(ސެޕްޓެމްބަރު 11، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)
"އައްދެ ކޮން ކަމެއް އެންމެން ގުރޫޕް ހަދާލާފަ ބަދިގެ ތެރޭގަ؟"
"ބައްޕާ އަޅުގަޑަަށް މާފް ކުރޭ. އަޅުގަނޑު މި އައީ އެ ކެހި ދިން މީހާ ދޫކޮށް ބައްޕަމެން ކައިރިއަށް. އަޅުގަނޑަށް މާފް ކުރޭ."
"ނޫނޭ މީ ދަރިފުޅުގެ މައްސަލައެއް ނޫން. ދަރިފުޅުގެ ކުށެއް ނެތް މި ކަމުގަ. ބައްޕަ މެންނަށް ވެސް އޭނާ ދެނެގަތުމުގަ ކުށެއް ކުރެވުނީ. ވަންހަނާވެފައިވާ ކަންތަކެއް ވީމާ ނޫނީ ނޭނގޭނެ. ދެން އޮތީ ގުޅުމުގެ ވާހަކަ. އަހަރެމެންނަށް ބައެއް ފަހަރު ގުޅެވޭ ގުޅުންތަކުން ވެސް މުޅި ކަންތައް ފަނާވެގެންދޭ. މި ދިމާވީ އެ ކަހަލަ ގޮތެއް. އެކަމަކު އާއިލާ އެކަތިގަނޑަކަށް ވެ ތިބިއްޔާ މިކަހަލަ މައްސަލައަކީ އެއްވެސް ކަމަކަަށް ނުވާނެ. އަދި މިފަދަ ހިޔާނާތްތެރިންނަށް ކުރިއެއް ނުލިބޭނެ." ޔޫނުސް ވަރަށް އޯގާތެެރިކަމާ އެކު ނީލާގެ ބުރަކަށީގައި ފިރުމާލި އެވެ.
"މައިންބަފައިން އެންމެ ހިތްހަމަޖެހޭނީ އޭނާގެ ދަރިން އެކަތިގަނޑަކަށްވެ އުޅޭތަން ދެކެން. މިއަދު މަންމަމެންނަށް މި ފެންނަނީ އެފަދަ މަންޒަރެއް. މި ކަމުގަ ވެސް ތި ކުދިންގެ އެކުވެރިކަމާއި އެއްބާރުލުން ލިބެމުންދާތީ ވަރަށް ހިތްހަމަޖެހޭ. އަހަރެންނަށް ވުރެ ވަކި ނަސީބު ރަނގަޅު އަންހެނެއް ކޮބާ؟" ވަހީދާ ނީލާ އާއި އެހެން ކުދިން އޭނާ އާ ކައިރިކޮށްލަމުން ބުނެލި އެވެ.
"އެކަމަކު މަންމާ މ ދަނޑިވަޅުގަ ވެސް ކޮންމެވެސް އުނިކަ މެއް ފާހަގަ ނުވޭތަ؟" ނީލާ އުނައިސް އާ ދިމާއަށް އެނބުރެމުން ބުނެލި އެވެ.
"އާނ އެ ބުނާހެން ކޮބާތަ މަގޭ ހީނާ؟"
"ދޮންބެ ދޭ ގޮސް ހީނާ ގޮވައިގެން އާދޭ." އައިޝާ ވެސް ބުނެލި އެވެ.
"އޭނާ ބޭނުން ވަނީ އަރާމު ކުރަން. އޭނާ އަރާމު ކުރިޔަދީ." އުނައިސް ބުނެލި އެެވެ.
"މި ގޭގަ ވެސް އޭނާ އަށް އަރާމު ކުރެވިދާނެ. ދޭ ގޮސް ގޮވައިގެން އަންނަން." ވަހީދާ ތަންކޮޅެއް ބާރަށް ބުނެލި އެވެ.
"އަނެއްކޮޅުން މިގޭގަ ޕާޓީއެއްވެސް ނުބާއްވާތާ ލައްކަ ޒަމާންވެއްޖެ. އެހެންވެ މޮޅު ކަމެއް ނޫންތަ ހީނާ ބަލިވެއިނީތީ އެކަމުގެ އުފަލުގަ ޕާޓީއެއް ބާއްވާލުން." ތާނިޔާ ވެސް ބުނެލި އެވެ.
"ޕާޓީއެއް ކޮންމެ އިރަކުވެސް ބޭއްވި ދާނެ. މިހާރު ވިސްނަންވީ މި ގެ އާއި ފެކްްޓަރީ ސަލާމަތް ކުރެވޭނެ ގޮތެއް ނޫންތަ؟" ޕޭޕަރުތައް އަތަށް ނަގަމުން އުނައިސް ބުނެލި އެވެ.
"ނޫނޭ އަހަރެމެން ޕާޓީ ބާއްވާނަން. އީދު ކުޅިވަރު ވެސް ކުޅޭނަން. ދޭ ގޮސް ހީނާ ގޮވައިގެން އާދޭ." ޔޫނުސް އަމުރުކޮށްލި އެވެ.
އުނައިސް ހިނިތުން ވެލަމުން ނިކުމެގެން ދިއައީ އެވެ.
(ނުނިމޭ)