ނަލަފެހި މީދޫ ޖަމިއްޔާއިން މީދޫގެ ފަސް ސަރަހައްދުތަކުގައި ހަދާފައިވާ ފިނިމައިޒާންތަކަށް ބޮޑެތި ގެއްލުންދީ ހަލާކުކޮށްލައިފިއެވެ.
ނަލަފެހި ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާއިން މީދޫގައި ހަދާފައިވާ ފިނި މައިޒާންތަކަށް ބޮޑެތި ގެއްލުންދީ ހަލާކުކޮށްލާފައިވާ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަލަފެހި ޖަމިއްޔާގެ ނައިބް ރައީސް އާމިނަތު ސާލިހާ ވިދާޅުވީ ފިނި މައިޒާންތަކުގައި ހަދާފައިވާ ގޮޑިތަކާއި، އުނދޫލީގެ އިތުރުން އެ ސަރަހައްދުގައި ހަދާފައިވާ ބެންޗުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން ދާދި ފަހުން މީދޫ ބަނދަރު ސަރަހައްދުގައި ހަދާފައިވާ އުނދޯލިވެސް ހަލާކުކޮށް އެ ސަރަހައްދުގެ މޫދަށް އެއްލާލާފައިވާ ކަމަށެވެ.
ސާލިހާ ވިދާޅުވީ ޖަމިއްޔާގެ މެމްބަރުންނާއި އާއްމުންގެ އެހީތެރިކަމާއި އެކު މީދޫގެ ރައްޔިތުންގެ ތަރައްޤީއަށް ކޮށްފައިވާ މިފަދަ ބޮޑު މަސައްކަތަކަށް ބަޔަކު ގެއްލުންދޭން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ. ނަމަވެސް އެޖަމިއްޔާއިން ހަދާފައިވާ 5 މައިޒާނަށް އެއް ރެޔަކު ހަމަލާ ދިނުމަކީ ބަޔަކު ރާވައިގެން ހިންގާފައިވާ ފިނޑި އަމަލެއް ކަމަށް ސާލިހާ ވިދާޅުވިއެވެ.
މީދޫގެ ފިނިމައިޒާންތަކަށް ގެއްލުން ދިން ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެެރަށުގެ ގިނަބަޔަކުވަނީ ގޮވާލާފައެވެ.
މީދޫގެ ތިމާވެށި ހިމާޔަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ނަލަފެހި ޖަމިއްޔާއިން ފާއިތުވި ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުން މީދޫގެ ގޮޑުވެއިވާ އެތައް ތަނެއް ސާފުކޮށް އެތަންތަނުގައި ވަނީ ހިތްފަސޭހަ މައިޒާންތައް ހަދާފައެވެ.
އައްޑޫގެ އެކި ރަށްތަކުން މިއަދު ފެންނަމުން އަންނަ ބީޗުތައް ހެދުމުގެ ކުރިން މީގެ އަހަރުތަކެއް ކުރިން ނަލަފެހިން ވަނީ މީދޫގައި މިފަދަ ހިތްގައިމު ތަންތަން ގާއިމުކޮށް އައްޑޫއަށް ނަމޫނާ ދައްކާފައެވެ.
މީދޫގެ ހިތްފަސޭހަ މައިޒާންތަކަށް ގެއްލުން ދިން މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު އަދި މިހާތަނަށް މި މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން ވާހަކައެެއް ދައްކާފައި ނުވެއެވެ.