އައްޑޫ ސިޓީގެ ދާއިރާ ކަނޑައަޅާފައިވާއިރު މަރަދޫފޭދޫ އާއި މީދޫ އެއް ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވުމުން އޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ދާއިރާ ވަކިކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ.
އައްޑޫ މީދޫ ދާއިރާއިން މަރަދޫފޭދޫ އަވަށް ވަކިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް މިމައްސަލަ ހުށައެޅީ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާއެވެ.
އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ މިމައްސަލައިގެ ބާވަތުން މިއީ ސުޕްރީމް ކޯޓުން ބަލަން ޖެހޭ މައްސަލައެއް ކަމުގައި ނުދެކޭތީ ސުޕްރީމް ކޯޓުން މައްސަލައިގެން ކުރިއަށްދިއުމާ ގުޅޭގޮތުން ވަކި ގޮތެއް ނުނިންމަނީސް ޖަވާބުދާރީ ނުވާން ކޯޓުގައި ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ގާނޫނު އަސާސީގެ 172 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް، އިންތިޚާބުތަކާ ބެހޭ މައްސަލަ ބެލޭނީ ދިވެހި ރާއްޖޭގެ ހައިކޯޓުން ކަން ފާހަގަކޮށްފައެވެ.
ނަމަވެސް މައްސަލަ ހައި ކޯޓަށް ހުށައެޅުމުން އެކޯޓުން ވަނީ މިމައްސަލަ އަކީ ދަށު ކޯޓުން ބަލަން ޖެހޭ ފަދަ މައްސަލައެއް ކަމަށް ބުނެ ކޯޓުން ބޭރުކޮށްލާފައި ކަމަށް މައްސަލަ ހުށައެޅި ފަރާތުގެ ވަކީލުންގެ ޓީމުން މައުލޫމާތު ދީފައިވެއެވެ. ހައިކޯޓުގެ އެންގުމަށް ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމުން ސިވިލް ކޯޓުން ވެސް ވަނީ މައްސަލަ އެކޯޓަށް ނުބެލޭނެ ކަމަށް ބުނެ ބޭރުކޮށްލާފައެވެ.
ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވުނު އަޑު އެހުމުގައި އެކޯޓުން ވަނީ މައްސަލައިގެ އިޖުރާއަތްތައް މުރާޖައާ ކޮށް ކުރިއަށް ގެންދާނެ ގޮތަކާމެދު ކޯޓުން ގޮތެއް ކަނޑައަޅާނެ ކަމަށް ބުނެފައެވެ.
އައްޑޫގެ ދާއިރާ ކަނޑައެޅިފައި އޮތް ގޮތަށް ބަދަލު ގެނެސްފައިވަނީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާ ދިމާކޮށެވެ. އޭގެ ކުރިން ހުޅުދޫ އަދި މީދޫ އެއް ދާއިރާއެއްގެ ގޮތުގައި އޮންނަ އިރު މަރަދޫ އާއި މަރަދޫފޭދޫ އޮންނަނީ އެއް ދާއިރާއެއްގެ ގޮތުގައެވެ. ނަމަވެސް އާބާދީއަށް ބެލުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުދޫ އާއި މީދޫ ވަކިކޮށް، ހުޅުދޫ ވަކި ދާއިރާއެއް ގޮތުގައި، މަރަދޫ އާއި މަރަދޫ ފޭދޫ ވަކިކޮށް މަރަދޫ ވަކި ދާއިރާއަކަށް ކަނޑައަޅައި މީދޫ އާއި މަރަދޫފޭދޫ އެއް ދާއިރާއެއް ގޮތުގައި ކަނޑައަޅާފައެވެ.
މިގޮތަށް ކަނޑައެޅުމުން އިންތިޚާބުތަކާ ގުޅިގެން މިދާއިރާއަށް ސިޔާސީ ނުފޫޒު ވަންނަ ކަމަށް މިމައްސަލަ ހުށައެޅި ފަރާތުން ދެކޭތީ މަރަދޫފޭދޫ މީދޫ ދާއިރާއިން ވަކިކޮށްދިނުމަށް އެފަރާތުން ވަނީ އެދިފައެވެ.