Last Updated: November 22, 10:54
Friday, November 22, 2024
ކޮލަމް

ކޫއްޑޫ މިސްކިތުގެ ތަނބަށް ބާރުކުރަނީ މިހެންވީމައެވެ.

ގއ. ކޫއްޑޫ

އުތީމު ބޮޑުތަކުރުފާނު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ޒަމާނުގައި ރާއްޖޭގެ ހަތަރު ރަށެއް އަސްކަރިއްޔާއަށް ދެއްވިއެވެ. އެއީ އެ ރަށްރަށަށް މާލެއިން ހަވަރު ބޭކަލުންގޮސް ހަގުރާމަކޮށް އަލުން އިސްލާމްދީނަށް ވެއްދުމަށްޓަކައެވެ. މިގޮތަށް އެރަދުން ހަވަރަށް ދެއްވި ހަތަރު ރަށުގެ ތެރެއިން ތިންރަށް ނިސްބަތްވަނީ ހުވަދުއަތޮޅަށެވެ. އެއީ ހަވަރުތިނަދޫ، ހަވަރުކާޑެއްދޫ ދެން ހަވަރުކުބުއްޑޫއެވެ. މިރަށްރަށުގެ ނަމުން ހަވަރު ކަނޑައިލެވުނީ ދާދިފަހަކުންނެވެ. މީގެތެރެއިން މިހާރު މީހުން ދިރިއުޅެނީ ތިނަދޫގައި އެކަންޏެވެ. ކާޑެއްދޫއާއި ކުބުއްޑޫގައި މިހާރު ގާއިމު ކުރެވިފައިވަނީ އެއަރޕޯޓެވެ. ކާޑެއްދޫއަކީ ހުވަދޫގެ ފުރަތަމަ އެއަރޕޯޓެވެ. ކުބުއްޑޫއަކީ ހުވަދުއަތޮޅުގެ ދެވަނަ އެއަރޕޯޓެވެ.

އިހުގެ ހަވަރުކުބުއްޑޫ ގިނަބަޔަކަށް މިހާރު އެނގޭނީ ކޫއްޑޫގެ ނަމުންނެވެ. އެއީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. ކޮންމެވެސް ސަކަރާތަކާހެދި މީހުން ފޭބުމުގެ ސަބަބުން ރަށް ފަޅުވީއެވެ. ފަޅުވި ސަބަބަކީ ކޮންމެވެސް ފުރޭތައެއްގެ ބިރުވެރިކަން ކުރިމަތިވުމޭ ކިޔައެވެ. މިފަޅުވުމެއް ފަޅުވީ މުސްކުޅިބަންޑާރައިންގެ ދުވަސްވަރުއެވެ. އެއީ މީގެ ސަތޭކަ ފަންސާސް އަހަރެއްހައި ކުރިއެވެ. ގިނަބަޔަކު ދިޔައީ ވިލިގިއްޔާއި މާމެންދޫއަށެވެ. އެއީ ކޫއްޑޫއާ އެންމެގާތުގައި އޮންނަ މީހުން ދިރިއުޅޭ ދެރަށެވެ. ކޫއްޑޫއަށްވުރެ ދެކުނުން އެތެރެވަރީގައި އޮންނަ ދެއްވަދޫއަށްވެސް ބަޔަކު ދިޔައޭ ބުނެވެއެވެ.

ކުބުއްޑޫގެ ނަން ކޫއްޑޫއަށް ބަދަލުވީ މީހުން ފޭބިފަހުން ކަމަށް ބުނެވެއެވެ. އެއީ ކުރަމަތި ކެރަމިންތާއަށް، ނަޑައްލާ ނަޑެއްލާއަށް އަދި ފަރެހު ފަރެސްއަކަށްވެސް ބަދަލުވި ދުވަސްވަރެވެ. މިހާރުގެ ގޮތަށް ނަންނަން ކިޔާން ފެށުނު ދުވަސްވަރެވެ. ކޮންމެއަކަސް މިހާރުގެ ކޫއްޑޫ ނުވަތަ އިހުގެ ހަވަރުކުބުއްޑޫ އަކީ މަސްވެރި ރަށެކެވެ. އެރަށާ ދާދިގާތުގައިވާ ކެދެެރޭ ކަނޑަކީ މަސްވެރިކަން ވަރަށްވެސް ތިޔާގި ކަނޑެކެވެ. ކޫއްޑޫއާއި ކެދެރޭ ކަނޑާއި ގުޅުވައިގެން ބުނެ އުޅޭ މުސްކުޅި މިސާލުބަހެއް އޮވެއެވެ. ކެދެރޭ ކަނޑުން މަސް ބާނަންޏާ ކުބުއްޑޫ މާމިސްކިތުގެ ތަނބަށް ބާރުކުރާނެއެވެ.

މިބަސް އުފެދުނުގޮތް ދަންނައެވެ. އެއީ ވަރަށް މަޝްހޫރު ވާހަކައެކެވެ. ހުވަދުއަތޮޅާއި އައްޑުއަތޮޅާއި ފުވައްމުލަކުގައިވެސް ވަރަށް މަޝްހޫރު ވާހަކައެކެވެ. ކޫއްޑޫގައި ތިބެނީ މަސްވެރިންނެވެ. މަސްވެރިކަން ތިޔާގި ދުވަސްވަރު މަސްފޯރިޔަކީ އެހެން ހުރިހައި ފޯރިޔަކަށްވުރެ ބޮޑު ފޯރިއެކެވެ. މަސްވެރިޔާ އޭނާގެ ދާނުގައި ނިދައިފައި ފަތިސްވުމުގެ ކުރިން އަވަސްއަވަހަށް ތެދުވެގެން ތެޅެމުން ފޮޅެމުންދާއިރު ޖުނުބު ހިނެއުމުން ހިނައިގަންނާނޭ ވަގުތެއްވެސް ގިނަރޭރޭ ނުވެއެވެ. ފިރިން އަނބީންގެ ކައިރީގައި ތިބެފައެވެ. ޒުވާން މަސްވެރިން ލޯބިވެރިންގެ ކައިރީގައި ތިބެފައެވެ.

ކެދެރޭ ކަނޑުގައި މަސްވެރިކަން ރަގަޅިއްޔާ އިރުއެރުމުގެ ކުރިން ކަނޑުމައްޗަށް ނިކުންނާން ޖެހެއެވެ. އެންމެ ކުރީބައިގައި އެންދަމައިގެން ކަނޑަށް ނުކުތުމަށްޓަކައި ރަށުން ފުރާންވެސް ޖެހެއެވެ. ފަޅުވެރިންނަށް ގޮވައި ތެދުކޮށް އަވަހަށް އަތިމައްޗަށް ދާން ކޮންމެ ދޯންޏެއްގެވެސް ކެޔޮޅުކަލޭގެ އަންގާނެއެވެ. މިއެންގުން އަންގާއިރު ގިނަމީހުން ތިބެނީ ޖުނުބުވެރިވެފައެވެ. ދެން މަހަށް ފުރުން ލަސްވެދާނެތީ ކޮންމެ މީހަކު ދުވެގޮސް މާމިސްކިތު މުދިންކަލޭގެ ގާތު ތިމަންނަގެ މަތިން ޖުނުބު ހިނައިގަތުން ފުރިހަކޮށްދޭށޭ ބުނުމަށް މިސްކިތުގެ ތަނބުގައި ވަޅިން ރޮނގެއް އަޅައެވެ.

މިގޮތަށް ރޮނގު އަޅައިނިމި ހުރިހާ ދޯނިތައްވެސް މަހަށްފުރައި ނިމުނީމާ މުދިންކަލޭގެޔަށް އޮންނަ ކަމަކީ މިސްކިތުގެ އެއްކަލަ ތަނބުގައި ހުރި ރޮނގުތައް ގުނައި ވިޔަކުރުމެވެ. އެއަށްފަހު ގެޔަށްގޮސް ގިފިއްޔަށްވަދެ ކޮންމެ މަސްވެރިޔަކަށްޓަކައި ހިނެއުމެވެ. މިއީ ވަރަށް ފަރުވާ ބަހައްޓައިގެން ކުރާކަމެކޯލައެވެ. ކޮންމެއަކަސް މިވަރަށް ފެންވަރާން ޖެހުނީމާ މުދިންކަލޭގެ ވަރަށް ހީވެސްކަރުވާނެތާއެވެ. މީހުން ބުނެތެވެ. ބައެއްދުވަހު މުދިންކަލޭގެއަށް އޮންނަނީ މުޅިންވެސް މިޒާތުގެ ހިނެއުމެވެ.

ހިނައި އަވަދިވެގެން މެންދުރު ނަމާދަށްގޮސް އެއްކަލަ ރޮނގުތައް މުދިންކަލޭގެ ކޮށައިލާނެއެވެ. މިގޮތަށް ކޮންމެ ދުވަހަކު މެންދުރު މިސްކިތުގެ ތަނބުގައި ހުންނަ ރޮނގުރޮނގު ކޮށަމުން ކޮށަމުންގޮސް ނިކަން އަވަހަށް ތަނބު ތުނިވެދެއެވެ. މަސްވެރިކަމުގެ މޫސުމެއްގައި ދެތިންފަހަރުވެސް ތަނބު އައުކުރާން ޖެހިދެއެވެ. އެޒަމާނުގައި ތަނބު ހުންނަނީ ރުއްވަކަރުންނެވެ. މިމަގުން ތަނބު ކޮށުން ގިނައީ މަސްބާނަންޏާއެވެ. ނުބާނަންޏާ ކޮށާކަށް ނުޖެހޭނެތާއެވެ. މަސްވެރިންވެސް އެހާ ފޯރީގައި އަވަހަށް ކަނޑަށް ނިކުންނާކަށް ނޫޅޭނެންޏާއެވެ.

ކޮންމެއަކަސް ކެދެރޭ ކަނޑުން މަސްބޭނޭތޯ ނުވަތަ ނުބޭނޭތޯ ބަލާ މީޓަރަކީ މިދެންނެވި އާދަތަކުގެ ސަބަބުން ކޫއްޑޫ މާމިސްކިތުގެ ތަނބެވެ. ތިމާޔަށް ނުލިބޭ އުފަލަކަށް އަދި ނުކުރާ ކަމަކަށް ފެންވަރާންޖެހި ހުރިހާ ހީކެރުވުމެއް ބަރުދާސްތު ކުރާން ހުންނަ މީހަކީ ކޫއްޑޫ މުދިންކަލޭގެ ކަމަށްވިޔަސް އޭނާއަށްވެސް ދެރަކަމެއްނެތެވެ. ލިބެނީ މުޅިންވެސް ފައިދާއެވެ. ކޮންމެ މަސްވެރިޔަކުވެސް ކޮންމެ ދުވަހަކު އޭނާއަށް މަސްބައެއް އަޅައެވެ. އެހެންވީމާ މުދިންކަލޭގެޔަށްވުރެ ތިޔާގި އެހެން މީހަކު މުޅި ކޫއްޑޫގައިވެސް އުޅޭކަމަކަށް ނުވެއެވެ.