ސިޔާސީ ލީޑަރުންގެ ހަނޑަސްބުރިޔަކަށް އައްޑުއަތޮޅު ހަދާފައިއޮތް އޮތުން ނިމުމަކަށް ގެނައުމުގެ ވަގުތު އަތުވެއްޖެއެވެ. ދޯކާއަށް ނޫނެކޭ ބުނެ ހުރުމަތުގެ މަގު އިޚުތިޔާރުކުރުމުގެ ވަގުތު އަތުވެއްޖެއެވެ. ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ހުރުމަތުގެ އައްސޭރިއެއް އަތުލާން ކުރާ ދަތުރުގެ ފެށުމަކަށް ހަދަމާބަހީއެވެ. މި އިންތިޚާބުގައި ރައްޔިތުން އަމަލުކުރާންޖެހޭގޮތް ވަރަށް ސާފެވެ. ލީޑަރަށް ވަޅުޖަހައިދޭ މީހާއަށް ނޫނީ ލީޑަރު ތާހިރުކޮށްދޭ މީހާޔަށް ބުނާންވީ ނޫނެކޭއެވެ. އާނއެކޭ ބުނާންވީ ގާބިލް މީހާއަށެވެ.
ޕާޓީގެ ހަނޑަސްބުރިޔަކަށް ވެގެން ލީޑަރު ބޭނުންވާހައި ތަނެއްގައި ވަޅުޖަހައިފީމެވެ. ހުޅުވެސް ޖަހައިފީމެވެ. ނާގާބިލް މޭޔަރަކު ބަހައްޓައިފީމެވެ. އެންމެ ބާރަށް ހަޅޭލަވާ މީހުން ކައުންސިލަރުންނަށް ބައިތިއްބައިފީމެވެ. ވީކަމެއް ހަރާމެވެ. އެހެންވީމާ ދެން ހޮވާންވީ ލީޑަރު ދައްކާ ބައެއް ނޫނެވެ. ދެންހޮވާންވީ އަތޮޅާއި ރައްޔިތުން ދަންނަ ބައެކެވެ. ލީޑަރުގެ ފަހަތުން އާދޭހޭ އާދޭހޭ ގޮވަމުން ހިނގުމުގެ ބަދަލުގައި ރައްޔިތުންގެ ހާލުބަލައި ރައްޔިތުންގެ މަޝްވަރާ ހޯދާން އެނގޭ ބައެކެވެ. ލީޑަރު ދައްކާ ބަޔަކު ހޮވައިގެން މިއަތޮޅަށް ދުވަހަކުވެސް ހެޔޮގޮތެއް ނެތެވެ.
މިއީ ލާމަރުޒީ ޒަމާނެވެ. އެކަމަކު ޒަމާނާއެކު ބަދަލުވީ ނަމެވެ. ކަން ބަދަލެއް ނުވެއެވެ. އަތޮޅުވެރިކަމާއި ކަތީބުކަން އުވިގެނެއް ނުދެއެވެ. ރަށު އޮފީހުގެ ނަން އަވަށު އިދާރާއަށް ބަދަލުވެ އަތޮޅު އޮފީހުގެ ނަން ސިޓީ ކައުންސިލްގެ އިދާރާއަށް ބަދަލުވީއެވެ. އަތޮޅުވެރިންނާއި ކަތީބުންގެ ނަން ކައުންސިލަރަށް މޭޔަރަށް ބަދަލުވީއެވެ. ކޮންމެނަމެއް ކިޔަސް ކުރަނީ ކަތީބުންނާއި އަތޮޅުވެެރިން ކުރަމުން އައި މަސައްކަތެވެ. މި މަސައްކަތް ކުރާން މިހާރު ތިބީ ކޮންބައެއްތޯއެވެ. މިހާރުތިބީ ލީޑަރަށް ވަޅުޖަހައިދޭ ކުދިންކޮޅެވެ.
އެއީ މަންމަޔާއި ބައްޕަ ދިނީމާ ކައިގެންބޮއިގެން އުނުފޭރާން އަނދެގެން އެއްވެސް ޒިންމާއެއް ނުނަގައި ރަށުތެރޭގައި އޭބުރޭސް މީބުރޭހަށް ތެޅިފޮޅޭން ތިބި ޒުވާނުންނެވެ. ނިދަނީ ހާގޮވާން ފެށީމައެވެ. ހޭލަނީ އިރު އޮއްސުނީމައެވެ. މިޒާތުގެ ދިރިއުޅުމަށް ހޭނިފައިތިބި ބަޔަކު ކައުންސިލަށް ހޮވުމުގެ ނަތީޖާއަކީ ކޮބައިތޯއެވެ. ފެންނަނީ ރަށާއި އަތޮޅުގެ ބެލެނިވެެރިކަން އަދާކުރުމުގައި ނުކުޅެދުމުގެ ކޮޅުނެތްކޮޅެވެ. ރަށްރަށުގެ އިޖްތިމާއިއްޔަތު އުވިގޮސް އެކަންކަމުގެ ހިތިކަމާއި ބަނަކަން މިއަދު ރަށްރަށަށް ފެތުރިފައިވަނީ ލަދާއި ބިރުން ބޯފަޅައިގެންދާ ވަރަށެވެ.
ލާމަރުކަޒު ކުރުން ގޯހެއް ނޫނެވެ. ނިޒާމުވެސް ގޯހެއް ނޫނެވެ. ގޯސްވެގެން އުޅެނީ ރާއްޖޭގައި ނިޒާމު ފަރުމާކުރެވިފައިވާ ގޮތެވެ. ރާއްޖޭގައި މިކަން ފަރުމާކުރިބަޔަކު އެކަން ކޮަށްފައިއޮތީ ލީޑަރުންގެ ފޫބުޑުން ރައްޔިތުންނަށް ނެއްޓި ނުގަނެވޭގޮތަށް ވިސްނައިގެންނެވެ. ވަތަނީ ލޯތްބާއި ގައުމަށް އިޚްލާސްތެރިވުމުގެ ކުނޑިފަށެއްވެސް ނެތިއެވެ. އައްޑުއަތޮޅުގެ އެއްވެސް ރަށެއްގައި ހުރުމަތެއްހުރި މީހަކު މިހާރު އެބަހުރިބާވައެވެ. ބަސްގަބޫލުކުރާ ވެރިޔަކު އެބަހުރިބާވައެވެ. ނިޒާމު ފަރުމާކުރެވިފައި އޮތްގޮތުން ހުރުމަތަކަށް އަބުރަކަށް ދީނަކަށް ސަގާފަތަކަށް ޖާގައެއްނެތެވެ.
މީދޫ ހާނީއާއި ހުޅުދޫ ޖަމީލާއި މަރަދޫފޭދޫ ނިޒާރުމެންނަކީ ގަބުޅި ކަތީބުންނޭ ކިޔައިގެން ޖޯކުޖެހި އަޑުވެސް އެހީމެވެ. އެކަމަކު އެއީ އިމާމުވެ ނަމާދުކުރަން އެނގޭ އަދި މީހަކު މަރުވީމާ ކަށުނަމާދުކުރަންވެސް އެނގޭ ބަޔެކެވެ. ރަށުގެ ތަރައްގީއާއި ރައްޔިތުންގެ މުހުތާދުތައް އެނގޭ ތަންދޮރު އޮޅުންފިލާފައިވާ ބަޔެކެވެ. ރަށާއި އަތޮޅު ފެންވަރުގެ ލީޑަރުންނެވެ. މިއަދު އެހެންތޯއެވެ. މެންދުރުވާއިރުވެސް ލޯހުޅުވައިނުލެވެއެވެ. ތަމްރީނުވެފައި ތިބީ ރަށުތެރޭގައި އަޑުގަދަކޮށް ހޯބޯލަވައި ޕޯޑިއަމްތަކަށް އަރައި ގޮވުނު ހުތުރުއެއްޗެއް ގޮވައި ނުލަފާކަމާއި ނުބައިކަން ދެއްކުމުގައެވެ.
މިއަދުގެ ކައުންސިލަރުން ޖަވާބުދާރީވަނީ ރައްޔިތުންނަކަށް ނޫނެވެ. ޕާޓީގެ ލީޑަރަށެވެ. މޭޔަރަށް މުހިންމުވަނީ ރައްޔިތުންނެއް ނޫނެވެ. ޕާޓީގެ ލީޑަރެވެ. ރަށްރަށުގައި ކުރާންޖެހޭ ހަމަކޮންމެ ކަމެއް މިހާރުއޮތީ އެސްޓިމޭޓް ހުށަހަޅައިގެން ބައިއެޅޭގޮތަށް ތަރުތީބުވެ ނިމިފައެވެ. ރަށްރަށުގެ ކަންކަމުގައި އަމާޒު ހިފަންޖެހޭ ސަމުގާއަކީ މިހާރު ރައްޔިތުންގެ ބަހެއް ނޫނެވެ. އާއްމުވެފައިވަނީ ޕާޓީގެ ލީޑަރު ފޯނުކޮށްފައި އަންގާ ގޮތަށް ކަންކުރަމުން ގެންދިއުމުގެ ނުކިއްސަރުކަމެވެ. އައްޑުއަތޮޅު ސަލާމަތުގެ އައްސޭރިޔަކަށް ގެންދަންޏާ އެންމެފުރަތަމަވެސް ނިމުމަކަށް ގެންނާން ޖެހެނީ މިއާދަތަކެވެ.
ކުރިޔަށްއޮތް އަހަރުގެ ކުރީކޮޅު ސިޓީ ކައުންސިލާއި ދެންވެެސް ހުރި ކައުންސިލްތަކަށް މީހުން ހޮވުމުގެ ވޯޓުލާނެއެވެ. މޭޔަރުވެސް ހިމަނައިގެން ފަސް އަހަރުގެ ދައުރަކަށް ޖުމްލަ ތޭރަ މީހަކު ސިޓީ ކައުންސިލަށް ހޮވާނެއެވެ. މުޅިން އައު ބައެއް ބާރުތައްވެސް މި ކައުންސިލަށް ލިބޭނެއެވެ. މި ބާރުތައް ރައްޔިތުންނަށް ފައްސިވާނީ ގާބިލް މީހުން ހޮވައިގެންނެވެ. ގާބިލްކަން ބަލާނީ ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ރައީސް ސާލިހު ބަލައިއުޅޭ މިންގަޑަކުން ނޫނެވެ. އެ މިންގަޑުން ބަލައިފިއްޔާ ގުއިތަފާލީގައި ދަނޑިން ތެޅުމެކޭ ދެންވެސް ތަފާތެއް ނުވާނެއެވެ.