(ސެޕްޓެމްބަރު 23، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)
"އެހެން ވެއްޖެއްޔާ އަހަރެމެންގެ ގޯތީގެ ރަޖިސްޓްރީ ބެންކުގަ ބާއްވާފަ ފައިސާ ނަގާ. މި ގެތަކަކީ އަހަރެމެންނަށް ޔޫނުސްގެ ހެޔޮފުޅުކަމުން ލިބުނު ގެތަކެއް. މިއަދު މި ގެތަކުގެ އަސްލު ވެރިޔަކީ އޭނާ."
ހުރިހާ މަސައްކަތު މީހުންނަކީ ޔޫނުސްގެ ފުރިހަމަ އެހީ އާއި މަދަދު ލިބިފައި ތިބި މީހުންނެވެ. އަސްލަމް އާއި އެހެން މީހުން އުނައިސް އަށް ބައިއަތު ހިފި އެވެ. އެއީ 400 ދިވެހިންނެވެ.
މި ޙަބަރު ސަލީމަށް ލިބުމުން އޭނާ މަލާމާތް ކުރި އެވެ. ޖެއްސުންކޮށް ތަފާތު އެސްއެމްއެސްތައް ފޮނުވި އެވެ. އަދި އޭނާގެ ކާމިޔާބު ފާހަގަ ކުރުމަށް ރިސޯޓްތަކުގައި ހަފްލާތައް ބޭއްވި އެވެ.
އަސްލަމް އާއި އުނައިސް ވަރަށް ބުރަކޮށް މަސައްކަތް ފެށި އެވެ. ބޭންކުން ވެސް އިތުރަށް ދެ ދުވަހުގެ މުހުލަތެއް ދިނެވެ. މި ދެ ދުވަސް އެ މީހުންނަށް ވީ ލިބުނު އަނީމާއަކަށެވެ.
ވަހީދާ ހުރީ ބިރުން ވާނުވާ ނޭނގިފަ އެވެ. އެކަމަކު އޭނާ ފުރިހަމައަށް އުނައިސް އަށް އިތުބާރު ކުރެ އެވެ. ކޮންމެވެސް ގޮތަކުން އުނައިސް މިކަންތައް ރަނގަޅު ކުރާނެއޭ އޭނާގެ ހިތް ބުނެ އެވެ.
ޖެހިގެން އައި ދުވަހުގެ ރޭގަނޑެވެ. ހީނާ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔަ އެވެ. ދުވަސް ނުފުރާ ދަރިފުޅު ވިހެއީ އެވެ.
މައިމީހާ އަށް ގެއްލުން ވެދާނެތީ ސިޒޭރިޔަން ހަދާފައި ދަރިފުޅު ނެގީ އެވެ. ﷲ އިރާދަކުރެއްވީތި ދެމައިންގެ ހާލު ވެސް ރަނގަޅެވެ. އޭނާ ވިހޭ ހަބަރު އުނައިސް އަށް އަންގާކަށް އޭނާ ވެސް ޝާހިދު ވެސް ބޭނުމެއް ނުވި އެވެ. ނަމަވެސް ހޮސްޕިޓަލް ނަރުސް ކުއްޖާއަކީ ކުރިން ވެސް އުނައިސް ދަންނަ ކުއްޖަކަށް ވާތީ އުނައިސް އަށް ގުޅި އެވެ.
"ހަލޯ އުނައިސް…އުނައިސް ބައްޕައަކަށް ވެއްޖެ. ހީނާ ވިހައިފި މިރޭ."
"ހަމަ ރަނގަޅަށް މަ އެބަދަން." މިހެން ބުނެލާފައި އުނައިސް ވަގުތުން ހޮސްޕިޓަލަށް ދިޔަ އެވެ. ނަރުސް ކުއްޖާ އުނައިސް ގޮވައިގެން ގޮސް ހީނާ އާއި ދަރިފުޅު އޮތް ކޮޓަރި އަށް ވެއްދި އެވެ. ވަގުތަކީ ހީނާގެ ބައްޕަ ވެސް ބޭރަށް ދިޔަ ވަގުތެވެ. ހީނާވެސް އޮތީ ފާޑަކަށް ނިދިފަ އެވެ. ބަޔަކު ދޮރު ހުޅުވާފައި ވަން އަޑަށް ހީނާ އަށް ހޭލެވުނެވެ. އެވަގުތު އޭނާ އަށް ފެނުނު މަންޒަރުން އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާ އެވެ.
އުނައިސް ދަރިފުޅު އުރާލައިގެން ދަރިފުޅުގެ މޫނުގައި ބޮސް ދެނީ އެވެ.
"ބާއްވާ ހަމަ މިހާރު ބާއްވާ…ތީ ހަމައެކަނި މަގޭ ދަރިއެއް." ހީނާ ރޮއިގަނެފައި ބުނެލި އެވެ.
"އެހެންތަ؟ އެ ކިހިނެއް؟"
"ކަލޭ އެއްވެސް ކަމަކާ ނުލާ އަހަރެން ނުލާހިކު ބުރަ ހާލުގައި ހުއްޓާ ވަރި ކުރީ."
"އެހެންތަ ކަމަކާ ނުލައޭ ބަލަ ވަރި ކުރީ ކަލެ އާއި ކަލޭގެ ބައްޕަ އެދިގެން ފޯމު ގެނެސް ދިނީމަ ނޫންތަ؟ ކަލޭގެ ބައްޕަ ޝަރުތު ކަނޑައަޅާފަ އީދު ކުޅިވަރަށް އަހަރެމެން ގެއަށް ދިޔަ ދުވަހު ނުބުނޭތަ ވަރިކޮށްފައި ގެޔަށް ފޮނުވަދޭށޭ. އަދިވެސް ގޯސްވީ މަ ދޯ؟"
"ތީ ދޮގެއް މަ ގޭބައްޕަ އެ ވަރުގެ ޝަރުތެއް ކަނޑައެއް ނާޅާނެ."
"ހަގީގަތަކީ ކޮބާކަން ކަލެ އަށް ނޭނގޭނަ މަ ކަލޭ ބައްޕަ ކައިރިން އަހާ. އަދި ކަލޭ ދަރިފުޅާ އެކު އުޅެން ބޭނުން ނަމަ އަހަރެންގެ ގޭގެ ދޮރުވާނީ މި ދަރިފުޅުގެ މަންމައަށް ހުޅުވިފަ ގެއަށް އާދޭ. މަންމަ އާއި ދަރިއެއްގެ ގުޅުން އަހަރެން ކަނޑައެއްނުލާނަން. ހަމައެހެންމެ ބައްޕަ އާއި ދަރިފުޅުގެ ގުޅުން ވެސް ނުކެނޑޭނެ. އެހެންވެ އަހަރެން މި ދަނީ މިދަރިފުޅު ގޮވައިގެން."
"ނޫން އެހެން ނަހަދާ އުނައިސް މަގޭ ދަރިފުޅު ނުގެންދޭ."
ހިނާ ވަރަށް އުނދަގުލުން ތެދުވި އެވެ. އަދި ވެއްޓެމުން ކަހަލަ ގޮތަކަށް އުނައިސް ކައިރިއަށް އައެެވެ. އެހެނަސް އުނައިސް ހީނާ ދުރުކޮށްލާފައި ނިކުންނަން ދިޔަ އެވެ.
"އުނައިސް ﷲ އަށްޓަކާ މަޑު ކުރޭ. އަޅޭ ކީއްވެތަ އެކަކު ވެސް އޭނާ މަޑު ނުކުރުވަނީ. އުނައިސް ތިއީ ބޮޑު ފާފައެއް. މަގޭ ދަރިފުޅު މަށާ ވަކިނުކުރޭ. ތިއީ އަނިޔާއެއް. އަހަރެންގެ ދަރިފުޅާ ވަކިން އެންމެ ދުވަހަކު ވެސް އަހަރެންނަށް ދިރިއެއް ނުހުރެވޭނެ. އަހަރެން މަރުވެދާނެ." ހީނާ ރޮމުން އުނައިސް ފަހަތުން އާދޭސް ކުރަމުން ހިގަމުން ދިޔަ އެވެ.
އުނައިސް އެނބުރިލިއެވެ. ރުޅިވެރިކަމާ އެކު ހީނާ އާ ދިމާއަށް ބަލާލި އެވެ.
"މަރުވެދާނޭ…ބޮޑު ފާފައެކޭ މި ދަރިފުޅު ކަލެ އާ ދުރަށް ގެންދާތީ. އެކަމަކު މިއީ ހަމައެކަނި އެންމެ ދުވަހެއް ވީ ކުއްޖެއް. ކަލޭ އަހަރެންގެ މައިންބަފައިންނާ މެދު ވިސްނާލިންތަ؟ އެ މީހުންގެ 31 އަހަރުވީ ހަމައެކަނި ފިރިހެން ދަރިފުޅު އެ މީހުންނާ ވަކިކޮށްގެން ގެންގުޅެން ކަލޭ ހުވާކޮށްގެން އުޅޭ އިރު އެމީހުން މަރެއް ނުވާނެތަ؟" އުނައިސްގެ މި އަސަރުގަދަ ވާހަކަކޮޅަށް ފަހު ދަރިފުޅު ނަރުސް ކުއްޖާ އަތަށް ދިނުމަށް ފަހު ހޮސްޕިޓަލުން ނިކުމެގެން އޭނާ ދިޔައީ އެވެ.
ހީނާ ރޯލަރޯލާ ހުރީ އެވެ.
(ނުނިމޭ)