ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގާފައިވާ ހިޔާނާތުގެ މައްސަލަތައް ނުބެލި ލަސްވަމުން އަންނާތީ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ތިއްބަވާ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުން ކަންބޮޑުވުންފާޅުކޮށްފިއެވެ.
މިއަދު އޭސީސީގެ މެންބަރުން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އަށް ހާޒިރުކޮށްފައެވެ. ކޮމެޓީ އަށް ހާޒިރުކުރީ ކޮވިޑް19 އާއި ގުޅިގެން ހެލްތު މިނިސްޓްރީ އިން ގެނެސްފައިވާ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.
އޭސީސީ އިން ރޭގެ ވަގުތެއްގައި ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރަން ފޮނުވުމުން މެންބަރުންގެ ސުވާލުތައް އަމާޒު ކޮށްފައި ހުރީ އެމްއެމްޕީއާރްސީ މައްސަލަ އާއި އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅޭ ގޮތުންނެވެ.
އެގޮތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގު ނިންމާލެވޭނެ ތާރީހަކީ ކޮބައިތޯ އޭސީސީގެ މެންބަރުންގެ އަރިހުން އެދިފައެވެ.
އޭސީސީގެ ރައީސް މަރިޔާމް ޝިއުނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދަނީ ވަކިވަކި މައްސަލަތަކަކަށް ބަހާލައިގެން ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ތަހުގީގު ނިންމާލެވޭނެ ސީދާ ދުވަހެއް އޭސީސީގެ ރައީސް އަށް ވިދާޅެއް ނުވެވުނެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އޭސީސީގެ އިތުރުން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ. އޭސީސީގެ ރައީސް ވިދާޅުވީ އެ މައްސަލަ އަކީ އެ ކޮމިޝަނުން އެކަނި ތަހުގީގު ކުރާ މައްސަލަ އަކަށް ނުވާތީ އެކަމުގައި ޖަވާބު ދެއްވަން ދަތި ކަމަށެވެ.
ޝިއުނާ ވިދާޅުވީ އެ ކޮމިޝަނުން ބަލަމުން ދަނީ ހަމައެކަނި އެމްއެމްޕީއާރްސީ މައްސަލަ ނޫން ކަމަށާއި އޭގެއިތުރުންވެސް ގިނަ މައްސަލަތަކެއް އެ ކޮމިޝަނުގައި ނުބެލިވާ ކަމަށެވެ. އަދި އެ މައްސަލަތައް ބެލުމަށް ކޮމިޝަނުގައި އެކަށީގެންވާ ވަސީލަތް ނެތް ކަމަށް ޝިއުނާ ވިދާޅުވިއެވެ. މިހާރު ތިއްބެވި މެންބަރުން ކޮމިޝަނާ ހަވާލުވިއިރު 500އަށްވުރެ ގިނަ މައްސަލަ ނުނިމި ހުރިކަން ޝިއުނާ ފާހަގަކުރެއްވިއެވެ.