Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

ސްކޫލް ކުދިންގެ އެންޓިބޮޑީ ޓެސްޓު ހަދަން ފަށަނީ

ރާއްޖެއިން ކޮވިޑު-19 ޖެހުނު މީހުންގެ ހަގީގީ އަދަދު ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓު ހެދުމަށް ތައްޔާރުވަމުން އަންނަ އިރު އެންމެ ފުރަތަމަ ޓެސްޓު ކުރާނީ ސްކޫލް އުމުރުފުރާތަކުގެ ކުދިންގެ ކަމަށް ހެލްތް އިމެޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ހަގީގީ އަދަދު ދެނެގަތުމަށް އެންޓި ބޮޑީ ޓެސްޓު ހެދުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަޒްލާ ވިދާޅުވީ މި ޓެސްޓު ހަދަން ޖެހެނީ މުޅި އާބާދީގެ ހުރިހާ އުމުރު ފުރާތަކަކަށްކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ފަށާނީ ސްކޫލް އުމުރުފުރާތަކުގެ ކުދިންނަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މި ޓެސްޓްތައް ހަދަން ޖެހެނީ އާބާދީގެ ހުރިހާ އުމުރުފުރައެއްގެ. އެހެންވީމަ އެންމެ ފުރަތަމަ މި ފެށެނީ ސުކޫލް އުމުރުފުރާގެ. މި ހަފްތާގައި ޓެސްޓް ހެދުމުގެ ކަންކަން ފެށޭނެ،" ނަޒްލާ ވިދާޅުވިއެވެ.

އެންޓިބޮޑީ ހަދާނެ ޖުމްލަ އަދަދެއް އަދި އެނގިފައި ނުވާކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑު-19 އަށް ރާއްޖެއިން މިހާތަނަށް 10943 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިއީ ރަސްމީ ރިކޯޑުން ދައްކާ އަދަދެވެ. އެޗްއީއޯސީއިން ގަބޫލް ކުރރާ ގޮތުގައި ބަލީގެ އަލާމާތެެއް ނުފެނި ބަލި ޖެހި ރަނގަޅުވެފައިވެސް ބައެއް މީހުން ތިބުން އެކަށީގެންވެއެވެ.