ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި މިއަދު ވާޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.
މިއަދު މިނިސްޓަރު ޝާހިދު ބައްދަލުކުރައްވާފައި ވަނީ އިންޑޮނީޝިއާ އަދި މެލޭޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ހައި ކޮމިޝަނަރުންނާއި، ލާއޯސް، ފިލިޕީންސް، ތައިލެންޑް އަދި ވިއެޓްނާމް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ އެމްބެސެޑަރުންނާއެވެ.
މި ބައްދަލުވުމުގައި ކޮވިޑް19ގެ ސަބަބުން ރާއްޖެއާއި އާސިއާންގެ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެންމެ ފަހުގެ މައުލޫމާތު މިނިސްޓަރާއި ސަފީރުން ހިއްސާ ކުރެއްވިއެވެ. އަދި ރާއްޖެއާއި އާސިއާންގެ ގައުމުތަކާއެކު އޮންނަ ދޭދޭ ގުޅުން ބަދަހިކުރުމާއި، މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކޮވިޑް19 އާއި ގުޅިގެން ގައުމުތަކުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިސްނެންގެވުމަކަށް، އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.