ދަރަނީގެ ހިސާބު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަލަހައްޓަވާނެ ކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ބުނެފިއެވެ.
އެމްޑީޕީ އިން މިފަދައިން ބުނެފައި މިވަނީ އެންމެ ގިނައިން ރާއްޖެއިން ދަރަނި ދައްކަންޖެހެނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުތެރޭގައި ކަމަށާއި ނަމަވެސް ސަރުކާރުގައި އާމްދަނީއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަންޖެހޭ އިރު އެވަރަށް އާމްދަނީ ނެތުން ކަމަށެވެ. އެގޮތުން 2012 އާއި 2018 އާއި ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ އެ ދަރަނި ވެސް ދައްކަން މިޖެހެނީ މި ސަރުކާރުން ކަމަށާއި ނަމަވެސް މިވަގުތު ސަރުކާރުގެ އާމްދަނީ އެކީހެން ނެތިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެންމެ ގިނައިން ދައްކަން ޖެހެނީ 2021 އާއި 2023 އާއި ދެމެދު. އަޅުގަނޑު ދެކޭ ގޮތުގައި އަދުގެ ހާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ 2012 އާއި 2018 ގެ ދަރަނި އިތުރު ޖޫރިމާނާ އަކާއި ނުލައި ބިނާ ކުރުން" ނަޝީދު ވިދާޅުވިއެވެ.
އެއާއެކު ކުއްލި އަކަށް ސަރުކާރު ހިންގާ މައިޕާޓީ އިން ޓްވީޓެއް ކުރައްވާ ދަރަނީގެ ހިސާބު އެޕާޓީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަލަހައްޓަވާނެ ކަމަށް ވަނީ ބުނެފައެވެ.
Dharaneege hisaabu thah mi Partyge Finance Minister Hon @iameeru balahattavaane. pic.twitter.com/20UX1ph2km
— MDP Secretariat (@MDPSecretariat) October 10, 2020
ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާންމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ދަރަނި މިހާރު ވަނީ 74 ބިލިއަނަށް އަރާފައެވެ. އަދި ރާއްޖޭގެ އެތެރޭގެ ދަރަނި 36 ބިލިއަން ރުފިޔާ އަށް އަރާއިރު ބޭރުގެ ދަރަނި 37.7 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. އަދި ގެރެންޓީދީފައިވާ ދަރަނީގެ އަދަދު 16.6 ބިލިއަނަށް އަރަ އެވެ.
ރާއްޖޭގެ ދަރަނި އިންތިހާއަށް މަތިވަމުންދާއިރު ދަރަނި ނުދެއްކޭނެ ހާލަތަކަށް ނުދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.