އައްޑޫ ސިޓީ ސްކުއާރއަށް 5 ދިދަ ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއްލާންކޮށްފިއެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި އިއްލާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ، ސިޓީ ސްކުއާރގައި ބޭނުންކުރުމަށް 05 ދިދަ ބޭނުންވާތީ މިތަކެތި އެއިދާރާއަށް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
އެގޮތުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރ 21 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2020 އޮކްޓޯބަރު 28 ވާ ބުދަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް ބިޑު ގަތުމަށް ބޭނުން ފަރާތްތަކަށް ބިޑު ޑޮކިއުމެންޓު ލިބޭނެކަމަށެވެ.
ބިޑު ޑޮކިއުމެންޓެއްގެ އަގަކީ 300 ރުފިޔާއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ. އަދި އެއިދާރާގެ ފައިނޭންސް ސެކްޝަނުގެ މެއިލްއަށް (finance@adducity.gov.mv) ބިޑް ގަތުމަށް (ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) ) މެއިލް ކުރުމަށް ކައުންސިލުން ވަނީ ބުނެފައެެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2020 ނޮވެންބަރު 04 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކައުންސިލްގެ އިދާރާގައެވެ.
އައްޑޫ ސިޓީ ސްކުއާ އަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ތަނެކެވެ.، ނަމަވެސް 2 އަހަރުވެގެންދާއިރު އެތަނުގެ މަސައްކަތް ނިންމާލެފައިނުވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ މިއަހަރުގެ ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އައްޑޫ ސިޓީ ސްކުއާގައި ބާއްވާނެކަމަށެވެ. ނަމަވެސް ގައުމީ ދުވަހުގެ ދިދަ ނެގުން ބާއްްވާފައިވަނީ އައްޑޫ ކައުންސިލް އިދާރާގައެވެ.