އައްޑޫ ސިޓީ ހިތަދޫގެ މަގުތައް ހަދަން ނުފެށި ލަސްވާތީ އެކަމުގެ ހިތްހަމަ ނުޖެހުމާއި ރުޅިގަނޑު މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމަށް އަމާޒުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އަސްލަމް އާއި ހިތަދޫގެ މަގުތައް ނުފެށޭ ސަބަބާއި ގުޅޭ ގޮތުން ނާޒިލް ވަނީ ސުވާލު ކުރައްވާފައެވެ.
އެގޮތުން ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރިގެންދާ އިރު ހިތަދޫގެ މަގުތައް ހަދަން ނުފެށެނީ ހައުސިން މިނިސްޓްރީގެ އިހުމާލުން ކަމަށް ނާޒިލް ވަނީ ތުހުމަތު ކުރައްވާފައެވެ. ނާޒިލް ވިދާޅުވީ ހިތަދޫގެ މަގުގެ ޕޭވްމަންޓުގެ ބޯމިންވެސް ކަނޑައަޅަން ޖެހެނީ މިނިސްޓްރީން ކަމަށްވާ އިރު އެކަންވެސް ކޮށް ނުދެއްވާ ކަމަށެވެ.
ނަމަވެސް މިނިސްޓަރ އަސްލަމް ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ.
ނާޒިލްގެ ވާހަކަތަކަށް ތާއިދު ކޮށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުވެސް ވަނީ ވަރަށް ޖަޒުބާތުގައި މިނިސްޓަރ އަސްލަމަށް ސުވާލު ކުރިމަތި ކުރުވާފައެވެ. އަހުމަދު ރަޝީދުވެސް ވަނީ ހިތަދޫގައި މިނިސްޓަރ އަސްލަމްގެ ވަޒީރު ކަމުގައި ފެށުނީ، އަދި ނިމުނީ އަދި މިހާރު ކުރިއަށްދަނީ ކޮން މަޝްރޫއުތަކެއްތޯ ސުވާލު ކުރައްވާފައެވެ. މި ސުވާލަށް ލިޔުމުން ޖަވާބު ދެއްވާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިނިސްޓްރީން ކަމެއް ކޮށްނުދީގެން އެއްވެސް މަޝްރޫއެއް ލަސް ނުވާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.