ވެންޓިލޭޓަރުގެ ބޮޑު ކަރަޕްޝަނާއި އެކު ރޭ ހެލްތު މިނިސްޓަރުކަމުގެ މަގާމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވާފައިވާ އިރު އޭނާގެ މައްޗަށް ކަރަޕްޝަންގެ ބޮޑު ތުހުމަތުތަކެއް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ވަނީ ކޮށްފައެވެ.
ކޮވިޑު-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ބޭނުމަކަށް ހޯދަން މަސައްކަތް ކުރި 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއި ހަވާލު ކޮށްފައިވަނީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ ނުފޫޒުން ކަމަށް އޭސީސީން ވަނީ ތުހުމަތުކޮށްފައެވެ.
އަމީންގެ މައްޗަށް ކަރަޕްޝަންގެ ތުހުމަތުކޮށް، އޭސީސީން ދައުވާކުރުމަށް ޕީޖީއަށް ފޮނުވުމުން އެ މައްސަލާގައި ދައުވާ ކުރެވޭނެ ހެކި ނެތްކަމަށް ބުނެ މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ. ނަމަވެސް އޭސީސީން ވަނީ އޭސީސީގެ ތަހުގީގުގައި އަމީންގެ މައްޗަށް ދައުވާ ކުރެވޭވަރަށް ހެކި ހުރި ކަމަށް ބުނެ އޭސީސީގެ ރިޕޯޓު ދިފާއުކޮށްފައެވެ. މި މައްސަލަ ހޫނުވެ އެންމެ ފަހުން މިނިސްޓަރ އަމީން މަގާމުން ވަކި ކުރުމަށް ރޭވަނީ މަޖްލިސްއަށް ހުށަހަޅާފައެވެ. އަދި އެ ޕްރެޝަރުގައި ރޭ ދަންވަރު އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި އެކު ގައުމީ ޕާޓީން ސިޔާސީ މަސައްކަތަށް ނިކުންނެވި އަމީންގެ މާޒީއަށް ބަލާއިިރު މީގެ ކުރިންވެސް އަމީނުގެ މައްޗަށް ވަނީ ކަރަޕްޝަންގެ ތުހުމަތު ކުރެވި މައްސަލަ އޭސީސީން ބަލައި ތަހްގީގު ކުރުމަށް ޕީޖީއަށް ފޮނުވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އަމީން ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައެވެ. އެމަގާމުގައި ހުންނަވައި، ތިމަރަފުށި އެއާޕޯޓުގެ މަސައްކަތް ކުރަމުން އައި ކުންފުންޏަށް މަސައްކަތް ނުނިމުމާއި ގުޅިގެން ކުރެވުނު ޖުރިމަނާ މަނާކޮށްފައިވަނީ މަގާމުގެ ނުފޫޒުން ކަމަށް އޭރު ތުހުމަތު ކުރެވި އެ މައްސަލަ އޭސީސީން ތަހުގީގުކޮށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވިއެވެ. ނަމަވެސް އެފަހަރުވެސް އަމީންގެ މައްޗަށް ދައުވާކޮށްފައިނުވެއެވެ. އެއީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ފެންމަތިވި އެ މައްސަލަ އާއި ގުޅިގެން އަމީން ރާއްޖެ ދޫކޮށް އަވައްޓެރި ލަންކާއަށް ބަދަލުވެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަމީން އޭރު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސިޓީގައި ހިމަނާފައިނުވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކަރަޕްޝަންގެ ތުހުމަތު ކުރެވުނު އަމީނަށް އޭގެ ފަސްއަހަރު ފަހުން އިތުރު ކޮރަޕްޝަންގެ ދައުވާތަކެއް އުފުލިފައިވާ އިރު އޭސީސީން ވަނީ އަމީންގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށްފައެވެ.
އެގޮތުން މިނިސްޓަރު އަމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކަކާ އެކު ހަތަރު ދައުވާއެއް އުފުލައިދޭން އޭސީސީން އެދުނެވެ. އެ ދައުވާ އުފުލައިދޭން އެދުނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ)ގެ (2) އާއި 512 ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުންނެވެ.