އޭޑީކޭ ހޮސްޕިޓަލުގެ ފާހާނާތަކުގައި ބަހައްޓާފައި ހުރި އަތް ހިއްކާ މެޝިންތައް ވަގަށް ގެންދިޔަ ވާހަކަތައް މީޑިއާތަކުގައި ޖެހުމުން އެ މެޝިންތައް އަލުން އަނބުރާ އޭޑީކޭ އަށް ގެނެސްދީފިއެވެ.
މީގެކުރިން އޭޑީކޭ އިން ވަނީ މެޝިނެއް ވަގަށް ނެގި ކަމަށް ތުހުމަތުވާ މީހާ ފެންނަ ސީސީޓީވީ ފުޓެޖް ވެސް އާންމުކޮށްފައެވެ. އެ ވީޑިއޯގައި ފެންނަނީ މާސްކެއް އަޅައިގެން، ބޮޑު ދަބަހެއް ކޮނޑުގައި އަޅުވައިގެން ހޮސްޕިޓަލަށް ވަންނަ ފިރިހެނެކެވެ. އަދި އޭނާ ފިރިހެނުންގެ ފާހާނައިގެ އިތުރުން އަންހެނުންގެ ފާހާނާއަށް ވެސް ވަދެ ނުކުންނަ މަންޒަރު ވީޑިއޯ އިން ފެނެއެވެ.
ފާހާނާތަކުގައި އެ މެޝިންތައް ބަހައްޓާފައި ވަނީ ވަރަށް ފަހުން ކަމަށް އޭޑީކޭ އިން މީގެކުރިން ކޮށްފައިވާ ޓްވީޓުގައި އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އޭޑީކޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވަގަށް ނެގި އަތް ހިއްކާ މެޝިން މިއަދު އަނބުރާ ގޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި ކުދިކުދި ގެއްލުންތަކެއް ވެސް ލިބިފައިވާ ކަމަށެެވެ.