ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ރައްޔިތުންނަށްވީ ވައުދުތަކާއި އެއްގޮތަށް ތަރައްޤީގެ އެއްވެސް ކަމެއް ނުހިގާ ކަމަށް ބުނެ އެމްޑީޕީގެ ސަޕޯޓަރުން އެމަނިކުފާނަށް ފާޑު ކިޔަން ފަށައިފިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އައްޑޫއަށް ވަޑައިގެން ރައިސް ސޯލިހުވަނީ ގިނަ ވައުދުތަކެއް އައްޑޫ ރައްޔިތުން ގާތު ވެވަޑައިގެންފައެވެ. ނަމަވެސް ވެރިކަމުގެ ދެ އަހަރު ނިމިގެންދާއިރު އައްޑޫގައި އެކަށީގެންވާ ތަރައްޤީގެ މަޝްރޫއެއް ފެށިފައި ނުވެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫން ވަނީ އެމްޑީޕީއަށް މެޖޯރިޓީ ވޯޓުދީފައެވެ. އަބަދުވެސް އެމްޑީޕީއަށް ބޮޑު ތާއިދެއް އޮންނަ އައްޑޫގައި ހުންނަވައި ރައީސް ސޯލިހުވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ.
އެގޮތުން އައްޑޫގެ މަގު ހެދުމާއި، ބިން ހިއްކުމުގެ އިތުރުން ވަޒީފާގެ އިތުރު ފުރުސަތު ހުޅުވާދީ އައްޑޫ ދެކުނު ތަރައްޤީގެ ނާރެހަކަށް ހެެއްދެވުމަށް އެމަނިކުފާން ވަނީ ވައުދުވެވަޑައިގެންފައެވެ.
2019 ވަނަ އަހަރުގެ މަޖްލިސް އިންތިހާބުގައި އައްޑޫގެ 7 ގޮޑި އެމްޑީޕީއަށް ކާމިޔާބުކޮށް ދެއްވައިފިނަމަ އައްޑޫ ރައްޔިތުން ބުނި ކޮންމެ ކަމެއް ކޮށްދެވޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން މަޖްލިސްގެ 1 އަހަރު ނިމިގެން ގޮސްފައިވާ އިރު އަދިވެސް އައްޑޫން ފެންނަނީ ބޮޑުތަނުން ވީރާނާވަމުންދާ މަންޒަރެވެ.
ރައީސް ސޯލިހުގެ ވައުދުތައް ނުފުދި ލަސްވަމުންދާތީ އެމަނިކުފާން ހޮވަން އިސްކޮށް ހަރަކާތްތެރިވި ޕާޓީގެ އެކްޓިވިސްޓުންނާއި މެމްބަރުންގެ ފާޑު ކިއުން މިވަނީ އަމާޒުވެފައެވެ.
ސޯޝަލް މީޑިއާގައި ރައީސް ސޯލިހުގެ ސަރުކާރަށް ފާޑު ކިޔައި ޕާޓީ މެމްބަރަކު ބުނީ "ރައްޔިތުން ގާތު ވައުދުވީ ވޯޓްދީ ހޮވާފިނަމަ އައްޑޫއަށް އިތުރު ކުރިއެރުމަކާ ތަރައްގީއެއް ގެންނާނެ ކަމަށް. ވޯޓްދީ ހޮވިތާ ދެ އަހަރު ފާއިތު ވިއިރުވެސް އައްޑޫ ރައްޔިތުން ގާތު ވީ ވައުދެއް ފުއްދާ ނުދެވުނު" ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އައްޑޫން ރައީސް ސޯލިހުއަށް 12،100 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 5758 ވޯޓެވެ.
މީގެ އިތުރުން އެހެން އެމްޑީޕީ އެކްޓިވިސްޓަކު ބުނީ 2018 ވަނަ އަހަރުގެ ކެމްޕެއިންގައި އައްޑޫން 67 ޕަސެެންޓު ވޯޓު ރިކޯޑު އަދަދަކަށް ދިނީ ލައްކަ ބައެއްގެ ފޮނި އުއްމީދުތަކާއި އެކު ކަމަށެވެ. އަދި ދެ އަހަރު ވާއިރު ރައްޔިތުން އުއްމީދު ކުރީ ޕްރޮޖެކްޓުތަކުން އެންމެ ކުރީގައި އޮންނާނީ އައްޑޫކަމަށް އެކަމަކު އެއީ އަދިވެސް ފެންނަން ނެތް ކުރެވޭ އުއްމީދަކަށް ވަނީ ވެފައެވެ.
DhiFact:
2018 campaign gai Addu in 67% mi sarukaarah record adhadhah vote dhinee lakka baeh ge foni ummeedhu thakakaa eku. 2 aharu vaa iru Addu Rayyithun immeedhu kuree project thakun emme kureega onnaanee Addu kamah. Ekamaku ey adhives fennaan neiy kurevey ummeedhu thakeh! pic.twitter.com/xbSGrCw95W— Nauty🌍 (@nautymatox) November 4, 2020
އައްޑޫގެ ތަރައްޤީގެ މަޝްރޫއުތައް ނުފެށި ލަސްވެ އެކަމުގެ އުދާސްތައް ޕާޓީ މެމްބަރުން ބޭރުން ކުރަމުން އަންނަ އިރު ސަރުކާރުން ބުނަމުންދަނީ އައްޑޫ ތަރައްޤީ ކުރަން ފަށާނެކަމަށެވެ.
އައްޑޫގެ މަގުތަކާއި، ބިން ހިއްކުން މިއަހަރު ފެށޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި މަޝްރޫއު ހިންގަން ބޭނުންވާ ފައިސާ އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން އަންނަނީ ތަކުރާރު ކުރަމުންނެވެ.