ގޭދޮށު ކެފޭއެއްގައި އިއްޔެ ކޮފީ ބޯން އިންދައި ރައްޓެއްސަކު އަތުވެއްޖެއެވެ. މީނާޔަކީ ރައީސް ޔާމީނުގެ ދައުރުގައި ސިޔާސީ ކޮންމެވެސް މަގާމެއްގައި ހުރި މީހެކެވެ. އެންމެ ފުރަތަމަވެސް ފެށީ އެމެރިކާގެ އިންތިޚާބުގެ ވާހަކައިންނެވެ. ބުންޏެވެ. ޓްރަމްޕަކީ ކޮންކަހަލަ މީހެއްހެއްޔެވެ.
އޭނާއަށް ރަގަޅުގޮތް ނޫންގޮތެއް އެއީ ގޮތަކަށްވެސް ނުވެއެވެ. އެމެރިކާގެ އިންތިޚާބު ބަޔަކު ވަގަށްވެސް ނެގީއެވެ. މަރުވެފައިތިބި މީހުން ވޯޓުވެސްލީއެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ. އަޅުގަޑު ބުނެފީމެވެ. ޓްރަމްޕާއި އޭނާގެ ބައިވެރިން އައު ވާހަކަތަކެއް ދައްކައިފިހެއްޔެވެ. އެމީހުން އެކިޔަނީ ދެހާސްއަށާރަ ވަނަ އަހަރު ރާއްޖޭގެ ރިޔާސީ އިންތިޚާބުން ބަލިވީމާ ކަލޭމެންވެސް ކިޔަމުންދިޔަ ތަކެއްޗެވެ.
އެވެނި އަދަދަކަށް މިވެނި އަދަދަކަށް ވޯޓު ފޮއްޓަށް ކަރުދާސްއެޅި ގޮތް ނޭގިގެން އެންމެ ފުރަތަމަ ސުވާލުކުރީ ކަލޭމެންނެވެ. މަތިންތޯ ތިރިންތޯ ސުވާލުއުފެއްދީ ހަމަކަލޭމެންނެވެ. މަރުވެފައިތިބި މީހުން ތެދުކޮށްގެން ބޭނުންވާ އަދަދަށް ވޯޓު ހަމަކުރީޔޭ އެންމެ ފުރަތަމަ ބުނީވެސް ކަލޭމެންނެވެ. ވަގަށްނެގި ވޯޓޭ ވަގަށްނެގި އިންތިޚާބޭ ކިޔައިގެން އައު ޖުމްލަތައް އެންމެ ފުރަތަމަ އުފެއްދީވެސް ހަމަކަލޭމެންނެވެ.
ދެލިފޮހެވޭ ގަލަމެކޭ ވެއްޓޭ ފާހަގަޔޭ ގޮވަމުން ސްޕްރީމްކޯޓަށް ދިޔުމުގެ ރިކޯޑުވެސް ޓްރަމްޕަށްވުރެ ކުރިން ގާއިމުކުރީ ކަލޭމެންނެވެ. ޓްރަމްޕު މިހާރު އެ އުޅޭގޮތް ކަމުދިޔަޔަސް ނުދިޔަޔަސް އޭނާގެވެސް އޮތީ ހަމަ އެއްމަގުސަދެކެވެ. އެގޮތް ގޯހިއްޔާ ކަލޭމެންވެސް ގޯހެވެ. މިހިސާބަށް ވާހަކަ ގެންދިޔައިމާ ރަހުމަތްތެރިޔާ ވަރަށް ހިނިއައިސްފައި ބުންޏެވެ. އަހަރެމެން އެހެން އުޅުނީ ވޯޓުން ބަލިވިޔަސް ބަލިނުވާކަމަށް ހެދެންވެގެންނެވެ. ރައްޔިތުން ނޫނެކޭ ބުނީމާވެސް ވެރިކަމުގައި ދެމިތިބޭންވެގެންނެވެ.
ދެން އެކަންކުރުމަށްޓަކައި ދޮގުހަދާން މޮޅު މީސްމީހުން ގެނެސްގެން މޮޅު ދޮގުތަކެއް އުފަންކުރީއެވެ. އެދޮގުތައް އަހަރެމެން ތަކުރާރުކުރީ އެއީ ދޮގުކަން އެގިތިބެ އެކަމަކު ތެދަށް ވެދާނޭކަމަށް އުއްމީދުކޮށްގެންނެވެ. އެތަކެތި ހިފައިގެން ކޯޓަށް ދިޔައީ ވޯޓަކީ ރައްޔިތުން ދޭ އެއްޗަކަށްވިޔަސް ކޯޓުންވެސް ލިބިދާނޭކަމަށް ބަލައިގެންނެވެ. އެކަމަކު އެހެންނުވީތާއެވެ. ދެން އެންމެ ރަގަޅެވެ. ހިލާލީގެޔާއި މުލީއާގެއިން ރައީސް ޔާމީނު އަމިއްލަޔަށް ބޭރުވެގެންފިއެވެ. ތިޔަ ޓްރަމްޕު ވައިޓްހައުސްއިން އަމިއްލަޔަށް ބޭރުނުވެއްޖެނަމަ ދެނޯއެވެ.
އަޅުގަޑު ބުނެފީމެވެ. އިންތިޚާބުން ބަލިވީމާ ރިޔާސީ ކިއްލާއިން ނުނިކުމެ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް މަގާމުގައި ދެމިހުންނާން ގަދަދެއްކި ރައީސަކު އެމެރިކާގެ ތާރީޚުން ފެންނާކަށްނެތެވެ. އެންމެ ދުރަށް ދިޔަޔަސް ކޯޓާހަމައިން މައްސަލަ ނިމެއެވެ. އެހެންވީމާ ވައިޓްހައުސްއޭ ކިޔުނު ގަޑުވަރުން ނުނިކުމެ އެތަނުގައި ދެމިހުންނާން ޓްރަމްޕު ދިމާކޮށްފިނަމަ ދެންވާނެގޮތް ބުނާކަށްވެސް ނޭގެއެވެ. ލަފާކުރާކަށްވެސް ނޭގެއެވެ. މިކަހަލަ ހާލަތެއް މެދުވެރިވެއްޖެނަމަ ދެން އަމަލުކުރާންޖެހޭގޮތުގެ ވާހަކައެއް އެމެރިކާގެ ގާނޫނުއަސާސީޔަކުވެސް ނެތެވެ. އެކަމަކު އަންނަ އަހަރުގެ ޖެނުއަރީ ވިހިވަނަ ދުވަހު އައު ރައީސް ޖޯ ބައިޑެން މަގާމުގެ ހުވާކުރެއްވުމުގެ ކުރިން ތިޔަކަމަށް ހައްލު ހޯދާން މަޖުބޫރުވާނެއެވެ.
ވައިޓްހައުސްއިން ނުނިކުންނާން ޓްރަމްޕު ގަދަދައްކައިފިނަމަ ދެން ވާނެގޮތަކާމެދު އައު ރައީސް ބައިޑެންގެ ޓީމުން މިހާރުވެސް ވާހަކަ ދައްކައިފިއެވެ. އެމީހުން ބުންޏެވެ. ވައިޓްހައުސްގެ ފޫޓުތެރޭގައި ހުންނާން ނުޖެހޭ މީހަކު ހުރެއްޖެނަމަ އެމީހަކު ބޭރުކުރުމުގެ ކެރިކުޅަދާނަކަން އެމެރިކާ ސަރުކާރަށް ލިބިގެންވެއެވެ. މިވާހަކައިން ދޭހަވަނީ ގަދަބާރުން ޓްރަމްޕު ބޭރުކުރާން ޖެހިއްޖެނަމަ އެކަން ކުރަން ފަސްނުޖެހޭނެކަމެވެ. އެކަމަކު ޓްރަމްޕު ބޭރުކުރާނީ ފުލުހުން ނުވަތަ ސިފައިން މެދުވެރިކޮށްގެން ހެއްޔެވެ. މިކަމަށް ހުއްދަދޭނީ ކާކުހެއްޔެވެ.
މިއީވެސް އަދި ޖަވާބުނުލިބޭ ސުވާލުތަކެކެވެ. ސިފައިން މިހާރުވެސް އެތިބީ މިއީ އެމީހުން ކައިރިނުވާނޭ މަސައްކަތެއްކަމަށް އިއުލާންކޮށްގެންނެވެ. އަޅުގަޑު ގަބޫލުކުރާގޮތުގައި ސީކްރެޓް ސާރވިސްގެ އެޖެންޓުންގެ ޓީމެއް ގޮސްގެން ގަދަކަމުން ޓްރަމްޕު ބޭރުކުރާ ހިސާބަކަށް ނުދާނެއެވެ. އޭގެ ކުރިން އޭނާ ވައިޓްހައުސްއިން ބޭރުވާނެއެވެ. ޓްރަމްޕު މިހާރު ކޮންމެ ވާހަކަތަކެއް ދެއްކިޔަސް ކޮންމެ ގޮތަކަށް އުޅުނަސް އެއީ އެމެރިކާގެ ރައީސެވެ. އެހެންވީމާ ޓްރަމްޕުގެ ރިޔާސަތުގެ ހުރުމަތް އޭނާ ދަމަހައްޓާނެއެވެ.
ޓްރަމްޕުގެ ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ފަރާތުން މިކަން މިމަގުން ކުރިޔަށް ގެންދާން ބާރުއަޅާނެއެވެ. އެއީ އެމެރިކާއެވެ. ޒިމްބާބުވޭއެއް ނޫނެވެ. ހައްލު ހޯދާނެއެވެ. ހައްލު ފެންނާނެއެވެ. އެއީ ހަމަ މުޅިން ކަށަވަރުކަމެކެވެ. އެހެންނޫނަސް ޓްރަމްޕަކީ ބިލިއަނަރު މަހުޖަނެކެވެ. ވަންނާނޭ އެހެންތަނެއް ނެތިފައިހުރި މީހެއްވެސް ނޫނެވެ. މިހިސާބަށް ގެންދިޔަތަނާ ރަހުމަތްތެރިޔާ ބުންޏެވެ.
އެހެންވީއިރު އޭނާ ބަލި ގަބޫލުނުކޮށްގެން އުޅެނީ ކީއްވެގެންހެއްޔެވެ. ތިޔަ ބުނާ ޝަރަފާއި ހުރުމަތަށް ވިސްނާ މީހެއްނަމަ އެހެން މީހުންވެސް އަމަލުކުރާފަދައިން ރީތިގޮތުގައި ބަލި ގަބޫލުކުރީސްނޫންހެއްޔެވެ. އަޅުގަޑު ބުނެފީމެވެ. ބަލިވީމާ ބަލި ގަބޫލުކުރުމާއި މޮޅުވީމާ އަމިއްލަޔަށް އެކަން އިއުލާންކުރުމަކީ ގާނޫނީގޮތުން ކުރުން ލާޒިމުކަމެއް ނޫނެވެ.
އެއީ މުޅިން އަމިއްލަ ކަމެކެވެ. އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމަކީއެވެ. ޓްރަމްޕު ބަލި ގަބޫލުކުރިޔަސް ނުކުރިޔަސް ވަކި ފަރަގެއް ނާންނާނެއެވެ. ބަލިނުވާކަމަކަށްވެސް ނުވާނެއެވެ. ޖޯ ބައިޑެން ހުވާކުރެއްވުން ލަހެއްވެސް ނުވާނެއެވެ. ރަހުމަތްތެރިޔާ ބުންޏެވެ. މިއަދު ތިހިރީ ޓްރަމްޕުގެ ކޮންމެ ވާހަކަޔަކާއި އަމަލެއް ރައީސް ޔާމީނާއި ޕީޕީއެމްގެ ތިލަފަތުން ކިރާން ނިންމައިގެންދޯއެވެ.
މިދިވެހިރާއްޖޭގައި ވެރިކަންކުރި މީހުންގެ ތެރޭގައި ރައީސް ޔާމީނު ނޫން އެހެން މީހެއް ޓްރަމްޕުގެ މިސާލުތަކަށް ނުފެތެނީބާވައެވެ. މިވާހަކަޔަށް އަޅުގަޑު ހަގީގަތުގައިވެސް ވަރަށް ހިނިއަތުވެއްޖެއެވެ. ބުނީމެވެ. ނޫނެކެވެ. ޓުވީޓުކުރާ އެހެން ރައީސުންވެސް ތިއްބެވެ. ދޮގުމައްޗަށް ދޮގުހަދާ އެހެން މީހުންވެސް ތިއްބެވެ. ދޮގު ތަކުރާރުކުރީމާ އެއީ ތެދުކަމަށް މީހުން ގަބޫލުކުރާނޭކަމަށް ބަލައިގެން ދޮގު އުފަންކުރާ މީހުންވެސް ތިއްބެވެ. އެކަމަކު މިއަދު ތިޔަ ފެށީ ވޯޓުން ވައްކަންކުރުމުގެ ވާހަކަޔާއި އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރުމުގެ ވާހަކައެވެ. އެކަހަލަ ވާހަކަޔަކަށް އެންމެފަހުގެ މިސާލުތައް ނެގޭންއޮތް ހިސާބަކުން ނެގީއެވެ.