ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ނުޖެހޭކަމަށް އިންފޮމޭޝަން ކަމިޝްނާސް އޮފީސް (އައިކޮމް) އިން ނިންމި ނިންމުމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ފާޑު ވިދާޅުވެއްޖެއެވެ.
އިންފޮމޭޝަން ކަމިޝްނާ ހުސެއިން ފިޔާޒު މޫސާ ޓެގް ކުރައްވައި އަދުރޭ ޓްވިޓާގައި ވިދާޅުވީ ދިވެހިންނަށް މިހާރު މި ފެންނީ އަދިރި ދައުލަތަކުން ފެންނަމުންދާނޭ ސިފަތައްކަމަށެވެ. އަދި މި ސަރުކާރުގައި ހާމަ ކުރަން ޖެހޭ މައުލޫމާތެއް ހުރިތޯ އަދުރޭ ވަނީ ފިޔާޒު އާއި ސުވާލު ކުރައްވާފައެވެ.
"ހާމަ ކުރަންޖެހޭ މަޢުލޫމާތެއް މި ސަރުކާރުގައި އެބަ ހުރިބާ؟ ދިވެހިންނަށް މިހާރު މި ފެންނީ އަދިރި ދައުލަތަކުން ފެންނަމުންދާނޭ ސިފަތައް . މުޅި ދައުލަތް މި އޮތީ އެޅިހައި ބަތަކަށް ރިހަވެފައި، އިބްރާހިމް މުހައްމަދު ސޯލިހު، މަނިކުފާނު ކީހާ ޅެން ފަރިއްސަށްވެ ނިމުނީ ދޮތަ؟" އަދުރޭ ވިދާޅުވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދިޔަރެސް ނޫހުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެމީހުންނަށް ކުރާ ހަރަދު ތަފްސީލު ހޯދުމަށް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅާފައެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެމައުލޫމާތަކީ ރާއްޖޭގެ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތެއް ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަނީ މައުލޫމާތު އެނޫހަށް ނުދީފައެވެ.
މި މައްސަލަ އިންފޮމޭޝަން ކަމިޝްނާސް އޮފީސް( އައިކޮމް) އަށް ހުށަހެޅުމުން އެއޮފީހުން ވަނީ ޑިފެންސް މިނިސްޓްރީ އާއި ދިޔަރެސް ނޫހާއި އެކު ދެ އަޑު އެހުމެއް ބާއްވާފައެވެެ. އެގޮތުން އިއްޔެ ބޭއްވި އަޑު އެހުމުގައި ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހިއްސާ ނުކުރެވޭނެކަމަށް ބުނެފައެެވެ. އަދި ޑިފެންސް މިނިސްޓްރިގެ ވާހަކަތަކަށް އައިކޮމްއިން ވަނީ ތާއިދުކޮށްފައެވެ.
މި މައްސަލަ އިސްތިއުނާފު ކުރުމަށް ދިޔަރެސްއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.