Last Updated: November 25, 05:48
Monday, November 25, 2024
ރިޕޯޓް

ހެޔޮވެރި ކަމަކަށް މީޑިއާ މުހިއްމީ ކީއްވެ؟

ހެޔޮވެރިކަމެއް ކުރިއަރުވާ، ދެމެހެއްޓުމަށް މީޑިއާކީ ވަރަށްވެސް ބޭނުންތެރި އެއްޗެކެވެ. ހެޔޮވެރިކަމެއްގެ ހުރިހާ އަސާސްތަކަކީވެސް މުޖުތަމަޢުގައި މިނިވަން މީޑިއާއެއް އޮވެގެން ބާރު ލިބިދޭ ކަންތައްތަކެވެ.

ސަރުކާރުން ކުރާ ކަންތައްތައް ހޯދައި، ބެލޭނެފަދަ މިނިވަން ވެއްޓެއް ނޫސްވެރިންނަށް ލިބިގެން ނޫނީ ހެޔޮވެރިކަމެއް އަށައެއް ނުގަނެވޭނެއެވެ. ފޮރުވަން، ނުވަތަ ސިއްރުކުރަން ޖެހޭ އެއްޗެއް ނެތްނަމަ މިނިވަން މީޑިއާތަކަށް އުފަލާއި އެކު މަރުހަަބާ ކިޔަން ޖެހޭނެއެވެ. އަދި ހަމަ އެހެންމެ، ރައްޔިތުން އެދޭ ގޮތް ސަރުކާރާ ހަމަޔަށް ގެންގޮސް ދިނުމަކީ ވެސް މީޑިއާގެ ވަރަށް މުހިންމު ރޯލެކެވެ.
ރަނގަޅު ގޮތެއްގައި ވެރިކަން ކުރަން ބޭނުންވެގެން އުޅޭ ސަރުކާރެއް ނަމަ މީޑިއާތަކަށް ފުރައްސާރަ ކުރުމެއްނެތި ރަނގަޅަށް މަސައްކަތް ކުރުމަށް ފުރުސަތު ދޭނެއެވެ. އަދި ހާއްސަކޮށް ތަފާތު ހިޔާލުތަކަށް މުޖުތަމަޢު ތެރޭ ޖާގަ ދޭނެއެވެ.

ރައްޔިތުންގެ ބައިވެރި ވުމަކީ ހެޔޮވެރިކަމަކަށް ވަރަށް މުހިންމު އެއްޗެކެވެ. މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ވަރަށް ބޮޑަށްވެސް ވެރިކަމުގެ މަރުހަލާތަކުގައި ބައިވެރި ވެވޭނެއެވެ. މިގޮތުން ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ތަފާތު ބަހުސް ތަކުގެ ޒަރީއާއިންނާއި ލިޔުންތަކުން، ރައްޔިތުން ބޭނުންވާ ގޮތް މީޑިއާތަކަށް ގެނެސްދެވޭނެއެވެ.

ކޮންމެ އިންސާނަކަށްވެސް އިންސާނަކަށް ވީތީ ލިބެން ޖެހޭ ހައްޤުތަކެއްވެއެވެ. މި ހައްޤުތަށް ފުރިހަމަޔަށް ރައްކާތެރިވެވިގެން ނޫނީ ޤައުމެއް ތަރައްޤީއެއް ނުވާނެއެވެ. އަދި ފުރިހަމަ ޑިމޮކްރަސީއެއް ނަމަ އިންސާނީ ހައްޤުތަށް ރައްކާތެރި ކުރުމަށް ހާއްސަ އިސްކަމެއް ދޭނެއެވެ. މިނިވަން މީޑިއާއެއް އޮތުމުން، އިންސާނީ ހައްޤުތަކާއި ކަރާމާތް ގެއްލިގެންދާ ދަނޑިވަޅުތަކުގައި އެކަން ކަން ރިޕޯރޓް ކުރެވޭނެއެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުގެ ސަމާލުކަމަށް އެކަންކަން ގެނެސްދީ ކަންތައްތައް ރަނގަޅު ކުރުމަށް ބާރު އެޅޭނެއެވެ.

ޤާނޫނުގެ ވެރިކަން ދެމެހެއްޓިގެން ނޫނީ ހެޔޮވެރިކަމެއް ނުކުރެވޭނެއެވެ. ދައުލަތުގެ ހުރިހާ ދިމާލެއްގައި ވެސް ޤާނޫނުގެ ވެރިކަން ހިންގެންޖެހޭނެއެވެ. ތަފާތު ކުރުމެއްނެތި ޤާނޫނަކީ އެންމެގެ މައްޗަށް ހަމަހަމަ، އަދި ހުރިހާ މަރުހަލާތަކެއްގައިވެސް އަމަލު ކުރެވޭ އެއްޗަކަށް ވާން ޖެހޭނެއެވެ. އެގޮތަށް އެކަން ނުވާނަމަ ޑިމޮކްރަސީގެ ނިޒާމަށް ރައްޔިތުން ގެ އިތުބާރު ގެއްލި ތަރައްޤީއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެއެވެ. މީޑިއާއަކީ މި ބުނި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ވަރަށް މުހިންމު ރޯލެއް އަދާ ކުރެޥޭނެ ބަޔެކެވެ. ހާއްސަކޮށް "އިންވެސްޓިގޭޓިވް ޖާރނަލިޒަމް" ގެ ތެރެއިން، ސަރުކާރުތެރޭގައި ހިންގޭ ޤާނޫނާއި ހިލާފު އަމަލުތަށް ހޯދައި އެކަންތައްތައް އާންމު ކުރެވޭނެއެވެ. އަދި ކޯރޓުތަކުންނާއި ޤާނޫނު ހެދުމުގެ މަރުހަލާގައި ހިނގާ ކަންތައްތައް ރައްޔިތުންނާޢި ހަމަޔަށް ގެނެސްދެވޭނެއެވެ
.
ތަރައްޤީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަން އޭ ބުނެވިދާނެއެވެ. ކޮރަޕްޓް އަމަލުތަކުގެ ސަބަބުން، ދުނިޔޭގައި ބައެއް ޤައުމުތަށް އިޤްތިސާދީ ގޮތުން އިނދަ ޖެހިފައި އެބަހުއްޓެވެ. މީޑިއާތަކުން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ކޮރަޕްޓް އަމަލުތަކުގެ ވާހަކަތަށް ދައްކައި އާންމުން އެކަން ކަމާއި ގުޅޭގޮތުން ހޭލުންތެރި ކުރުމަކީ މީޑިއަތަކުން ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ނޫސްވެރިންނަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހެއެވެ. ތަފާތު ޒާތުގެ ބިރު ދެއްކުމާއި، ފިތްތުންތައް ކުރިމަތި ކުރުވުމަކީ ވަރަށް އާންމުކަމެކެވެ. އަދި ބައެއް ފަހަރު، އެފަދަ ބައެއް މީޑިއާތަށް ނައްތާލަން ކޮރަޕްޓް ސަރުކާރުތަކުން މަސައްކަތްކުރެއެވެ.

ކޮރަޕްޓް އަމަލުތައް މަދު ސަރުކާރެއް ނަމަ ދެފުއްފެންނަ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތަރުހީބުދޭނެއެވެ. އަދި ވީހާވެސް ބޮޑަކަށް މީޑިއާތަކާއި ރަހުމަތްތެރި ކަން ބާއްވާނެއެވެ. މީގެ އިތުރުން ލިޔެކިޔުންތަކާއި ސަރުކާރުން ނިންމާ ނިންމުންތަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އާންމު ކުރާނެއެވެ.

ދެފުއްފެެންނަ ސިޔާސަތުތަށް ގެންގުޅެގެން ނޫނީ ސަރުކާރެއް ޒިންމާދާރު ނުކުރެވޭނެއެވެ. ޒިންމާދާރުކުރުމަކީ ސަރުކާރުން ކަންތައްތައް ކުރާ ގޮތް ރައްޔިތުން ބެލުމަށްފަހު ރައްޔިތުން އެކަންތައްތަކާއި މެދު ހިޔާލު ފާޅުކޮށް އެކަންތައްތައް ރަނގަޅު ކުރުވަން މަސައްކަތްކުރުމެވެ. ސަރުކާރުން ކަންތައްކުރާގޮތް ރައްޔިތުންނާއި ހަމަޔަށް ގެނެސް ދިނުމުގެ ޒިންމާ އަކީ މީޑިއާތަކުގެ މައްޗަށް އޮތް ކަމެކެވެ. އެއްވެސް ހާލެއްގައި، ސަރުކާރުން ކުރާ ކަންތައްތައް ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދީ ހެދުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫނެވެ. އެއީ "ޕްރޮޕެގެންޑާ" އެެވެ.