އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ގެ ފަސް މެމްބަރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ކޮމެޓީގައި އެޖެންޑާކޮށްފިއެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ހުށަހެޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާ އާއި ބެހޭ ކޮމެޓީގައި އެޖެންޑާ ކޮށްފައިވަނީ މިއަދު ހެނދުނު 11 ޖަހާއިރަށެވެ.
މައްސަލަ މަޖްލިސްއަށް ހުށަހަޅުއްވަމުން ހަސަންޓޭ ވިދާޅުވީ މެމްބަރުން ވަކިކުރަން ހުށަހެޅުވީ މިހާތަނަށް އެ މެމްބަރުން އެ ކޮމިޝަނަށް ހޮވުމަށްފަހު ވައްކަމާއި އަދި އެހެން އެތައް މައްސަލައެއް ފުނިޖެހިފައިވާއިރު ވެސް އެ މައްސަލަތަަކަށް އެކަށީގެންވާ ހައްލެއް ލިބިފައި އަދި އެކަށީގެންވާ މަސައްކަތެއް އެކަމުގައި ކުރެވިފައި ނުވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އޭސީސީ މެމްބަރުން ވަކި ކުރުމަށް ހުށަހަޅާފައިމިވަނީ ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެންނެވެ.
މި މައްސަލައިގައި ދައުވާނުކޮށް އަނބުރާ ފޮނުވާލަން ޕީޖީ އޮފީހުން ނިންމިއިރު، އޭސީސީން މައްސަލަތަކުގައި ކުރާ ތަހުގީގުތަކާ މެދު އެމްޑީޕީގެ މެމްބަރުން މީގެކުރިން ވެސް ވަނީ ސުވާލު އުފައްދާފައެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަދަ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ހުއްޓައި، ކުދިކުދި މައްސަލަތައް އޭސީސީން ބަލަމުންދާތީ ވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން އޭސީސީން ބުނީ އެމްއެމްޕީއާރްސީގެ މައްސަލަ އަކީ ދައުލަތުގެ އެކި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރާ މައްސަލައެއް ކަމަށާއި އެހެންކަމުން އެ މައްސަލަ ނިމޭނެ ތާރީހެއް ހަމައެކަނި އޭސީސީ އަށް ނުބެނެވޭނެ ކަމަށް ބުނެފައެވެ