Last Updated: November 26, 17:50
Tuesday, November 26, 2024
ޚަބަރު

ފެނަކައަށް ބައިނަލްއަގްވާމީ 4 އެވޯޑެއް!

އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް"ގެ ހަތަރު އެވޯޑެއް ފެނަކަ ކޯޕަރޭޝަނަށް ލިބިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އެކުންފުނިން ކޮށްފައިވާ ބުރަ މަސައްކަތް ބައިނަލްއަގްވާމީ ޖަމާއަތްތަކުން ގަބޫލްކޮށް އަނެއްކާވެސް އިތުރު އެވޯޑުތަކެއް ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން ލ.ގަން ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫޢާއި ގދ.މަޑަވެލި އަދި ހޯޑެއްދޫގައި ފެނަކައިން ޤާއިމް ކުރުމަށް ރާވައި ފެށުމައް ތައްޔާރުވެފައިވާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫޢުގެ އިތުރުން ސަރަހައްދުގެ ޔޫޓިލިޓީ ކުންފުނިތަކުގެ ސީއީއޯ އެވޯޑު ފެނަކައަށް ވަނީ ލިބިފައެވެ.

ފެނަކައިން ބުނީ ޒަމާންވީ ކިލަނބު ނަމާއިއެކު ޒިންމާދާރުކަމެއްނެތި، ޚިދުމަތް ދެމުން އައި ފެނަކަ ހިނގުމަށް 2019 ވަނަ އަހަރު ގެނެވުނު މުހިއްމު ބަދަލާއިއެކު،ގިނަ ގޮންޖެހުންތަކެއް ގިރާކޮށް، މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި، ނުގުޑާ ޢަޒުމުގައި ފެނަކައިގެ ޙަޤީޤީ މަޤާމަށް ވާޞިލުވުމަށް ފެނަކައިން ބުރަ މަސައްކަތެއް ކޮށްފައިވާކަން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ޤަބޫލުކޮށްފައިވާ ކަމަށެވެ.

ފެނަކައިން ބުނީ "އޭޝިއަން ޕަވާ އެވޯޑްސް އަކީ މިނިވަން ފަނޑިޔާރުންގެ ޕެނަލަކުން އިންސާފު ކުރެވިގެން ދެވޭ، ޤައުމުތަކުގެ މެދުގައި އިތުބާރު ހޯދާފައިވާ، އަދި އޭޝިއާ ސަރަޙައްދުގެ ބޮޑެތި ޔުޓިލިޓީ ކުންފުނިތަކުން ބައިވެރިވާ އެވޯޑެއް ކަމަށެވެ. އަދި މިއަހަރުގެ އެވޯޑް ޙަފްލާގައި 50 ކުންފުންޏަކުން އެވޯޑުތައް ޙާޞިލްކޮށްފައިވާ ކަމަށެވެ.

ފެނަކައަށް ލިބުނު އެވޯޑުތަކުގެ ތަފްސީލް

1. ޕަވަރޕްލާންޓް އަޕްގްރޭޑް އޮފް ދި އިޔަރ (ރާއްޖެއިން)

މި އެވޯޑް ލިބިފައިވަނީ ފެނަކައިން ލ.ގަމުގައި ޤާއިމް ކޮށްފައިވާ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫޢަށް. މި މަޝްރޫޢަކީ ރާއްޖޭގައި ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ދާއިރާއަށް ގެނެވޭ ޒަމާނީ ފަންނުވެރިކަމުގެ އީޖާދުގެ ފެށުމަށް ވެގެން ދާނެ. އަދި މި މަޝްރޫޢާއެކު ލ.ގަމުގެ ރައްޔިތުންގެ ފަނޑުވެފައިވި އުންމީދުތަކަށް ވަނީ ދިރުން ލިބިގެން ގޮސްފައި. މި ގިންތިން އެވޯޑް ޙާޞިލްކުރި އެހެން ބޮޑެތި ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން އަދި ކޮރެއާ ހިމެނޭ.

2. ޕަވަރ ޔުޓިލިޓީ އޮފް ދި އިޔަރ (ރާއްޖެއިން)

މި އެވޯޑަކީ ޤައުމުތަކުގެ ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި މިން ކުރެވިގެން އެ ޤައުމެއްގެ އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަށް ދެވޭ އެވޯޑެއް.

3. ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދި އިޔަރ (ރާއްޖެއިން)

މި އެވޯޑް ލިބިފައިވަނީ ގދ.މަޑަވެލި އަދި ހޯޑެއްދޫގައި ފެނަކައިން ޤާއިމް ކުރުމަށް ރާވައި ފެށުމައް ތައްޔާރުވެފައިވާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫޢަށް. މި މަޝްރޫޢު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެފަދަ މަޝްރޫޢުތަކުގެ ތެރެއިން، ތަފާތު އަދި އިންޤިލާބީ މަޝްރޫޢަކަށް.

4. ސީ.އީ.އޯ އޮފް ދި އިޔަރ (ހުރިހާ ޤައުމަކުން)

މި އެވޯޑަކީ ބައިވެރިވި ހުރިހާ ޔުޓިލިޓީ ކުންފުނިތަކުގެ މެދުގައި ވާދަކޮށްގެން ފެނަކަ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދަށް ލިބިފައިވާ އެވޯޑެއް. ކުންފުނި ކުރިން އޮތް ޙާލަތަށް ބަލާ އެމްޑީ ސަޢީދު ކުންފުޏާއި ޙަވާލުވެ މިވީ ކުރު މުއްދަތުގެ ތެރޭގައި ކުންފުނީގެ ޙާލަތު އިހުނަށްވުރެ ރަނގަޅު ކުރެއްވުމަށް، ދެވޭ ޚިދުމަތްތަކަކީ އުފެއްދުންތެރިކަމާއި، އަދި އީޖާދީ ބިނާކުރަނިވި މަސައްކަތްތަކަކުން ކުރުމުއްދަތެއްގެ ތެރޭގައި ކުރެވިފައި މަސައްކަތްތަކެއްކަން ފާހަގަކުރެވިފައިވުމާއި، އަދި ދެވޭ ޚިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތަކަކަށް ހެއްދެވުމަށް މުޅި ނިޒާމް ފަރުމާކުރައްވާ، ކުންފުނިން ހޯދަމުންދާ ބޮޑު ކާމިޔާބީ ފަދަ މުހިންމު ކަންތައްކެއް ފާއިތުވެ ދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޙާޞިލްކުރެވިފައިވާތީ އެކަންކަން ފާހަގަކޮށް ލިބިފައިވާ އެވޯޑެކެވެ.