ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ ވިދާޅުވެފައިވެއެވެ. ދަންނަ ބަހަކުން ބުނާ އެއްޗެއް ބޮލަށް ވަންނާނެއެވެ. އެކަމަކު ހިތުގެ ތެރެޔަށް ވަދެ ގަރާރުވެގެންދާނީ ހަމައެކަނި މާދަރީބަހުން ބުނާ އެއްޗެކެވެ. މިއީ މަންޑޭލާގެ ވަރަށް މަޝްހޫރު ވިދާޅުވުމެކެވެ. ކޮންކަހަލަ ތަޖުރިބާއެއް ކުރެއްވުމަށްފަހު ވިދާޅުވި ވާހަކަފުޅެއްކަން ސާފެއް ނޫނެވެ.
ރާއްޖޭގެ މަދަރުސާ ކުދީންގެ ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރޭގައި މިއީ އަޅުގަޑުވެސް ވަރަށް ގިނައިން ދަރިވަރުންނަށް ކިޔައިދިން ވާހަކައެކެވެ. މިހާ ގިނަ ދުވަސްވީ އަދި މިހާފަރިތަ ބަހަކަށް ވިޔަސް މާނައިގެ ފުންކަމުގެ ތެރެޔަށް އަޅުގަޑަށްވެސް މާބޮޑު ފީނުމެއް ފީނިފައި ނުވެއެވެ. ހަމައެކަނި ވާހަކަ ކިޔައިދެވެނީއެވެ.
އެތަކެއް އަހަރު ފަހުން ހަމަ ކުއްލިޔަކަށް ދިމާވި ހާދިސާއެއްގައި މަންޑޭލާގެ އެއްކަލަ ވިދާޅުވުން ކުރީގައި ތަޖުރިބާ ކުރެވިފައިނުވާ މުޅީން އައުގޮތަކަށް މިދިޔަ ހަފުތާގެ އަންގާރަދުވަހު ހަނދާނަށް އަތުވެއްޖެއެވެ. ބަހުގެ ހަގީގީ މާނަވެސް މޭރުންވެއްޖެއެވެ. ހިތުގައި ޖެހުނެވެ. ގަލަން ހިއްލައިލެވޭވަރުވީމާ އެންމެ ފުރަތަމަވެސް ލިޔާނީ މިވާހަކައެވެ.
މެޔަށް ކޮންމެވެސް ކަހަލަ އުދަގުލެއް އިހުސާސްވެގެން މިދިޔަ ހަފުތާތެރޭގައި އައިޖީއެމްއެޗަށް ގޮސް ޑޮކްޓަރަށް ދެއްކީމާ ނަގަންޖެހުނީ އީސީޖީއެކެވެ. އެހިސާބުން ދެން އިތުރުކަމެއްކުރާކަށް ނުޖެހުނެވެ. އެކިއެކި ޑިޕާޓްމަންޓުތަކަށް ނިސްބަތްވާ ނަރުހުންނާއި ޑޮކްޓަރުން އަޅުގަޑުގެ ކަންތަކާއިގެން އުޅެގެންފިއެވެ. އެކަމަކު އިރުއަރައި އަލިވާންދެން ބޭއްވީ އިމަޖެންސީ ވޯޑުގައެވެ. އެއީ ކޮވިޑު ޓެސްޓާއި އެޗްއައިވީ ޓެސްޓުގެ ނަތީޖާ ލިބެންދެނެވެ.
އިރުއަރައި އަލިވީ ފަހުން ބަދަލުކުރީ ސީސީޔޫއަށެވެ. ދީފައިވާ ބޭސްތަކުގެ ބާވަތުންކަމަށްވެސް ވެދާނެއެވެ. ބޮޑަށް އޮވެވެނީ ނިންޖާ ގާތުގައެވެ. މިހެން އޮއްވައި ހޭލެވުނީ ކެތުލެބަށް ވައްދައި އެންޖިއޯގްރާމް ހަދަން ތައްޔާރުވީ ހިސާބުންނެވެ. އަޅުގަޑަށް އިވުނީ އަޅުގަޑުގެ އަމިއްލަ މާދަރީބަހުން (އައްޑޫބަހުން) އަޅުގަޑަށް ގޮވައި ހާލު އޮޅުންފިލުވި އަޑެވެ. އެޑްމިޓްކުރެވިފައި އޮތީ ހިތުގެ ބައްޔަކަށް ފަރުވާދިނުމަށެވެ. އެވަގުތު މާދަރީބަހުން އަޅުގަޑާ ވާހަކަ ދެއްކުމަކީ ހިތަށް ލިބުނު ހާދަހާބޮޑު ފިނިކަމެކެވެ. ހާދަހާ ބޮޑު ތާސީރެކެވެ.
ޖަވާބުދިނީމެވެ. ވޭނެއް ނެތެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ތިޔައީ ކޮންބޭފުޅެއްކަމެއް ނޭގުނެވެ. ފޭސްމާސްކުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ވިދާޅުވިއެވެ. ރަށަކީ ހިތަދޫއެވެ. ނަމަކީ އަލީ ޝަފީގެވެ. ދެންނެވީމެވެ. މިހާތަނަށް ދިމާވެފައި ނެތެއްކަމަކު ވަރަށް ދިމާވާން ބޭނުންވެފައި ހުރި ބޭފުޅެކެވެ. ޕޭޝަންޓާއި ޑޮކްޓަރުގެ ގޮތުގައިވިޔަސް އެކަން މިއޮތީ ވެފައިތާއެވެ. ވަރަށް އުފާކޮށްފީމެވެ. އެންޖިއޮގްރާމުގެ ކަންތައް ކުރިޔަށް ދިޔަ ގަޑިއެއްހާއިރު ތެރޭގައި ޑރ އަލީ ޝަފީގު އަޅުގަޑާ ވާހަކަ ދައްކަވަމުން ގެންދެވިއެވެ. އަޅުގަޑުވެސް ސުވާލުތައް ދަންނަވަމުން ގެންދިޔައީމެވެ. މުޅިންވެސް އަޅުގަޑުގެ މާދަރީބަސް ނުވަތަ މައިފުނަބަސްކަމަށްވާ އައްޑޫބަހުންނެވެ.
އޮޕަރޭޝަނަށް ފަހު ސީސީޔޫގައި ބޭއްވި ދެދުވަހުވެސް ޑރ އަލީ ޝަފީގު ހެނދުނާއި މެންދުރުފަހު ވަޑައިގެން ހާލުބައްލަވައެވެ. ބައެއްކަހަލަ ޚަބަރުވެސް ދެއްވައެވެ. ޑޮކްޓަރުގެ އަރިހުގައި ބޭރު ޑޮކުޓަރުންނާއި ނަރުހުންނާއި ދިވެހީންގެ ބޮޑު އޮޅިއެއް އޮތަސް އަޅުގަޑާ މުވާސަލާތު ކުރައްވަނީ މުޅިންވެސް އައްޑޫބަހުންނެވެ. މިވާހަކަ މިއަދު މިލިޔަނީ އައްޑޫއަށް ނިސްބަތްވާ ދެމީހަކު ދިމާވެގެން އެކަކު އަނެކަކާ އައްޑޫބަހުން ވާހަކަ ދެއްކީމޭ ވަރަށް އުފާވިޔޭ ލިޔާކަށެއް ނޫނެވެ. އަޅުގަޑަކީ ޕޭޝަންޓެވެ. އެއީ ޑޮކްޓަރެވެ. އަޅުގަޑު މިލިޔުނީ އެވަގުތު މާދަރީބަހުން މުއާމަލާތު ކުރެވުނީމާ ހިތަށް ލިބުނު ހަމަޖެހުމުގެ ވާހަކައެވެ. ލިބުނު ޝިފާގެ ވާހަކައެވެ.
އެކަން ބަޔާންކުރެވޭނީ ތަޖުރިބާކުރެވިފައިވާ މީހަކަށެވެ. މަންޑޭލާ ވިދާޅުވިހެން ދަންނަ ބަސްބަހުން އެންމެންވެސް އެބަބުނެއެވެ. ސިގިރޭޓް ބުއިން ހުއްޓައިލާށެވެ. އެބުނުން ބޮލަށް ވަދެއެވެ. އެކަމަކު ހިތަކަށް ނުވަދެއެވެ. ހުއްޓައިނުލެވިގެން އުޅުނީ އެހެންވެގެންތާއެވެ. އެކަމަކު ޑރ އަލީ ޝަފީގު އެވާހަކަ މާދަރީބަހުން ވިދާޅުވީމާ ހަމަރީއްޗަށް ހިތުގެ ތެރެއަށް ވަދެގެން ހިގާއްޖެއެވެ. ސިގިރެޓާ ދުރުހެލިވެސް ވެވިއްޖެއެވެ.