އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި އައްޑޫ ސިޓީގެ ސިއްހީ މަރުކަޒުތައް ހެލްތު މިނިސްޓްރީގެ ދަށުން ވަކި ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
މި ނިންމުމާއެކު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު ހިންގަމުން ގެންދާނީ ވަކި ގަވަރނިން ބޮޑީއެއްގެ ދަށުންނެވެ. އަދި މާލީ ހިންގުމުގެ ނިޒާމުވެސް ބަލަހައްޓަން ޖެހޭނީ ސީދާ ހޮސްޕިޓަލުންނެވެ.
ވަކި ގަވަރނިން ބޮޑީއެއްގެ ދަށުން ހޮސްޕިޓަލު ހިންގަން ޖެހޭއިރު އެ ހޮސްޕިޓަލުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭނީ ހަމައެކަނި އޭއީއެޗް އެއް ނޫނެވެ. އައްޑޫ ސިޓީގެ އެކި ރަށްތަކުގައި ހިންގަމުން އަންނަ މަރުކަޒުތައް ވެސް ބަލަހައްޓަން ޖެހޭނީ އޭއީއެޗް އިންނެވެ.
މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިނގަަން ހަމަޖެހިފައިވާ ތަންތަނުގެ ހިންގުމަށް އެ ހޮސްޕިޓަލާއި ހަވާލު ކުރަންޖެހެއެވެ. ހެލްތު މިނިސްޓްރީގެ ދަށުން އޭއީއެޗް އަދި މަރުކަޒުތައް ވަކި ކުރި ނަމަވެސް އެތަންތަން ހިންގަން ޖެހޭނީ ހެލްތު މިނިސްޓްރީ އިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެތަންތަން ހިންގަނީ ސިއްހީ ހިދުމަތް ދިނުމާއި ބެހޭ ގާނޫނުތަކާއި މިނިސްޓްރީން ކަނޑައަޅާފަައިވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިންތޯ ބެލުމަކީ ހެލްތު މިނިސްޓްރީގެ ޒިންމާއެކެވެ.