އައްޑޫ ސިޓީގެ ގެސްޓު ހައުސްއަކަށް ރާއްޖެއިން ބޭރުން ފަތުރުވެރިއަކު އައުމާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ(އެންއީއޯސީ) އިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އައްޑޫގައި މާސްކު އެޅުން މަޖުބޫރުކޮށްފައެވެ.
ބޭރުތެރޭގައި އުޅޭއިރު ހުރިހާ އެންމެން ވެސް މާސްކު އަޅަން އެންގިފައިވި ނަމަވެސް އައްޑޫގައި މިމަންޒަރު ފެންނަ ތަނެއް ނުފެނެއެވެ. އާންމު ރައްޔިތުންގެ ތެރެއިން ވެސް މާސްކު އަޅަނީ މަދު ބަޔެއްކަން ފާހަގަކޮށްލެވޭ އިރު އިދާރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް ބޭރު ތެރޭގައި އުޅޭއިރު މާސްކު ނާޅާ ކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މިއަދު، ގދ. އަތޮޅު ކައުންސިލްގެ ޓީމެއް އައްޑޫ އަށް ކުރި ޒިޔާރަތެއްގައި ފޭދޫ ރަށިކެޑެ ބީޗާއި އައްޑޫގެ އިތުރު ބައެއް ގޮނޑުދޮށް ސަރަހައްދު ބަލާލުމަށް ދިޔައިރު އެ ޓީމުގެ ބައެއް މެމްބަރުން ވެސް ތިބީ މާސްކު ނާޅައެވެ.
ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޝާއިއުކުރި ފޮޓޯތަކާ ގުޅޭގޮތުން ބައެއް މީހުން ސޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކުރަމުން އަންނައިރު، މި ޓީމުން މާސްކު ނާޅާ ތިބީ އައްޑޫގައި މާސްކު އެޅުން މަޖުބޫރުކަން ނޭނގޭތީތޯ ނުވަތަ އައްޑޫ ސިޓީ ކައުންސިލުން އެގޮތަށް އިރުޝާދު ދީފައި ނުވާތީތޯ ސުވާލު އުފައްދާފައެވެ.
ރާއްޖޭގެ ހީނަރުވެފައިވާ އިގްތިސޯދަށް ބާރުވެރިކަމެއް ގެނެސްދޭން ސަރުކާރުން ވަނީ ފަތުރުވެރިންނަށް އަލުން ރާއްޖެއަށް މަރުހަބާ ކިޔައި، ރާއްޖެ އަންނަ ފަތުރުވެރިން ގިނަ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
ނަމަވެސް ފަތުރުވެރިން ގެނަޔަސް ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރާއި އެޗްޕީއޭ ކުރަމުން އަންނަ މަސައްކަތަށް ހުއްޓުމެއް ގެނެސްފައެއް ނުވެއެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ކޮންމެ ދުވަހަކު އެޗްޕީއޭ އިން ވަނީ އެކި ޒަރިއްޔާތަކުން ރައްޔިތުންނަށް ހަނދާން ކޮށްދެމުންނެވެ.
މިވަގުތު އައްޑޫގައި ކޮވިޑް ކޮންޓްރޯލް ވެފައި އޮތަސް، ރައްޔިތުން ފަރުވާތެރިކަން ކުޑަ ނުކުރުމަކީ މިބަލި ފެތުރުނަ ނުދިނުމަށް ކުރަން ޖެހޭ އެންމެ ބޮޑެ މަސައްކަތެވެ. އެޗްޕީއޭގެ ގަވާއިދުތަކަށް ބޯލަނބައި ރައްޔިތުން ބޭރަށް ނިކުތުމުގައި މާސްކު އެޅުމާއި ގިނަ ގިނައިން އަތް ދޮވެ ސެނިޓައިޒް ކުރުމަށް އިސްކަން ދޭން ޖެހެއެވެ.