(ސެޕްޓެމްބަރު 8، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)
ހީނާ ވެސް ބޮޑާ ހޭކުމަށް ފަހު ބައްޕަގެ ގެއަށް ދިޔައީ އެވެ. އެހެނަސް ހަމަޖެހުމެއް އޭނާ އަށް ވެސް ނުލިބުނެވެ. ކައިވެނީގެ އަލްބަމްގެ ގަނޑުތައް އުކާލެވުނު އަދަދެއް ވެސް ނޭނގެ އެވެ. އެތައް ޝަކުވާއެއް އެ އަލްބަމްގަައިވާ ދިރުމެއް ނެތް ފޮޓޯތަކާ އޭނާ ކުރަމުން ދިޔަ އެވެ.
އެ ވަގުތު އުނައިސް ދޮރު ހުޅުވާލާފައި އޭނާ އޮތް ކޮޓަރި އަށް ވަނެވެ. އޭނާ އާ ދިމާއަށް ހިނިތުންވެ ހުރެ އެވެ. ކަރުނައިގެ މުތީތަކުން އޭނާގެ ލޯ ވެސް ވިދަމުން ދިޔަ އެވެ. ހީނާ ފުންމާފައި ތެދުވި އެވެ. އަދި އުނައިސްގެ އަތުގެ ތެރެއަށް ވަނެވެ. ދެ މީހުން ވެސް އެކަކު އަނެކަކުގެ މޫނުގައި ބޮސް ދެމުން ދިޔަ އެވެ.
"ހީނާ އަހަރެން ދޫކޮށްލާފަ އައީ ކީއްވެ؟" އުނައިސް ޝަކުވާ ކުރަމުން ދިޔަ އެވެ.
"ލޯބިވާ އުނައިސް އަހަރެންނަށް މާފްކުރޭ. ހީނާ އަށް މާފް ކުރޭ. ދެން ދުވަހަކު ވެސް މިފަދަ ކަމެއް އަހަރެން ނުކުރާނަން. އަހަރެންނަށް މާފް ކުރޭ. އެއްވެސް ކަމަކާ ނުލާ އަހަރެން ކަންތައް ބޮޑުކޮށްލީ. އަހަރެންނަށް މާފްކުރޭ." ރޮމުންރޮމުން ގޮސް ހީނާ ވަރުބަލިވި އެވެ.
"އައި ލަވް ޔޫ ހީނާ."
އައި ލަވް ޔޫ ޓޫ އުނައިސް." އެ ދެ މީހުން ވެސް ބުނަމުން ދިޔައީ އެހެންނެވެ.
އެ ވަގުތު ބާރަށް މީހަކު ދޮރުގައި ޓަކި ޖެހި އަޑަށް ސިއްސައިގެން ގޮސް ހީނާ ލޯހު ޅުވި އެވެ. ތެދެކެވެ. އެއީ ހުވަފެނެކެވެ. އަލްބަމްތައް ހިފަހައްޓައިގެން އިންދާ ނިދި ޖެހުނީ އެވެ. ވެދިޔަ ހުރިހާ ކަމަކީ ހުވަފެނެކެވެ. އަސްލު އުނައިސެއް ނާދެ އެވެ. ހީނާ ވަރަށް ހިތުގައި ޖެހުނެވެ. ކޮޓަރިއަށް ވަން ބައްޕަ ހައިރާންވެފައި ހޭވިފައިވާ ހީނާގެ އެނދާ ދިމާއަށް އަނެއް ފަހަރު ހީނާ އާ ދިމާއަށް ބަލަން ހުއްޓުން އަރާފައި ހުއްޓެވެ.
ހީނާގެ މުޅި އެނދުގައި އޮތީ ހުސް ކަރުދާސްތަކާ ފޮޓޯތަކެވެ. ހީނާ ވެސް ހިނީ ރޫޖެހިފައިވާ ފިނިފެންމާ ކުލައިގެ ކުރުތާއެއް ލައިގެންނެވެ. ދިގު އިސްތަށިގަނޑު ވަނީ އެއްވެސް ތަރުތީބެއް ނެތް ގޮތުގައި ހޭވިފަ އެވެ. ޝާހިދު އަށް އެ ވަގުތު އެއްޗެކޭ ބުނުން މުނާސަބުކަމެއްގެ ކަމަކަށް ނުވި އެވެ. އެހެންވެ މަޑުމަޑުން ދޮރު ލައްޕާލާފައި ދިޔައީ އެވެ.
ނީލާ ވަރަށް ރީތިވެގެން ދެތިން ހަތަރު ޕާރުސަލްތަކެއް ހިފައިގެން ބޭރަށް ދާން ނިކުތެވެ. އެވަގުތަކީ ސަލީމް ވެސް ބޭރުގައި ހުރެފައި އައި ވަގުތެވެ.
"ކޮންތާކަށް ޝާހީ ކަމަނާ؟ އަނެއްކާ ހާދަ ހަދިޔާއެއް…ކާކަށް ޖާދޫއެއް ހަދަން ތި ދަނީ…މަށަށް ވެސް ހަދިޔާއެއް ނެތްތަ؟"
"ކަލެއަށް ހުކުރާ ހައްޖާ އީދާ ނެތަސް އަހަރެންނަށް އެ ދުވަސްވަތައް ބަރާބަރަަށް އޮވެއޭ. މިއަދަކީ އީދު ދުވަސް. ކަލޭ ޤަބޫލް ދުވަހެއް ނޫނެއްނު މި ވެސް. މަ މި ދަނީ ހަދިޔާ ހިފައިގެން މަންމަމެން ގެއަށް."
"ހަދިޔާ އޭ އުނހު ނުދެވޭނެ. އަހަރެންގެ ގައިގަ ޖަހާފަ ހުރި މީހަކަށް ހަދިޔާ ހިފައިގެން މިހިރަ މަންޖެ މިދަނީ…މަޖަލެއް ނޫންތަ؟"
"އޭ ކަލޭ ކިތަންމެ ބުންޏަސް އަހަރެން އެ ގެއަށް ދާން ނެގި ފިޔަވަޅު ފަހަތަށް އަޅާކަށް ނެތިން. އަދި ކަލޭ ކިތަންމެ ކެހި ދިނަސް އެ މީހުންނާ އަހަރެންގެ އޮންނަ ގުޅުމަކަށް ކުޑަ ނަމަވެސް ހިރަފުހެއް ނުބުރާނެ. އަދި މި ގުޅުން ނުވެސް ކެނޑޭނެ."
"އެކަމަކު ކަލެއަކަށް ނޭނގޭތަ އުނައިސް ޖެހީ ކަލޭގެ ފިރިމީހާގެ ގައިގަ ކަމެއް؟"
"ކުށް ރަނގަޅުކޮށްލާ. އޭނަ ޖެހީ އަހަރެންގެ ފިރިމީހާ ގަޔަކު ނޫން. އަހަރެމެން ގެއިން ވައްކަން ކުރި ވަގު ކަލޭގެ ގައިގަ."
"ނީލާ…" ސަލީމް ނީލާ އަށް ހަމަލާ ދިނެވެ. އަދި އޭނާގެ އަތުގައި ހުރި ހަދިޔާތައް ބުރައިގެން ދިޔަ އެވެ.
(ނުނިމޭ)