Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

ޖުވެނިއަލް ކޯޓަށް އަންހެން ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފި

ކުޑަކުދިންގެ މައްސަލަތައް ބަލާ ޖުވެނިއަލް ކޯޓަށް އަންހެން ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފިއެވެ.

ޖޭއެސްސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ދެ ޖިންސުގެ ފަނޑިޔާރުން ޖުވެނައިލް ކޯޓަށް ޢައްޔަނުކުރުމަށްޓަކައި ޖުވެނައިލް ކޯޓަށް އަންހެން ފަނޑިޔާރަކު ހޯދުމަށް ބޭނުންވާ ކަމަށެވެ.

ޖުވެނައިލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 30،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1،650 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ޖޭއެސްސީ އިން ބުނީ އެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުވެފައިވާ އަންހެނުންނަށް ކަމަށެވެ. އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާން ވާނެ ކަމަށާއި ގާނޫނީ ވަކީލު ކަން ނުވަތަ ފަނޑިޔާރު ކަމުގެ ދެ އަހަރުގެ ތަޖުރިބާ ހުންނަން ވާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

ޖޭއެސްސީ އިން ބުނީ އެ މަގާމަށް ކުރިމަތިލާ ފަރާތަކީ އިންތިހާބު ކޮށްފައިވާ ނުވަތަ އައްޔަން ކޮށްފައިވާ ސިޔާސީ މަގާމެއް ފުރުވާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެސް ވެގެން ނުވާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީ އިން ބުނީ ޖުވެނައިލް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ އަންހެން ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ. އެ ކަމަށް ކުރިމަތިލާން ހުށަހަޅާ ފޯމާއި ލިޔެކިއުންތައް ހުށަހަޅާނީ ޖޭއެސްސީގެ އީމެއިލް އެޑްރެސް admin@jsc.gov.mv އަށް ކަމަށް އެ އިއުލާނުގައިވެއެވެ.