ކޮވިޑު-19 އަށް އިންޑިއާއިން އުފައްދާ ވެކްސިން ރާއްޖެއަށް ދިނުމުގައި ހާއްސަ އިސްކެމެއް ދޭނެކަމަށް ފޮރިން ސެކްރެޓަރީ ހާރްޝް ވަރްދަން ޝްރިންގްލާ ވިދާޅުވެއްޖެއެވެ.
ހަރްޝް ވިދާޅުވީ އިންޑިއާއިން އުފައްދާ ވެކްސިން އަކީ ފަސޭހަ ކަމާއި އެކު އަތްފޯރާ އަގުގައި ލިބޭނެ ވެކްސިނެއް ކަމަށެވެ. އަދި ވެކްސިން އުފެއްދުމުގައި އިންޑިއާގެ ކުންފުނި ތަކުން އަންނަނީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތް ތަކެއް ކުރަމުން ކަމަށް ހަރްޝު ވިދާޅުވިއެވެ. އަދި މިކަމުގެ ކަންކަން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ގާތުން ބައްލަވުން އަންނަ ކަމަށް ހަރުޝް ވިދާޅުވިއެވެ.
ހަރްޝު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް މިހާރުވެސް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އެކު މަޝްވަރާ ކުރައްވަމުން އަންނަ އިރު ކޮވިޑު ވެކްސިން ރާއްޖެއަށް ހާއްސަ އިސްކަމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް މިހާރުވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
އިންޑިއާއިން ކޮވިޑު-19 ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެގައުމުގެ ބާރަތް ބަޔޯޓެކް ކުންފުނިން ތައްޔާރު ކުރަމުންދާ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސް 3 ގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި އެކުންފުނީގެ ވެކްސިން އަންނަ އަހަރުގެ ފެބްރުއަރީ މަހު ލިބޭނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.