އިންޓާރންޝިޕް ފުރިހަމަކުރި 22 ފަރާތަކަށް ޓޫރިޒަމް މިނިސްޓްރީން ވަޒީފާ ހަމަޖައްސައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާޏެއްގައި ބުނީ އިންޓާންޝިޕްގެ ފުރަތަމަ ފިޔަވަހީގައި މިނިސްޓްރީގެ ހުރިހާ ޑިޕާޓުމަންޓެއްގައި 6 ހަފްތާ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެކުދިން ވަޒީފާ އަދާ ކުރަމުން ގެންދަނީ އިންޓާންޝިޕްގައި ބައިވެރިވި ކޮންމެ ކުއްޖަކުވެސް އެންމެ ޝައުގުވެރިވާ ޑިޕާޓުމަންޓުގައި ކަމަށެވެ.
މި އިންޓާންޝިޕް އަކީ އެއްވެސް އުޖޫރައެއް ނުލިބޭ ގޮތަށް ހުޅުވާލި ފުރުސަތެކެވެ. ޓޫރިޒަމް މިނިސްޓްރީ އިން އިންޓާންޝިޕް އަށް ޖާގަ ހުޅުވާލީ 10 ޖާގައަށެވެ. އެ ޖާގަތަކަށް 36 ފަރާތެއް ކުރިމަތިލިއިރު 31 ފަރާތެއް ޝޯޓްލިސްޓްކޮށް އިންޓަވިއު ކުރުމަށްފަހު 26 ފަރާތަކަށް އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ޓޫރިޒަމް އިން ބުންޏެވެ.
ބާކީ ތިބި ހަތަރު ކުދިން އިންޓާންޝިޕް ދޫކޮށްލީ އެކުދިންނަށް އެހެން ދާއިރާތަކުން ވަޒީފާގެ ފުރުސަތު ލިބުން ފަދަ ސަބަބުތަކާއި ހެދި ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.
އެ މިނިސްޓްރީ އިން ބުނީ މި އިންޓާންޝިޕްގައި ހަފްތާއަކު ޖުމްލަ 10 ގަޑިއިރު މަސައްކަތް ކުރާގޮތަށް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. މި އިންޓާރންޝިޕްގައި ކޮންމެ އިންޓާން އަކަށް އެހީތެރިވުމަށް މެންޓާއެއްގެ ގޮތުގައި އެ މިނިސްޓްރީގެ އިސްމުވައްޒަފެއް ހަރަކާތްތެރިވެފައިވާ ކަމަށް ޓޫރިޒަމް އިން ބުނެއެވެ.