ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުވި ސިޓީއެއްގައި އަމީނު ވިދާޅުވީ އޭނާ މަގާމުން ދުރުކުރުމަށް ވާންކުރާ ކުރުމަކީ ކޮންމެހެން އޭނާ އަށް އަމާޒުވާ އެތިފަހަރެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
އަމީންގެ ސިޓީ އިން އިސްތިއުފާ ދެއްވުމުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާތަކެއް ކުރެވުނުކަން އެނގިގެން ދިޔައެވެ.
"އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެން ކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރޭތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތްގެ މަގާމުން އިސްތިއުފާ ދިފީމެވެ." އަމީން ވިދާޅުވިއެވެ.
އަމީން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިއިރު ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް އޭސީސީ އިން ވަނީ މައްސަލަ ތަހުގީގުކޮށްފައެވެ. އަދި ނާޖާއިޒު މަންފާއެއް ހޯދައިދޭން އުޅުނުކަން އޭސީސީގެ ތަހުގީގުން ފާހަގަވެފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.
ނަމަވެސް އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އަށް މައްސަލަ ފޮނުވުމުން އެ މައްސަލަ އަނބުރާ ވަނީ އޭސީސީ އަށް ފޮނުވާލާފައެވެ. އޭސީސީ އަށް މައްސަލަ އަނބުރާ ފޮނުވާލީ ކޯޓުގައި މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް ޕީޖީ އިން ބުންޏެވެ.
މީގެއިތުރުން އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ 24 މެންބަރަކު އިސްވެ ސޮއިކޮށް ވަނީ ވައްދާފައެވެ. ނަމަވެސް މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ބައްދަލުވުމެއްގައި 31 މެންބަރުން ވޯޓު ދެއްވީ އަމީނަށް އިތުބާރު އޮތް ކަމަށެވެ.