Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

ގެސްޓު ހައުސް ހިންގާ ރަށްތަކުގައި މާސްކު ބަހަނީ

ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުންނަށް މާސްކް ބަހަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ގެސްޓު ހައުސްތައް މާދަމާ ހުޅުވާލާއިރު ގެސްޓްހައުސް ވިޔަފާރިކުރާ ރަށްރަށުގެ ރައްޔިތުންނަށް މާސްކް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓު ހައުސްތައް ހުޅުވާއިރު އެރަށްތަކުގައި ދިރިއުޅޭ މީހުން މާސްކު އަޅަން ޖެހޭނެ ކަމަށް ބުނެފައެވެ.

ގެސްޓު ހައުސްތައް ހުރި ރަށްތަކުގައި މާސްކު ބަހަމުން އަންނަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީތެރިކަމާއި އެކުގައެވެ. އެގޮތުން ޔޫއެންޑީޕީ އިން ވަނީ ނޮން ސާޖިކަލް މާސްކު ހަދިޔާކޮށްފައެވެ.

މީގެ އިތުރުން، ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ސަރުކާރުންދޭ މުހިންމުކަން ފާހަގަކޮށް ސިންގަޕޫރުގެ ޓެމަސެކް ފައުންޑޭޝަން އިން ހަދިޔާކޮށްފައިވާ ރީޔޫސަބަލް މާސްކް ގެސްޓްހައުސް ވިޔަފާރިކުރާ ރަށްރަށުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެއެވެ.

އެ މާސްކުތައް ބެހުމަށް ހަމަޖެހިފައި ވަނީ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށެވެ.