Last Updated: November 23, 05:52
Saturday, November 23, 2024
ޚަބަރު

ކޮވިޑް ސާމްޕަލް ނަގަން އުޅުނު މުވައްޒަފަށް އިކްރާމް ހަމަލާދިން މައްސަލަ މަޖިލީހަށް

ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން - ފޮޓޯ: މަޖިލިސް

ކޮވިޑް-19 ގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވި ފަރާތަކަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނާ މައްސަލަ ބަލައި ދިނުމަށް މަޖިލީހުގެ، އިމްތިޔާޒް ކޮމެޓީން ބަލާދިނުމަށް މޯލްޑިވްސް ހެލްތްޕްރޮފެޝަނަލްސް ޔޫނިއަން އިން މަޖިލީހަށް ފޮނުވައިފިއެވެ.

އެ ޔޫނިއަންއަންއިން ބުނީ މެންބަރު އިކްރާމް ވަނީ އޭނާގެ ސާމްޕަލްނެގި ހިދުމަތްތެރިޔާއަށް ދެފަހަރެއްގެ މަތިން އަތްއިސްކޮށް، (އެއް ފަހަރު އަތުގައި އަނެއްފަހަރު ފޭސް ޝީލްޑާގައި) ތިމަންނާއަށް އަނިޔާކުރާނަމަ، ޖެހުމުގެ ހައްގު އޮންނާނެކަމާއި އަދި ތަކުރާރުކޮށް ޖަހާނެކަމަށް ބުނެފައި ކަމަށެވެ.

ސިއްހީ ހިދުމަތްތެރިންގެ ޔޫނިއަން އިން ބުނީ ކޮވިޑް-19ގެ ހާލަތުގައި މާރިޗްމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ސިއްހީ ހިދުމަތްތެރިން އަދި ވޮލެންޓިއަރުން ދަނީ އާއިލާއާ ރަހްމަތްތެރިންނާ ދުރުގައި ނަފްސު ނުރައްކަލެއްގެ ތެރެއަށް ލައިގެން ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރަމުން ކަމަށެވެ. އަދި އެމީހުން އެހިދުމަތުގައި ދެމި ތިބީ ލިބޭ މުސާރައާއި އިނާޔަތްތަކަށްވުރެ ބޮޑަށް، ގައުމީ ރޫހުގައި ކޮވިޑް-19ގެ ހާލަތުން ރައްޔިތުންނާއި މުޖުތަމައު ސަލާމަތްކުރުމުގެ ރޫހުގައި ކަމަށް ވެސް އެ ޔޫނިއަނުން ބުނެއެވެ.

އެ ޔޫނިއަންއަންއިން ބުނީ މެންބަރު އިކްރާމްގެ ކޮވިޑް ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާއަށް ހަމަލާދީ، މާރާމާރީ ހިންގާ، އަދި މަގާމްގެ ހައިސިއްޔަތުބޭނުންކޮށް، ބިރުދެއްކުމަށް މަސައްކަތްކުރި މައްސަލަ، ރައްޔިތުންގެ މަޖްލިސްގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން، ބަލައިދީ ފިޔަވަޅުއަޅައިދިނުމަށްއެދި، މިއަދު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މެންބަރު އިކްރާމްގެ މައްސަލަ މަޖިލީހަށް ހުށަހެޅިއިރު އިކްރާމް ވިދާޅުވީ މާފަންނު މަދަރުސާގައި ސާމްޕަލް ނަގަން ހުރި ކުއްޖާ، އޭނާގެ ނޭފަތް ތެރެއަށް ކަފަބުރު ކޮއްޕި ގަޑީގައި ތަދުވެގެން، އެކަފަބުރު ނެރުމަށް އެ ކުއްޖާގެ އަތް ދުރަށްލި ކަމަށެވެ. އަދި އެތާ ކެމެރާ ހުރިނަމަ ކަންހިނގައި ދިޔަގޮތް ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރީންނާއި ވޮލެންޓިއަރުން އަމަލު ކުރަނީ އޯގާތެރިކަމާއެކު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

އަދި ސިއްހީ ހިދުމަތްތެރީންނާއި ވޮލެންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށާއި އެކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.