Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

ތޫނު އެއްޗެއްސާއި އެކު 27 މީހުން ދޯންޏަށް އެރި: ފަޅުވެރިން

ލ. ވަޑިނޮޅި ކައިރީ އެން ހިފަން އުޅެނިކޮށް ތޫނު އެއްޗެއްސާއި އެކު "ފަސްކުރި" ދޯންޏަށް 27 މީހުން އެރި ކަމަށް އެދޯނީގެ ފަޅުވެރިން ބުނެފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ދޯނީގެ ފަޅުވެރިން ބުނީ އެރޭ ދަންވަރު ދޯންޏަށް އެރި 27 މީހުންގެ ފޮޓޯ ގަމު ޕޮލިސް ސްޓޭޝަނުން ދެއްކި ކަމަށެވެ. އަދި އެ އެންމެންގެ ވަނަވަރު ފުލުހުންގެ އަތުގައި ހުރިކަމަށް ފަޅުވެރިން ބުންޏެވެ.

ފަޅުވެރިން ބުނީ އެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި، ވަޅި، ކަތިވަޅި، ދަނގަޑުބުރި އަދި ކަނޑި ފަދަ ތޫނު ހަތިޔާރު އެމީހުންގެ އަތުގައި ހުރި ކަމަށެވެ. އެމީހުން ދޯންޏަށް އަރައި އެންމެ ފުރަތަމަވެސް ކެޕްޓަން ހޯދައި އެންގީ ލ.ގަމަށް ދޯނި ކައިރި ކުރުމަށެވެ.

ތޫނު ހަތިޔާރާއި އެކު ދޯންޏަށް އެރި މައްސަލާގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ. ފުލުހުން ބުނީ މި ހާދިސާ އާއި ގުޅިގެން 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ފަސްކުރި" ދޯންޏަކީ މީގެ ދެ އަހަރު ކުރިން ލ.ގަމު މީހަކު ޔޮޓް ޓުއާސްއަށް 7 މިލިއަން ރުފިޔާއަށް ވިއްކާފައިވާ ދޯންޏެކެވެ. އެ ދޯނީ ވިއްކި މީހާ އާޢި ހަވާލާދީ "ވަގުތު" ނޫހުން ބުނެފައިވަނީ ލ. އަތޮޅަށް ދޯނި ވަނުމުން ސުލްހަވެރިކަމާއި އެކު ދޯންޏަށް އަރައި، ދޯންޏާއި ހަވާލުވެފައިވާ ކަމަށެވެ. އަދި ދޯނި ހައިޖެކް ކުރި ވާހަކަ އޭނާ ދޮގު ކުރެއެވެ.

ނަމަވެސް ދޯނީގެ ފަޅުވެރިން އެވާހަކަ ދޮގު ކުރެއެވެ. ދޯނީގެ ފަޅުވެރިން ބުނީ ގާތްގަޑަކަށް 30 މީހުންގެ ބޮޑު ގްރޫޕަކުން ދޯންޏަށް އެރީ ތޫނު ހަތިޔާރާއި އެކު ކަަމަށެވެ. އަދި އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް އެމީހުން ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮޕިޝަލް ވިދާޅުވީ އިއްޔެ ރޭ 11:55 ހާއިރު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ދޯނި ގަމު ތުނޑި އަށް ކައިރިކޮށް، އެ އަށް އިތުރު ބަޔަކު އެރިއަސް އެއްވެސް މާރާމާރީއެއް ހިންގާފައިވާ ނުވާ ކަމަށް ބުންޏެވެ.

"އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،"

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ