ކަރަޕްޝަންގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހެލްތު މިނިސްޓަރުކަމުން ވަކި ކުރައްވާނީ ޕްރޮސެކިއުޝަން ކުރިއަށްދާ ގޮތަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީނާއި ގުޅޭ ގޮތުން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ހޫދު ވިދާޅުވީ އަމީން އާއި ގުޅޭ މައްސަލަ ބައްލަވަމުން އަންނަ ކަމަށެވެ.
"…. ޕޮރޮސެކިއުންޝަނަށްތާ އެދިޔައީ އަދި، އެކަން ނިމުމުން ހެން ހީވަނީ، ރައީސް އަޅުއްވަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ" ހޫދު ވިދާޅުވިއެވެ.
ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި ހެލްތު މިނިސްޓަރ އަމީނާއި ހެލްތު މިނިސްޓްރީގެ ބިޑު ކޮމެޓީގެ 11 މީހެއްގެ މައްސަލަ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައެވެ.
އޭސީސީން އަމީންގެ މައްޗަށް ދައުވާކުރަން ފޮނުވީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް ކުރާ ތުހުމަތާއި ގުޅިގެންނެވެ.
އެ މައްސަލައިގައި އޭސީސީން ކުރި ތަހުގީގުގައި ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ އަމީން ކަމަށާއި އެގޮތުން 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ Dr.Ali Al Tuckmachy އަށް މިނިސްޓްރީ އޮފް ހެލްތު ތަޢާރަފްކޮށްދީފައިވަނީ އަމީން ކަމަށް އޭސީސީން ބުނެއެވެ.
އަދި އެ ފަރާތުގެ ކޮންޓެކްޓް މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް)، އަޙްމަދު އަސްލަމްއަށް ދީފައިވަނީ އަދި އެ ފަރާތަކީ WHO މެދުވެރިވެގެން ހޯދާފައިވާ ފަރާތެއްކަމަށް ދޭހަވާގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީއަށް ތަޢާރަފްކޮށްދީފައިވަނީ އަމީންކަމާއި، މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން WHO މެދުވެރިކޮށް އައިސްފައިވާ ކުންފުންޏެއްކަމަށް ބަލައި، އެކަމަށް ކޮންސިޑަރކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭތީއާއި، އެއީ އަމީން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.
މީގެއިތުރުން ބިޑް ކޮމިޓީގެ ކޯރަމް ހަމަނުވާތީ، އާންމުކޮށް އެދުވަސްވަރުގެ ބިޑުކޮމިޓީތަކުގައި ބައިވެރިވެފައިނުވާ 2 މެމްބަރުން ބިޑް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އަމީން ބުނެފައިވާކަން އެނގޭ ކަމަށާއި 75 ވެންޓިލޭޓަރގެ %75 އެޑްވާންސްޕޭމަންޓް ޕްރޮސެސް ކުރިއަށްގެންދިއުމާގުޅިގެން، ޕޭމަންޓް ދެއްކުން އަވަސްކުރުމަށް އަމީން މަސައްކަތްކޮށްފައިވާކަން ތަޙްޤީޤަށް އެނގިފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.
ހޫދު ވިދާޅުވީ މަގާމުން ވަކި ކުރައްވަންދެން އަމީނަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށެވެ.
ކަރަޕްޝަންގެ ތުހުމަތު ކުރެވި ދައުވާ ކުރަން އަމީންގެ މައްްސަލަ ޕީޖީއަށް ފޮނުވުމުންވެސް އަމީން މަގާމުގައި ބަހައްޓަނީ ރައީސަށް ނުފޫޒެއް އޮވެގެންކަމަށް ދެކެވޭ ވާހަކަތައް ވެސް ހޫދު ވަނީ ދޮގު ކުރައްވާފައެވެ.
ހޫދު ވިދާޅުވީ ރައީސަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި އަމީންގެ މައްސަލާގައި އަޅުއްވަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.