Last Updated: April 24, 10:08
Thursday, April 24, 2025
ޚަބަރު

ތިނަދޫ ދޯނިން ފިހުނު މީހަކު ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

ގދ. ތިނަދޫ ފަޅުގައި އޮތް ދޯންޏެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކަށް ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.

މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ތިނަދޫ "ރާސްތާ" ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު މީހަކު ވަނީ ފިހިފައެވެ. އޭގެ ތެރެއިން މިއަދު ނިޔާވި މީހާއަކީ އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ.

އެމީހާއަށް ފަރުވާދެމުން ދިޔައީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެންނެވެ.

މިހާދިސާގައި ފިހުނު 4 މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ. އަދި ސީރިއަސްވީ ދެމީހަކު ވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައެވެ.

އެމްއެންޑީއެފްއިން ބުނީ ރާސްތާ ދޯނީގައި ރޯވީ ގޭސްފުޅިއެއް ގޮވައިގެން ކަމަށެވެ.