Last Updated: September 22, 00:20
Saturday, September 21, 2024
ޚަބަރު

ތިން ރަށެއްގައި އިންޖީނުގެ އެޅުމަށް ބިންގާ އަޅައިފި

ތިން ރަށެއްގައި މުޅިން އާ އިންޖީނުގެ އިމާރާތްތަކެއް އެޅުމަށް ބިންގާ އަޅައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން އެ އިންޖީނުގެތައް އެޅުމަށް ބިންގާ އަޅާފައިވަނީ ގދ.ތިނަދޫ، ގދ.ގައްދޫގެ އިތުރުން ގދ.ރަތަފަންދޫގައެވެ.

ފެނަކައިގެ ފަރާތުން މި ރަށްތަކުގެ އާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.

ފެނަކަ އިން 48 ރަށެއްގައި އިންޖީނުގޭގެ މަސައްކަތް ފަށާފައިވާއިރު، މީގެތެރެއިން 15 އިންޖީނުގޭގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ފެނަކަ އިން ބުނީ އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާނެ ކަމަށެވެ.

އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ. އަދި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށްވެސް ފެނަކައިން މައުލޫމާތު ދެއެވެ.