އެެއަރ ސީޝެލްސްގެ ދައުވަތެއްގައި 2004 ވަނަ އަހަރު ސީސެލްޝަށް ދިއުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. މި ދަތުރަކީ އެެއަރ ސީޝެލްސްގެ އެތެރޭގެ އުދުހުންތަކުގެ މަޢުލޫމާތު ހޯދައި އެކުންފުނީގެ ވެރިންނާއި މަޝްވަރާތަކެއް ބޭއްވުމަށްޓަކައި އަޅުގަނޑުގެ އޭރުގެ ބޮސް އައިލެންޑް އޭވިއޭޝަންގެ ފައިނޭންސް ޑައިޓެކްޓަރ ޢަބްދުލް ހާރިސްގެ އަރިހުގައި ކުރިދަތުރެކެވެ.
ސީޝެލްސްއަށް ޒިޔާރަތް ކުރެވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެ ޤައުމުގެ ނަމަކީ އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ވަރަށް ޚާއްޞަގޮތަކަށް އަޑުއަހާ ނަމަކަށް ވާތީއެވެ. މި ޒިޔާރަތުގައި ރަސްމީ މަސައްކަތުގެ އިތުރަށް އަޅުގަނޑުގެ އެންމެބޮޑު އުންމީދަކަށް ވެފައިއޮތީ ހިތަދޫ އަފީފުދީދީގެ ޢާއިލާބޭފުޅުންގެ ގެޔަށް ޒިޔާރަތްކޮށް އެބޭފުޅުންނާއި ބައްދަލުވެލުމެވެ.
އަޅުގަނޑުމެންނަށް ސީޝެލްސް ދަސްވެފައި ވަނީ އަފީފުދީދީގެ ނަންފުޅާއި ގުޅުވައިގެންކަމަށް ވާތީއެވެ. އެއަރ ސީޝެލްގެ ސީއީއޯގެ އަރިހު އެކަން ހަމަޖަސަވައި ދެއްވުމަށް އެދުނީމެވެ. އަފީފުގެ ބޭފުޅުންނަކީ އެބޭފުޅާއާއި ވަރަށްގާތް ގުޅުމެއް އޮންނަ ބޭފުޅުންކޮޅެއްކަމަށް ވިދާޅުވެ އެކަން ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެދަތުރުގެ ރަސްމީ މަސައްކަތުގެ ތެރޭގައި މާހޭގެ އިތުރުން އެހެން ރަށްތަކަށްވެސް ދަތުރުކުރުން ހިމެނިފައި އޮތުމުގެ ސަބަބުން އެގެޔަށް ޒިޔާރަތްކުރަން ވަގުތު ހުސްނުކުރެވި ޖެހުނީ އެނބުރި ރާއްޖެ އަންނާށެވެ.
އެދަތުރުގައި އަފީފު ދީދީގެ ޢައިލާއާއި ބައްދަލުކޮށްލުމުގެ އުފާ ނުލިބުނުކަމުގައި ވިޔަސް އަޅުގަނޑަށް ފާހަގަ ކުރެވުނީ އެޤައުމުގެ މީހުންގެ ހިތުގައި އެޢާއިލާއަށް އޮތް އިޙުތިރާމެވެ. އަދި އޭގެ 16 އަހަރުފަހުން އެޢާއިލާގެ އަޙުމަދު އަފީފު އެޤައުމުގެ ނާއިބު ރައީސުކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގެ ފޮޓޯތަކުންވެސް ވަރަށް ހާމަކަންބޮޑު ގޮތެއްގައި ފެންނަން ހުރީ އެޤައުމުގެ މީހުން އެޢާއިލާއަށް ކުރާ އިޙުތިރާމެވެ. ހަމަ އެރަސްމިއްޔާތުގެ ފޮޓޯތައް ފެނުމުން އަޅުގަނޑަށް ވަރަށް އުފާވެރި އިޙުޞާސްތަކެއް ކުރެވުނެވެ.
ދިވެހި ދެމަފިރިޔަކަށް އުފަން ދަރިޔަކަށް އެފަދަ ކާމިޔާބީއެއް ލިބުމުން ކުރެވުނު އިޙުޞާސް އެކަންޏެއްނޫނެވެ. ރަސްމިއްޔާތުގެ ޢިއްޒަތްތެރިން ތިއްބެވި މާލަމުގައި ހުންނެވި އަނީސާ ޢަލީ ދީދީ ފެނުމުން ކުރެވުނު އިޙުޞާސް ވަކިން ޚާއްޞައެވެ. ދިވެހިވަންތަ ހެދުންކޮޅެއް ތުރުކުރައްވައިގެން ހުންނެވި އަނީސާ ޢަލީދީދީގެ ފޮޓޯފުޅުން އެތައް ވާހަކަތަކެއް ކިޔައިދެއެވެ. ފަޚުރުވެރި ދިވެހިވަންތަކަމެވެ. ފަނޑުކަމެއްނެތި ދެމެހެއްޓިފައިވާ ދިވެހި ސަޤާފަތެވެ. ބޭރުޤައުމެއްގެ އެންމެ މަތީ ފަންތީގެ ރަސްމިއްޔާތަކަށް ޒީނަތްތެރިކަން ގެނެސްދީފައިވާ ދިވެހި ކުލަތަކާއި ރާގުތަކެވެ.