ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަތް ފަސްކުރި ދޯނި، ވެރިފަރާތާ ހަވާލު ކުރަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުނު ގާޒީގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
ރިޗްކްލަބް މޯލްޑިވްސް އަކީ ކާށިދޫ ދާއިރާގެ މެންބަރު އަދި ޔޮޓު ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ދޯނީގެ އަގާއި އިންޖީނުގެ އަގު ދެއްކުމަށް ރިޗްކްލަބް މޯލްޑިވްސް އިން ހިލާފު ވެފައިވާ ދުވަހުން ފެށިގެން އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ކަނޑައަޅައިދީ އެ ދޯނީގެ ވެރި ފަރާތަށް ދޯނި ހަވާލު ކުރުމަށް އަމުރު ކޮށްދިނުމަށް އެދި ދޯނީގެ ވެރި ފަރާތުން ގަމު މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅިއެވެ.
ރިޗްކްލަބް މޯލްޑިވްސްގެ ފަރާތުން އެކުންފުނީގެ ހިއްސާދާރު، އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ޖޭއެސްސީއަށް ފޮނުވި ސިޓީގައި ވަނީ، ގަމު މެޖިސްޓްރޭޓު ކޯޓުން އަމުރު ނެރުނީ އެފަދަ މައްސަލަތަކުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކާއި ހިލާފަށް ކަމަށެވެ.
ޖާބިރު ޖޭއެސްސީ އަށް ފޮނުވި ސިޓީގައި ރިޗް ކްލަބުގެ މައްޗަށް އަމުރު ނެރެދިން ގާޒީގެ މައްސަލަ ބަލައިދީ ފިޔަވަޅު އަޅައި ދިނުމަށް އެދޭ ކަމަށެވެ.
ގަމު މެޖިސްޓްރޭޓު ކޯޓުގެ ގާޒީގެ މައްސަލަ ޖާބިރުގެ ފަރާތުން ޖޭއެސްސީ އަށް ހުށަހެޅިއިރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީ އިން މިއަދު ވަނީ ނިންމާފައެވެ.
ޖޭއެސްސީން ބުނީ ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލައެއްގައި، ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަމަލުކުރިކަމަށް ބުނާ މައްސަލައެއް ތަޙުޤީޤުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ތަޙުޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ، މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 75 ވަނަ ބައްދަލުވުމުގައި އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.