މަސައްކަތުން އިރާދަފުޅުކުރެެއްވިއްޔާ މިކަން ކާމިޔާބު ކުރެވޭނެއެވެ" މައުސޫމް ވިދާޅުވިއެވެ.

އެޗްޕީއޭ އިން ނެރުނު "ސޭފް ޓުއަރިޒަމް ގައިޑްލައިން" ގައިވާ ގޮތުން ގެސްޓްހައުސްތައް ހުޅުވަން މީގެކުރިން ނިންމާފައި އޮތީ މިދިޔަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުކުރެވޭތީ ސަރުކާރުން މިހާރު ނިންމާފައިވަނީ މި މަހުގެ ތެރޭގައި ގެސްޓްހައުސްތައް ހުޅުވުމަށެވެ.

ގެސްޓްހައުސްތައް ހުޅުވުން ފަސްކުރުމުން، ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އެ އެސޯސިއޭޝަނުން ބުނީ ގިނަ ދުވަސްތަކެއް ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ވަރަށް ގިނަ ގެއްލުމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ގެސްޓްހައުސްތައް ހުޅުވުން ލަސްވުމަކީ އިންޑަސްޓްރީގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ފަދަ ކަމެއް ކަމަށެވެ.

އަދި މިފަދަ ބޮޑު ސިނާއަތެއްގެ މަސައްކަތް ފަށާނެ ވަކި ތާރީހެއް ނޭގި ތިބެންޖެހުމަކީ މި ސިނާއަތް ނެތިދިއުމުގެ ބިރުއޮތް ކަމެއްކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.