މާލޭގެ ހުޅަގު އުތުރު ފަރާތުގައި އެކި އަތޮޅުތަކުގެ ރައްޔިތުން ބިނާކުރި އަތޮޅުފިހާރަތައް މިހާރު ކޮބައިބާވައެވެ. އެއީ މާލޭގެ ގޮނޑުދޮށުން މޫދުން ބިންހިއްކައިގެން އަތޮޅުތަކުގެ ރައްޔިތުންގެ އަމިއްލަ ޚަރަދާއި މަސައްކަތުން ބިނާކޮށްފައިވާ ތަންތަނެވެ.
ރައްޔިތުންގެ ހައްގެވެ. ރައްޔިތުންގެ މިލްކެވެ. މިއަދަކީ ޖުމްހޫރީދުވަސްވީމާ މިއަދު ދައްކާހިތްވަނީ އެވާހަކައެވެ. ރައްޔިތުންގެ ހައްގުގެ ވާހަކަޔާއި އެހައްގު އަދާކުރުމުގެ ވާހަކަ ދެއްކުން އެންމެ އެކަށީގެންވަނީވެސް މިކަހަލަ ދުވަހެއްގައެވެ. އަތޮޅުފިހާރަތައް ފެށުނީ މާލީ ތަނަވަސްކަމާއި ތަރައްގީ ހޯދުމުގެ ވިސްނުމުގެ ތެރެއިންނެވެ. ބޭނުމަކީ ލާމަރުކަޒީ ނިޒާމަކަށް އަތޮޅުތައް ފައްކާކުރުމެވެ. އަތޮޅުތަކުން މާލެއަށް މުދާ ގެނެސްގެން ވިޔަފާރިއެއް ހިންގުމުގެ މި ޚިޔާލަކީ ވޯރާވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލުމުގެ ވިސްނުމުގެ ތެރެއިން އުފަންވެގެން އައި ޚިޔާލެކެވެ. މިގޮތުން އަތޮޅުފިހާރައިގެ ނަފާ ދިވެހި ރައްޔިތުންނަށާއި ދައުލަތަށް ލިބެމުންދިޔަ ދުވަސްވަރެއް ގައުމު ވަނީ ދެކެފައެވެ.
އަތޮޅުކޮމިޓީގެ މެންބަރުން ސޭޓުންނަށް ތިބެގެން އަތޮޅުތަކުގެ މާލިއްޔާއަށް މަންފާކުރި ދުވަސްވަރެއް ގައުމުވަނީ ދެކެފައެވެ. އަތޮޅުފިހާރަތައް އެންމެފުރަތަމަ ފެށުނީ 1962 ވަނަ އަހަރު ކޮންމެ އަތޮޅަކަށް ބޮޑުވަޒީރު އިބްރާހިމް ނާސިރު ދެއްވި ތިރީސްފޫޓު ސާދަފޫޓުގެ ވަގުތީ ބިންތަކުގައެވެ. މިބިންތައް ބޮޑުކުރުމަށާއި ދާއިމީކުރުމަށް ކަޑަޖަހައިގެން މޫދުން ބިންވަކިކޮށްދިނީ 1963 ގައެވެ. އަތޮޅުތަކުގެ ރައްޔިތުން ނިކުމެ މަސައްކަތްކޮށްގެން ބިންހިއްކައި ސަރުކާރުން ދިން ކުރެހުމަކާ އެއްގޮތަށް ހުރިހާ އަތޮޅެއްގެ ހުރިހާ ފިހާރައެއް އެއްގޮތަކަށް ހުންނާނޭހެން އިމާރާތްތައް ހަދައި ނިމުނީ 1964 ގައެވެ. މަަސައްކަތް ކޮށްފައިވަނީ މާލޭގައި ތިބި އަތޮޅުތަކުގެ ރައްޔިތުންގެ އިތުރުން އަތޮޅުތަކުންވެސް މީހުން ގެނެސްގެންނެވެ. މޫދުން ގޮޅިތައް ދޫކުރީ ކޮންމެ އަތޮޅަކަށް ތިރީސްފޫޓާއި ފަންސާސްފަސްފޫޓެވެ.
މިތަންތަން ދޫކުރީ ވަގުތީގޮތުން ވިޔަފާރި ކުރަމުންދިޔަ ފިހާރަތަކާއި ޖެހިގެން މޫދުންނެވެ. ގޮޅިތައް ހިއްކުމުން ވަގުތީ ފިހާރަތަކުގެ ބިން އެތައް ފޫޓަކަށް ބޮޑުވެގެން ދިޔައެވެ. ފިހާރަތައް އިމާރާތްކުރީ އަތޮޅުތަކުން ގެންނަ ތަކެތީގެ ތެރެއިން ފިހާރައަށް ނުވެއްދޭ ޒާތުގެ ތަކެތި ފިހާރައިގެ ކުރިމަތީގައި ބަހައްޓައިގެން ވިއްކޭ ގޮތަށާއި ގުދަން ކުރެވޭނެގޮތާއި ގިނައަދަދެއްގެ ތަކެތި ފިހާރައިގެ ފަހަތަށް އޮންނަ ބިމުގައިވެސް ބެހެއްޓޭނޭ ގޮތަށެވެ. އަތޮޅުފިހާރަތައް ހުރި ބިމަކީ ހަވީރީ ހިނގުމާއި ބޮޑުތަކުރުފާނު މަގާއި ދެމެދުން ލޯކަލް މާރުކޭޓުން ފެށިގެން ހުޅަގަށް ފަސް ބްލޮކެވެ. ކޮންމެ ބްލޮކެއްގައިވެސް ހަތަރު އަތޮޅެއްގެ ފިހާރަ ހިމެނޭގޮތަށް އަދި ކޮންމެ އަތޮޅަކަށްވެސް ދެބުރީގެ ދެފިހާރަ ހިމެނޭ ގޮތަށެވެ. އެއީ ހުޅަގުބަޔަކާއި އިރުމަތީބައެވެ. މިތަންތަނުގެ ރަޖިސްޓްރީތައް ހުންނަންވާނެއެވެ. ނެތްނަމަ އެއީ ސަރުކާރުގެ އިހުމާލެވެ.
ނާސިރުގެ ދައުރަކީ އަތޮޅުފިހާރަތަކަށް ބަހާރު މޫސުމެކެވެ. އެދައުރު ނިމި މައުމޫނުގެ ދައުރު ފެށުމާއެކު ސަރުކާރުގެ ސިޔާސަތު ބަދަލުވުމުގެ ނަތީޖާއެއްގެ ގޮތުން އަތޮޅުފިހާރަތަކަށް އައީ ޚަރީފު މޫސުމެވެ. މައުމޫނުގެ ދައުރުގައި ވިޔަފާރިތައް ހުއްޓިއްޖެއެވެ. އަމިއްލަ ވިޔަފާރިވެރިންނަށް މި އިމާރާތްތައް ކުއްޔަށް ދީފިއެވެ. އެތަންތަން ކުއްޔަށް ދީގެން ސަރުކާރުގައި އުޅުނު ބަޔަކު އަމިއްލައަށް މުއްސަދިވެއްޖެއެވެ.
ފިހާރަތަކުގެ ފަހަތުބައި އެސްޓީއޯއަށް ނަގައިފިއެވެ. ރައްޔިތުންގެ ކިބައިން އެހުމެއްނެތި އަދި ކުއްޔެއްވެސް ނެތެވެ. އަތޮޅުފިހާރަތައް ކުއްޔަށްދީގެން ވަކިވަކި އަތޮޅުތަކަށް ލިބެމުންދިޔަ އާމްދަނީއާއި އެހެނިހެން ގޮތްގޮތުން ލިބެމުންދިޔަ ފައިސާ މައުމޫނުގެ ދައުރުގައިވެސް ޖަމާކުރަމުންދިޔައީ އަތޮޅު އެކައުންޓްތަކަށެވެ. މިފައިސާ އަތޮޅުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އެހީވުމާއި އަތޮޅުގެ ޚިދުމަތަށް މީހުންހޯދުން ނުވަތަ އަތޮޅު އެކައުންޓުން މުސާރަދޭ މުވައްޒަފުން ހޯދުމާއި އަތޮޅު ހިންގުމަށް ބޭނުންވާ ތަކެތި ހޯދުންފަދަ ކަންކަމުގައި ބޭނުން ކުރަމުން ގޮސްފައިވެއެވެ.
އެހެންނަމަވެސް އައު ގާނޫނުއަސާސީއާއެކު ސަރުކާރު ހިންގުމަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެފައިސާތައް ސަރުކާރުގެ އެކައުންޓަކަށް ވަނީ ބަދަލުކޮށްފައެވެ. ރައްޔިތުންގެ ބަހެއް ހޯދުމެއްނެތެވެ. މިބަދަލާއެކު އިމާރާތްތަކުގެ ރަޖިސްޓްރީވެސް ބަދަލުކޮށްފައި އޮތުމަކީ އެކަށީގެންވާކަމެކެވެ. މިއީ ސަރުކާރުން ކުރިޔަސް ކުރެވިގެންވާނޭ ކަމެއް ނޫނެވެ. އަތޮޅުފިހާރަތަކަކީ ރައްޔިތުންގެ މިލްކެވެ. ރައްޔިތުންގެ މަސައްކަތާއި ފައިސާއިން ބިނާކުރި ރައްޔިތުންގެ ތަންތަނެވެ. ކޮންމެ އަތޮޅެއްގެވެސް އަތޮޅުފިހާރަޔަކީ މާލޭގައި އެ އަތޮޅަކަށް މިލްކުވެގެންވާ ބިމެކެވެ.
އަތޮޅުތަކާއި ސަރުކާރާދެމެދު ވެވުނު ކޮންޓްރެކްޓްގައި ބުނަނީ އެހެންނެވެ. ކޮންޓްރެކްޓްގެ ރޫހަކީވެސް އެއީއެވެ. ސަރުކާރު ބަދަލުވުމަކުން އަދި ސަރުކާރު ހިންގާން ހުންނަ މީހާގެ ނަން ބަދަލުވުމަކުން ރައްޔިތުންނާއި ސަރުކާރުގެ މިބާވަތުގެ ކޮންޓްރެކްޓް ބާތިލެއް ނުވާނެއެވެ. އަތޮޅުތަކުގެ މިލްކިއްޔާތު ސަރުކާރަކަށް ނުނެގޭނެއެވެ. ނެގޭނޭ ގާނޫނީ ހަމައެއްވެސް ނެތްމެއެވެ. ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް ރަށްރަށާއި އަތޮޅުތަކަށް އޮންނަ ބާރު އިތުރުކުުރުމަށް މިހާރު އެންމެންވެސް ވަކާލާތުކުރެއެވެ. މިއީ ރައްޔިތުންގެ ހައްގުތައް ރައްޔިތުންނަށް އަލުން އިއާދަކުރަންވީ ވަގުތެވެ. އަތޮޅުފިހާރަތައް ރައްޔިތުންނާއި ހަވާލުކުރާންޖެހޭ ވަގުތެވެ.
ޒަމާނީ މަންފާއަށް މިސްރާބު ހިފަންވީ ވަގުތެވެ. އެހެންވީމާ ހަވީރީ ހިނގުމުން ބޮޑުތަކުރުފާނުމަގަށް މިހާރުވެސްހުރި ބްލޮކްތައް އެބްލޮކެއް ނިސްބަތްވާ އަތޮޅުތަކަށް އަލުން ދޭންވީއެވެ. މި ބްލޮކްތަކުގައި ޕާކިންއާއި ވިޔަފާރިއާއި އޮފީސްތަކާއި ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންގެ އޮފީހާއި އެކޮމަޑޭޝަންތަކާއި ޖަލްސާކުރާނޭ ތަންތަނާއި މިހެންގޮސް އެތައް ތަނެއް ހިމެނިދާނެއެވެ. މިތަންތަން ސަރުކާރާއި އަތޮޅު ކައުންސިލްގެ ޕާރޓްނަރޝިޕް މޮޑެލްއަކަށް ބިނާކުރެވިދާނެއެވެ. ކޮންމެ ހަތަރު އަތޮޅެއް އެކުވެގެން ކޮންމެ ބްލޮކެއްވެސް ގައުމީ ޕްލޭނަކާ އެއްގޮތަށް ތަރައްގީ ކުރެވިދާނެއެވެ. އޭރުން ސަރުކާރަށް ބަރޯސާވުން ކުޑަވާނެއެވެ. ސަރުކާރުގެ ބަޖެޓަށް ލުއިވާނެއެވެ. ލާމަރުކަޒުކުރުމުގެ މޭވާ އަވަސްވާނެއެވެ.