ސިޔާސީ ޕާޓީތައް ހަދައިގެންއުޅޭ މީހުންގެ ތެރެއިން މީހަކު އައްޑުއަތޮޅަށް އަރައިފިއްޔާ ހަމައެކަކުވެސް ޚިލާފެއްނުވެ އެއްގޮތަކަށް ތަކުރާރުކުރާ ވާހަކައެއް އޮވެއެވެ. ބުނާނެއެވެ. މިއީ އާލިމުންނާއި ހަކީމުންގެ އަތޮޅެވެ. މިއީ ތައުލީމުގެ ދާނެވެ. މިއަތޮޅުގެ ރައްޔިތުން އަބަދުވެސް ޚާއްސަވާނެއެވެ. ދެން މިއަޑު އަހައިފައި އެއީ ތެދެކޭ ހީކޮށް ވަރަށް ގިނަބަޔަކު ބާރަށް އަތްތިލަބަޑި ޖަހައިފައި އުފަލުން ފޮޅިފައި ތިބޭތަން ފެނެއެވެ. އަސްތަ އަސްތާޔޭ ތިމަންނާޔަކީވެސް އެބުނާ އިލްމުވެރި ހިކުމަތްތެރިންގެ ތެރޭގައި ހިމެނޭ އާލިމެއްތާއޭ ހީކުރާ ބަޔަކުވެސް އުޅެއެވެ.
ކޮންމެއަކަސް ސިޔާސީ މާކެޔޮޅުން އައްޑުއަތޮޅުގައި އަޅަނީ އަބަދުވެސް ކުރުދޮށްޓެވެ. މުގުރާން ފިޔަވައި އެހެން އެމެއް އުކާން ނުވެސްޖެހެނީއެވެ. އެހާވެސް ފަސޭހައެވެ. މިއީ ބޮޑެތި އާލިމުންނާއި ހަކީމުންގެ އަތޮޅޭ ބުނީމާ ފުދުނީއެވެ. މައުމޫނަކަސް ނަޝީދަކަސް އެހެން މީހަކަސް އައްޑުއަތޮޅުގައި ކުޅެނީ މިކުޅިވަރެވެ. ބުއްދިވެރި މުސްކުޅިން ބުނެއެވެ. މޫމިނެއްގެ ގަޔަށް އެއްހަރަކުން ދެފަހަރު ކަށްޓެއް ނުޖެހޭނެއެވެ. އެކަމަކު އެއްހަރަކުން އައްޑޫ ރައްޔިތުންގެ ގަޔަށް ކަށިޖެހެނީ އެއްފަހަރަކު ދެފަހަރަކު ތިންފަހަރަކު ނޫނެވެ. އެއީ އަބަދުގެ ކަމެކެވެ.
ހޭލުންތެރި ވިސްނުންތެރި ތައުލީމީ ބަޔަކު މިގޮތަށް އަބަދު ހައްދައިގެން ގެންގުޅެވިދާނެ ބާވައެވެ. ނޫނެކެވެ. ނުގެންގުޅެވޭނެއެވެ. އެމީހުންގެ ގަޔަށް އެތައްފަހަރަކު ކަށްޓެއް ނުހެރޭނެއެވެ. ހެރެންޏާ އޭގެ މާނަޔަކީ ސަނަދު ހުއްޓަސް ވިސްނުމުގެ ދާއިރާ ތަނަވަސް ނުވަނީއެވެ. ދީނީ އަދި ގައުމީ ޣީރަތު ހުންނަންވާ ވަރާ ގާތަށްވެސް ނުހުންނަނީއެވެ. ހައްދައިގެން ގެންގުޅެވޭނީ މޮޔައިންނެވެ. އަޅުގަޑު ގަބޫލުކުރާގޮތުގައި ފާއިތުވި ވިހި ތިރީސް އަހަރުގެ ތަޖުރިބާގެ އަލީގައި ރައްޔިތުން މިހާރު ވިސްނާންވެއްޖެއެވެ. ފިކުރުގެ އޮޑިޓެއް ހަދާންވެއްޖެއެވެ.
ހެއްލުމަކީ ގެއްލުމެކެވެ. އައްޑޫއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ އެންމެ ބޮޑު ގެއްލުމަކީ ސިޔާސީ ލީޑަރުންނޭ މިކިޔޭ މީހުންނަށް ހެއްލުމެވެ. ހެއްލުނުވަރުގެ ބޮޑުކަމުންތާއެވެ. އެއިން މީހަކު އެދުނު ކޮންމެ ކަމެއް ދެވަނަ ވިސްނުމަކަށްވެސް ނުގޮސް މިހިރަގެން ކުރަނީއެވެ. އަންދައި އަޅިޔަށް ހަދައިލާށޭ ބުނީމާ އެކަމެވެ. އަބުރު ކަތިލާށޭ ބުނީމާ އެކަމެވެ. އިޖުތިމާއީ ފޭރާންވެސް އެވެރީންގެ އެދުމަށް މިތިބީ ކޮށައި ވީދައި ކުދިކުދިކޮށްލައިގެންނެވެ. އެހެން ހެދީމާ އައު ފަތިހަކަށް އަލިވިލިއްޖެޔޯލައެވެ. މިފަތިހުން ހުރުމަތާއި އަބުރަކަށް ޖާގައެއް ނެތެވެ.
ބަޔާން މިކުރެވުނީ ހިނގަމުންދާ ކަންކަމުގެ ހަގީގަތެވެ. މިމަގަށް ކަންކަން ބައްޓަންވެގެންދިޔައީ ސަބަބުތަކެއްވެސް ހުރެގެންނެވެ. ޖަމާއަތުގެ ކުރިއެރުމާއި ފައިދާއަށްވުރެ އަމިއްލަ ކުރިއެރުމާއި ފައިދާ އިސްކުރުމުގެ ވިސްނުމަކީ މީގެ ތެރެއިން އެއްސަބަބެވެ. މަދު މީހަކު ނޫނީ އުޅޭތީ ފެންނަނީ އަމިއްލަ އަންބޮނޑިއަށް އެތިކޮޅެއް އަޅައިލެވޭތޯއެވެ. އެކި އިންތިޚާބުތަކާއި ގުޅިގެން ކަންފަތަށް އޮބިނޯންނަވަރުގެ ގަދަ އަޑުތަކުން އެކިދިމާލުން ދީނަށްޓަކަޔޭ ގައުމަށްޓަކަޔޭ ގޮވައިނެގިޔަސް އެންމެފަހުން ކަންކަން ނިމިގެންދަނީ ޖީބަށްޓަކައެވެ.
މިހާލަތުން އަރައިގަންނާން އެބަޖެހެއެވެ. ހަމައެކަނި ވާހަކަތަކެއް ދައްކައިގެން ބަދަލެއް ނުވާނެއެވެ. ހާލަތު ބަދަލުވުން އޮތީ އެކަމަށްޓަކައި ގަދައަޅައި ކުރާ މަސައްކަތެއްގެ ތެރެއިންނެވެ. ތިމަތިމާމެންގެ ދަތި އުނދަގޫ ހާލަތު ބަދަލުކުރުމަށްޓަކައި ތިމަތިމާމެން ހަމަ އެއްވެސްކަމެއްނުކޮށް އެކަން ގަޟާގަދަރާއި މަތިކޮށްގެން ތިބުމަކީ ބުއްދީގެ އަހުލުވެރިން ކުރާނޭކަމެއް ނޫނެވެ. އެއީ މޮޔަކަމުގެ ސިފައެކެވެ. އެންމެ އިހަށްވެސް ކުރާންވީ ކަމަކީ ނަސީބަކީ ކަތީބު ދޭއެއްޗެއް ނޫންކަން ގަބޫލުކޮށް ކަތީބުގެ ފަހަތުން ހިނގުން ހުއްޓައިލުމެވެ.
ސިޔާސީ ލީޑަރުން ކިތަންމެ ގިނައިން ތަރައްގީއޭ ތަރައްގީއޭ ކިޔަސް އެއީ ކޮންތާކު ކޮންގޮތަކަށް އޮތް ތަރައްގީއެއްކަން ޚުދު އެވެރީންނަކަށްވެސް ނޭގެއެވެ. ގެންނާންއުޅޭ ތަރައްގީގެ މިންވަރާއި ބާވަތެއްވެސް އެނގުމެއް ނެތެވެ. ދެން ރަށްރަށަށް އަރައިފައި ތަރައްގީ އޮންނަ ދިމާލެއް ނޭގުނަސް އިނގިލިން އިޝާރާތްކޮށްފައި ތަރައްގީ ދައްކާން އުޅެނީއެވެ. އެބާވަތުގެ ދެއްކުމަށް އިހު މީހުން ކިޔަނީ ހޮޅީންނަށް ދިގުރަށް ދެއްކުމެވެ. އައްޑުއަތޮޅަށް އަރައިފައި އެވެރިން ދައްކަނީ ދިގުރަށެއް ނޫނެވެ. ދައްކަނީ ސިންގަޕޫރާއި ދުބާއީއެވެ.
މޮޔަ ހަސަނަށް އަމާފެންނަ ބީދައިން ރައްޔިތުންނަށް ސިޔާސީ މީހުން ފެންނަންޏާ ޅޮސްއުނދޯލިން ފައިބާކަށް ފުރުސަތެއް ނުލިބޭނެއެވެ. މީހަކު ފެންނައިރަށް މޮޔަ ހަސަނަށްވެސް ހީވަނީ އެއީ އަމާކަމުގައެވެ. ދެން ކާންދޭންވީއެވެ. ބޯންދޭންވީއެވެ. ނިންދަވާންވީއެވެ. އެގޮތަށް ރައްޔިތުންނަށްވެސް ސިޔާސީ ލީޑަރުން ފެންނަހާ ދުވަހަކު ކަންކަން އިސްލާހެއް ނުވާނެއެވެ. ސިޔާސީ މީހުން އެއުރެންގެ ގޮތުގައި ބައިތިއްބާށެވެ. އެއުރެންނަށް ތަބާވެގެން ތަންތަނުގައި ހުޅުޖަހަމުން މުޒާހަރާކުރަމުން އަރާރުންވަމުން ދުވާންތިބޭހައި ދުވަހަކު ތަރައްގީ ބަލަންޖެހޭނީ ހޮޅިން ދިގުރަށް ބެލިހެންނެވެ.