Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

ތޫނުއެއްޗެއްސާއި އެކު އަރައި މަސް ދޯންޏެއް ހައިޖެކުކޮށްފި

ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮތް މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރައި އެދޯނި ހައިޖެކުކޮށް ފޭރެން އުޅެފިއެވެ.

ރޭ ދަންވަރު 12:30 ހާއިރު ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ ފަސްކުރި ދޯންޏަށެވެ. އެދޯނި އެވަގުތު އޮތީ ލ. ގަމު "ވަޑިނޮޅު" ކައިރީ އެންދަމަން ދިއްލައިގެންނެވެ.

ދޯނިން "އައްޑޫލައިވް"އަށް މައުލޫމާތު ދިން ފަރާތުން ބުނީ ދަންވަރު 12:30 ހާއިރު ދޯނީގެ ފަޅުވެރިން އެންދަމަން ދިއްލައިގެން ތިއްބާ ގްރޫޕަކުން ދޯންޏަށް އަރައި ތޫނު އެއްޗެހިން ބިރު ދައްކައި ދޯނި ހައިޖެކު ކުރި ކަމަށެވެ.

"ދޯނީގެ ފަޅުވެރިން ތިބީ އެންދަމަން ދިއްލައިގެން، ތިއްބާ ކުއްލިއަކަށް ބަޔަކު ދޯންޏަށް އެރީ، އޭރު ކެޔޮޅު އޮތީ އެތެރޭގައި އިތުރު ދެމީހަކާއި އެކު، އެހެން އޮތްވާ ހަތިޔާރާއި އެކު އައި ބަޔަކު އައިސް ކެޔޮޅު ހޯދަން ބުނި، އެހިސާބުން މުޅި ދޯނި އެމީހުންގެ ބެލުމުގެ ދަށައް ގެންދިޔަ"

ދޯނިން މައުލޫމާތު ދިން މީހާ ބުނީ ދޯންޏަށް އެރި މީހުންގެ ސީދާ އަދަދެއް ނޭގޭ ކަމަށެވެ. ނަމަވެސް 30 ވަރަކަށް މީހުން އެެކި ހަތިޔާރާއި އެކު ދޯންޏަށް އެރިކަމަށެވެ.

"ހީވީ ސޯމާލިޔާގެ ކަނޑުފޭރޭ ބަޔަކު އެރީހެން، އެމީހުން ކެޔޮޅަށް ބިރު ދައްކައިގެން އެންގީ، ލ. ގަމު ފަޅަށް ވަނުމަށް، އެމީހުން ތިބީ މުޅި ދޯނި ހައިޖެކްޓުކޮށްގެން، ނެތް ގުޅޭނެ ގޮތެއްވެސް، ފޯނެއް ނެގޭކަމަށްވެސް ނެތް، ދެން އެހެން އުޅެފައި ބައްތި ފޯނަކުން ގުޅީ ސ. މީދޫ ޕޮލިހަށް، ގުޅައި، މި ހަބަރު ދިނީ، އެމީހުން ގާތު އެދުނީ ފުލުހުން ފޮނުވައިދިނުމަށް" ދޯނިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެމީހުންގެ އެންގުމުގެ މަތިން ދޯނި ގޮސް ލ. ގަމުގެ ބަނދަރަށް ވަދެވުނީ ދަންވަރު 3 ޖެހި ފަހުންނެވެ.

" ދޯނި ގަމަށް ކައިރި ކުރި އިރު ފުލުހުންގެ ވެހިކަލް އޮތް، އެމީހުން ދޯނީގައި ތިބި މީހުންގެ ނަން ނޯޓުކޮށް ފޮނުވާލައިފި، އަދި ދޯނީގައި ތިބި ވަޅި، ކަތިވަޅި ފަދަ ތަކެތި ނަގައިގެން ގޮސްފި"

"މިއީ އަހަރެމެން ކާން ބޯން ކުރާ މަސައްކަތް، މި ދޯނީގައި ތިބި 22 މީހުން މިތިބީ ނަފްސާނީ ގޮތުން އަސަރުކޮށްފައި، އެ ބިރުވެރި ހާދިސާއަށް ފަހު، މިއީ ހަމަ ސޯމާލިޔާގެ ކަނޑުފޭރޭ މީހުންނާއި އެއްވެސް ތަފާތެއް ނެތި ހިނގިކަމެއް، މިތިބީ ބޮޑު ބިރުވެރިކަމެއްގައި"

މި ހާދިސާ އާއި ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.