އައްޑުއަތޮޅުގެ ޒުވާނުންގެ އެންމެ ގިނަބަޔަކު ވަޒީފާ އަދާކުރަމުންއައީ ފަތުރުވެރިކަމުގެ ސިނާއަތުގައެވެ. ކޮވިޑުގެ ސަބަބުން އެސިނާއަތު އިނދަ ޖެހިއްޖެއެވެ. ފަތުރުވެރިކަމަށް ބަރޯސާވެގެންތިބި ޒުވާނުންގެ ގިނަބަޔަކު މަގުމަތިވެ ބޭކާރުވެއްޖެއެވެ. އައްޑުއަތޮޅުގައި އޮތީ ތިން ރިސޯޓެވެ. ޝަންގްރިލާ އާއި ހެރެތެރެޔާއި އިސްމެހެލާހެރައެވެ. މި ތިން ރިސޯޓުވެސް ބަންދުކޮށް ދިވެހި މުވައްޒަފުން ގެޔަށް ފޮނުވާލައިފިއެވެ. އައްޑުއަތޮޅު ނޫނިއްޔާ ރާއްޖޭގެ އެއްވެސް އަތޮޅެއްގައި މިބީދައިން ހުރިހާ ތަނެއް ބަންދުކޮށް ރިޒްގުގެ ލޯވަޅު ނުބައްދައެވެ.
ދިވެހިރާއްޖޭގެ އެއްވެސް އަތޮޅަކުން މި ސަރުކާރަށް ނުދޭވަރުގެ ބޮޑު އަގުލަބިއްޔަތެއް އައްޑުއަތޮޅުން ލިބުނެވެ. އެވަރަށް އިތުބާރުކޮށްފައި ގެނައި ސަރުކާރު ކޮބައިބާވައެވެ. ރައްޔިތުންގެ އިހުސާސްތައް މޭރުންވޭ ހެއްޔެވެ. މޭރުންވާހެން ހިޔެއްނުވެއެވެ. އައްޑުއަތޮޅަކީ އެއްވެސް އަތޮޅެއް ނޫންކަން ސާބިތުކޮށްދިނުމަށް ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ކޮންމެވެސް ސަނީފެކޭ ކިޔުނު މެންބަރަކު ދާދިފަހުން ބުންޏެވެ. އައްޑޫގެ ތިން ރިސޯޓުވެސް ބަންދެވެ. އެހެންވީމާ އައްޑޫ ތަރައްގީ ކުރުމުގެ ވާހަކަ ހުއްޓާލައި އެހެން ތަންތަން ތަރައްގީކުރުމާއިގެން އުޅެންވީއެވެ. ބުޅާ އެއޮތީ ގޯނިން ބޭރުވެފައެވެ.
ރައްޔިތުންގެ އިހުސާސްތައް ދަނެގެން އެޖެންޑާއެއް އޮވެގެން މިޝަނެއް އޮވެގެން ވެރިކަން ކުރާ ސަރުކާރެއް ނެތެވެ. ސަރުކާރުގެ މިސާލަކީ ސޫޖީބޯން އޮންނަ ސަންގުގެރީގެ މިސާލެވެ. އަދަބެއް ސަދަބެއް ތަރުތީބެއް ނެތެވެ. ސިޔާސަތެއް ނެތެވެ. ދައްކަނީ ފޮނި ވާހަކަތަކެކެވެ. ވާހަކަޔަކުން ކަމެއް ކުރެވެންޏާ މުޅި ރާއްޖެ ގިރިޓީ ކުރެވޭ ވަރަށްވެސް ވާހަކަ އެބަދައްކައެވެ. ދައްކާ ވާހަކަޔާއި އަމަލު ދިމާވުމެއް ނެތެވެ. ދިމާކުރުމުގެ ނިޔަތެއް ފިކުރެއް ހިކުމަތެއްވެސް ނެތީއެވެ. އެހެންވީމާ މިއީ ރައްޔިތުން ވިސްނަންވީ ވަގުތެވެ. ރައްޔިތުން ހޮވި ސަރުކާރުގެ އޮޑިޓެއް ހަދަންވީ ވަގުތެވެ.
އައްޑުއަތޮޅުގެ ވާހަކައިން މިފެށީ ސަރުކާރުގެ ދޯހަޅިކަމާއި ބޯގަޅިކަމުގެ ހިތިކަން އެންމެ ބޮޑަށް ތަޖުރިބާކުރާ އަތޮޅުގެ ވާހަކައިން ފެށުމަށްޓަކައެވެ. ކަމަކީ ހަގީގަތުގައި ފަތުރުވެރިކަމުގެ މުޅި ސިނާއަތާއި އެސިނާއަތަށް ބަރޯސާކުރާ އެންމެހައި ދިވެހީންނަށް ކުރިމަތިވެފައިވާ ހިތާމައެކެވެ. އިހަކަށް ދުވަހު ދިވެހިރާއްޖެ ވަނީ ދުނިޔޭގެ ލީޑިން ޓޫރިޒަމް ޑެސްޓިނޭޝަނުގެ ގޮތުގައި ހޮވިފައެވެ. ކޮވިޑުގެ ތެރޭގައި ވަކި މުއްދަތަކަށް ރިސޯޓުތައް ބަންދުކުރިނަމަވެސް ރާއްޖޭގެ ޓޫރިޒަމަށް ދިޔައީ ރީތި ނަން ލިބެމުންނެވެ.
ކޮވިޑަށްފަހު އަލުން ހުޅުވައިލީމާ ރާއްޖެ ހިމެނިގެން މިދަނީ ދުނިޔޭގައި އެންމެ މަޝްހޫރު އެއް މަންޒިލްގެ ގޮތުގައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ރާއްޖޭގެ ޓޫރިޒަމް މަޝްހޫރުވުމުން ލިބެންޖެހޭ ހަގީގީ ފައިދާ މިލިބެނީ ދިވެހީންނަށް ތޯއެވެ. ރިސޯޓުތައް ބަންދުކުރުމުން ހުރިހާ ރިސޯޓެއްގައިވެސް ގެއްލުނީ ދިވެހި މުވައްޒަފުންގެ ވަޒީފާތަކެވެ. ބިދޭސީ އެއްވެސް މުވައްޒަފެއްގެ ވަޒީފާއެއް ނުގެއްލެއެވެ. އެންމެ ބޮޑުވަރަކަށްވެސް ބިދޭސީ މުވައްޒަފުން ނޯޕޭ ލީވަށް ދާންޖެހުން ފިޔަވައި އިތުރު ގެއްލުމެއް ނުލިބެއެވެ.
ބިދޭސީ މުވައްޒަފުންނޭ މިދެންނެވީ އާދައިގެ ވަޒީފާތަކުގައި މަސައްކަތްކުރާ ބަންގާޅު ކުދިންގެ ވާހަކައެއް ނޫނެވެ. ދިވެހިރާއްޖޭގައި މިފެންނަނީ ކޮންމެ ދިމާލަކުންވެެސް ދިވެހީން ބާކީ ވަމުންދާ މަންޒަރެވެ. އެގޮތުން ޓޫރިޒަމް ކުރިއަރަމުން ދިއުމުގެ ފައިދާވެސް ބިދޭސީންނަށެވެ. ރިސޯޓުތައް ބަންދުކުރުމުން ވަޒީފާ ގެއްލުނު ދިވެހި ޒުވާނުން ރަށަށްވެސް ނުދެވިފައި މާލޭގައި ސަލާން ޖަހަމުން ދިޔައިރު ބިދޭސީ މުވައްޒަފުންގެ ތެރެއިން ގިނަބަޔަކު ވަޒީފާ ނުގެއްލޭގޮތަށް ޓިކެޓް ދީފައި ރަށަށް ފޮނުވައިލީއެވެ.
ރަށަށް ނުފޮނުވުނު ބިދޭސީ މުވައްޒަފުން އަބުރުވެރިކޮށް ރީތިކޮށް ރިސޯޓުތަކުގައި ތިބީއެވެ. ރަށަށް ދިޔަ ބިދޭސީންވެސް މިހާރު އެނބުރި ރިސޯޓުތަކަށް އަތުވެއްޖެއެވެ. ވަޒީފާ ގެއްލިގެން މަގުމަތިވި ދިވެހި ޒުވާނުން އަދިވެސް އެތިބީ ސަލާންޖެހުމުގައެވެ. ހުރިހާވެސް ޝުކުރެއް ސަރުކާރަށެވެ. އެއީ ދިވެހި މުވައްޒަފުންގެ ހައްގުތައް ކަަށަވަރު ނުކުރެވެނީސް ހަމަނިދި ނުލިބޭކަމަށް ބުނި ސަރުކާރެވެ. ދިވެހި މުވައްޒަފުން ރޭގަޑު އަނބިދަރީންގެ ކައިރިޔަށް ނިދާން ފޮނުވާހިތުން ގާނޫނު ފާސްކުރި ސަރުކާރެވެ. ގައުމުގައި ކަންކަން ވަމުންދާގޮތް ރޭކާލުމެއްވެސް ނެތް ސަރުކާރެވެ.
ގައުމުގެ އިގްތިސާދު ދުވަހަކުވެސް ނުވެއްޓޭވަރުގެ ފުން ވަޅުގަނޑަކަށް މިއޮތީ ވެއްޓިފައެވެ. ދިވެހީންގެ ދިރިއުޅުން މިވަނީ އެކޮޅުކޮޅުން ޖެހިފައެވެ. މި ދަނޑިވަޅުގައިވެސް ސަރުކާރުން އަވަދިނެތި ކުރާ މަސައްކަތަކީ ބިދޭސީންނަށް ވޯރކް ޕާރމިޓް ދިނުމެވެ. އެހެންވީމާ ކަމެއްވެގެން އުޅޭކަންވެސް ބިދޭސީންނަށް އިހްސާސް ނުވާނެތާއެވެ. ރިސޯޓު ދާއިރާގެ ވަޒީފާތައް ނުލިބިގެން އުޅޭ ދިވެހިން އިންތިހާއަށް ގިނައެވެ. އެކަމަކު ރިސޯޓުތަކުގައި ބަގުޑިބައްދައިގެން އެތިބީ ބިދޭސީންނެވެ. އެހެންވީމާ ސަރުކާރަށް ހަމަ ސާބަހެވެ. ދިވެހީން މަގުމަތިކޮށްފައި ބިދޭސީންނަށް ހެޔޮގޮތް ހޯދައިދިނީތީ ޝުކުރިއްޔާއެވެ.