Last Updated: November 22, 13:35
Friday, November 22, 2024
ރިޕޯޓް

އައުދައުރެއް ފެށުނީއެވެ. ޓްރަމްޕުގެ ދުވަސް ދިޔައީއެވެ.



އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އަދި މުޅިން ސާފެއްނުވެއެވެ. އެހެންނަމަވެސް އެއްކަމެއް މިހާރު ޔަގީން ވެއްޖެއެވެ. ރިޔާސަތުގެ ދެވަނަ ދައުރަކަށް ރައީސް ޑޮނަލްޑް ޓްރަމްޕު ހުވައެއް ނުކުރައްވާނެއެވެ. އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި މަގާމުގެ ހުވާކުރައްވާނީ ޖޯ ބައިޑެންއެވެ. ޑޮނަލްޑް ޓްރަމްޕުގެ ކަންތައް ނިމުނީއެވެ.

މާޟީގެ ހިރަފުހުގެ ތެރެޔަށް ޓްރަމްޕާއި އޭނާގެ ސިޔާސަތު ގެއްލިގެންދާން ދެން ގިނަ ދުވަަހެއްނެތެވެ. ވައިޓްހައުސްއަށް ވަޑައިގަތުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ޖޯ ބައިޑެން ހޯއްދަވާނޭކަމީ މިހާރު ދެން ކަށަވަރު ކަމެކެވެ. އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑެން ވަޑައިގަތުމުގެ މާނަޔަކީ ކޮބައިހެއްޔެވެ. އެމެރިކާއަށާއި ދުނިޔެއަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ. ޖޯ ބައިޑެންއަކީ ދުނިޔެއަށް އައު ނަމެއް ނޫނެވެ. ބަރަކް އޮބާމާ އެމެރިކާގެ ރައީސްކަން ކުރެއްވި ދެ ދައުރުގައިވެސް ނާއިބު ރައީސަކީ ބައިޑެންއެވެ.

އެހެންވީމާ ކުރިޔަށްއޮތް ހަތަރު އަހަރު އެމެރިކާގެ ސިޔާސަތަކަށް ވާނީ ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން ދުނިޔޭގެ ހަމަޖެހުމާއި ސުލްހަޔަށް މަސައްކަތްކުރުމުގެ ސިޔާސަތެވެ. އެއީ ބަރަކް އޮބާމާގެ ވެސް ސިޔާސަތެވެ. ހަަަސަވެރިވަގުތުމާއި ބިރުދެއްކުމާއި ނިރުބަވެރިކަމުގެ ގޮތްތައް އެމެރިކާގެ ޑިޕްލޮމަސީގެ ތެރެއިން ވަކިވެގެން އުނިވެގެންދާނެއެވެ. 

ކުރިޔަށްއޮތް އަހަރުގެ ޖެނުއަރީ ވިހިވަނަ ދުވަހު އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑެން ހަވާލުވެވަޑައިގަތުމާއެކު އެމެރިކާގެ ތާރީޚުގައި އައު ރިކޯޑެއް ގާއިމުވެގެންދާނެއެވެ.

ޖޯ ބައިޑެންގެ ރަނިންމޭޓަކީ އަންހެން ބޭފުޅެކެވެ. ކެލިފޯނިޔާ ސްޓޭޓްގެ ކަމަލާ ހެރިސްއެވެ. އެމެރިކާގެ މުޅި ތާރީޚުގައިވެސް އަންހެން ބޭފުޅަކު އެގައުމުގެ ރައީސްކަންވެސް އަދި ނާއިބުރައީސްކަންވެސް ކުރައްވާފައިނުވެއެވެ. އެކަން މިފަހަރު ނިމުމަކަށް އަންނާނެއެވެ. އެމެރިކާގެ ނާއިބުރައީސްކަމާ އެކަމަނާ ހަވާލުވެވަޑައިގަތުމަކީ އައު ރިކޯޑެކެވެ. އައުކަމެކެވެ. މިއީ މުޅިދުނިޔެ އެކަމަކަށް އިންތިޒާރު ކުރަމުންދާ ކަމެކެވެ. 

އެމެެރިކާގެ ތާރީޚުގައިވެސް ބޮޑު ދެޕާޓީންކުރެ ޕާޓީއެއްގެ ރިޔާސީ ޓިކެޓް އަންހެނަކަށް މިހާތަނަށް ލިބިފައިވަނީ އެންމެ ފަހަރަކުއެވެ. ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓްގައި 2016 ވަނަ އަހަރު ހިލަރީ ކްލިންޓަން ނިކުމެވަޑައިގެން ޓްރަމްޕާ ވާދަކުރައްވައި ނާކާމިޔާބުވީއެވެ.

ނާއިބުރައީސްކަމުގެ ރޭހުގައި 1984 ވަނަ އަހަރު ވޯލްޓަރ މޮންޑޭލްގެ ރަނިންމޭޓުގެ ގޮތުގައި ޖެރާލްޑިން ފެރާރޯއަށް ނާކާމިޔާބުވިއެވެ. އަދި 2008 ވަނަ އަހަރު ޖޯން މެކޭންގެ ރަނިންމޭޓުގެ ގޮތުގައި ނިކުމެވަޑައިގެން ސެރާ ޕޭލިންއަށްވެސް ނާކާމިޔާބުވީއެވެ. ކަމަލާ ހެރިސްގެ މިފަހަރަކީ އަންހެނަކު ރަނިންމޭޓަކަށް ނިކުތް ތިންވަނަ ފަހަރެވެ. މިފަހަރު މިއޮތީ ކާމިޔާބުވެ ތާރީޚުގައި އައު ސަފުހާތަކެއް ފެށިފައެވެ. 

އެމެރިކާގެ ރައީސްކަމަށް 1993 ވަނަ އަހަރު ބިލް ކްލިންޓަން އިންތިޚާބުވެ ވަޑައިގެންނެވި ފަހުން ހަމަ ކޮންމެ ރައީސަކުވެސް މިހާތަނަށް ދެ ދައުރު ކާމިޔާބު ކުރައްވާފައިވެއެވެ. ބިލް ކްލިންޓަނަށްފަހު ޖޯޖް ޑަބްލިޔު ބުޝްްއެވެ. އެއަށްފަހު ބަރަކް އޮބާމާއެވެ.

މިފަހަރުގެ އިންތިޚާބުގައި ޓްރަމްޕަށް ކުރިހޯއްދެވުނުނަމަ މި ސިލްސިލާ މެދުނުކެޑި ކުރިޔަށްދާނެއެވެ. އެކަމަކު ޓްރަމްޕަށް ތާރީޚުން ލިބިވަޑައިގަތީ އެއްދައުރަށްފަހު ނަގައި އެއްލައިލި ރައީސެއްގެ ދަރަޖައެވެ. ޓްރަމްޕު ބަލިކޮށް ރިކޯޑު ގާއިމު ކުރި ޓީމުގެ ކަމަލާ ހެރިސްއަކީ ކާކުބާވައެވެ. އެމެރިކާގެ އައު ނާއިބުރައީސަކީ ކާކުބާވައެވެ. ވަނަވަރަކީ ކޮބައިބާވައެވެ. 

އުމުރުފުޅުން 55 އަހަރުވީ ކަމަލާ ހެރިސްއަކީ ގާނޫނީ ވަކީލެކެވެ. އެމެރިކާގެ އެންމެ ބައިބޯ ސްޓޭޓް ކަމަށްވާ ކެލިފޯނިޔާގެ ކުރީގެ އެޓާރނީ ޖެނެރަލެވެ. މިހާރު އެމެރިކާގެ ސެނެޓުގައި ކެލިފޯނިޔާ ތަމްސީލުކުރައްވާ ދެ މެންބަރުންގެ ތެރެއިން އެއް މެންބަރެވެ. މިހިސާބުން ކަމަލާ ހެރިސްގެ ވަނަވަރު އަދި ނުނިމެއެވެ.

ކަމަލާ ދޭވީ ހެރިސްއަކީ އެމެރިކާއަށް އުފަން އެމެރިކާ މީހަކަށްވިޔަސް ކަމަލާގެ މަންމަ ޝިޔާމަލާއަކީ އިންޑިޔާގެ ޓެމިލްނާޑޫއަށް ނިސްބަތްވާ އަންހެނެކެވެ. އެމެރިކާގައި ޕީއެޗްޑީ ހަދަން އުޅުނުއިރު ޖެމޭކާގެ ޒުވާނެއްކަމުގައިވާ ޑޮނަލްޑް ހެރިސްއާ ކައިވެނިކޮށްގެން އެމެރިކާގައި ދިރިއުޅުން އާރާސްތުކުރީއެވެ. ލިބުނު ކުދީންގެ ތެރެއިން އެއްކުއްޖަކީ ކަމަލާ ހެރިސްއެވެ.

ކަމަލާ ހެރިސްގެ މަންމަ ޝިޔާމަލާ އޭނާ ބޮޑުކުރީ އިންޑިޔާގެ ސަގާފަތުގެ ތެރެއިންނެވެ. ދޭތެރެޔަކުން ޓަމިލްނާޑޫއަށްވެސް ގެންގޮސްގެންނެވެ. ކަމަލާ ހެރިސްގެ ކާފަ ގޯޕާލަންއަކީ ވެސް ތަމަޅައެކެވެ.

އިންޑިޔާގެ ކުރީގެ ސިވިލް ސާރވަންޓެކެވެ. ކަމަލާ ހެރިސް ވިދާޅުވާގޮތުން އޭނާއަށް ސިޔާސީ ދާއިރާގެ ތެރެޔަށް ވަނުމަށް ހިތްވަރުލިބި ސިޔާސީ ވިސްނުމެއް ބައްޓަންވުމުގެ ސިއްރަކީ ކާފައެވެ.

އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ދެކުނު އޭޝިޔާއަށް ނިސްބަތްވެވަޑައިގަންނަވާ ފުރަތަމަ ބޭފުޅަކީ ކަމަލާ ހެރިސްއެވެ. އެމެރިކާގެ ނާއިބުރައީސަކަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅަކީވެސް ކަމަލާ ހެރިސްއެވެ. މިހުރިހާ ރިކޯޑުތަކާއެކު ކަމަލާއަކީ މިހާރު ނަސްލީ ދީނީ އަދި ފިކުރީ ރޮގުތަކުން ބައިބައިވެފައިވާ އެމެެރިކާ އަލުން އެއްބައިވަންތަ ކުރުވުމަށް ލިބޭ ބާރަކަށްވާނެ ކަމަށް ވަރަށް ގިނަބަޔަކު އުއްމީދުކުރެއެވެ. ކަމަލާ ބޮޑަށް ހޭނިފައިވަނީ ހިންދޫ ގޮތްތަކާއި ނަސްރާނިއްޔަ ގޮތްތަކަށެވެ. ކަމަލާގެ ފިރިކަލުން ޑަގްލަސް އެމްހޯފްއަކީ ޔަހޫދީއެކެވެ. އެހެންވީމާ ޔަހޫދީންގެ ރުހުންވެސް އެކަމަނާއަށް އެބައޮތްކަމަށް ބަލަން ފުރުސަތު އެބައޮތެވެ.