Last Updated: April 24, 10:25
Thursday, April 24, 2025
ޚަބަރު

"ދަ އިސްލާމިކް ރިޕަބްލިކް އޮފް ގަބުރުސްތާނު"

ސްރީލަންކާގައި ކޮވިޑު-19 ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާ ރާއްޖޭގައި ބޭއްވުމަށް ލަންކާއިން އެދުމާއި ގުޅިގެން އެކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ޖޯކު ޖައްސަވައިފިއެވެ.

ކޮވިޑުގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމާއި ގުޅިގެން ބޮޑު ބަހުސެއް ރާއްޖެ އާއި ލަންކާގެ ރައްޔިތުންގެ މެދުގައި އުފެދިފައިވަނިކޮށް މުނައްވަރު ކުރެއްވި ޓްވީޓެއްގައި ރާއްޖެ ސިފަކުރެއްވީ "އިސްލާކިކް ރިޕަބްލިކް އޮފް ގަބުރުސްތާން"ގެ ގޮތުގަ އެވެ. މުނައްވަރުގެ އެޓްވީޓަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ތާއިދު ކުރައްވާފައެެވެ. މައުމޫނު ވަނީ ކޮވިޑު ޖެހިގެން މަރުވާ ލަންކާ މުސްލިމުން ރާއްޖެ ގެނައުމަށް ދެކޮޅު ކަމަށް ވިދާޅުވެފައެވެ.

ލަންކާގައި ކޮވިޑު ޖެހިގެން މަރުވާ އެންމެން އަންދާތީ މުސްލިމުންނާއި ކްރިސްޓިއަނުން އަދި ބައެއް އެހެނިހެން ދީނުތަކު ރައްޔިތުން އަންނަނީ ލަންކާ ސަރުކާރަށް ފާޑު ކިޔަމުންނެވެ. މި މައްސަލަ ބޮޑުވެ ލަންކާގެ ރައިސް ގޮތާބެޔަ ވަނީ އެކަމުގައި ރާއްޖޭގެ އެހީއަށް އެދިފައެވެ. އަދި އެކަމާއި މެދު ރާއްޖެއިން އަންނަނީ ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރަމުންނެވެ.

ކޮވިޑު ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމާއި ގުޅޭ މައްސަލާގައި ދިވެހިންގެ ތެރޭގައި ވެސް ވަނީ ހިޔާލު ތަފާތުވެފައެވެ. އެއް ބަޔަކަށް އެކަން ރަނގަޅުކަމަށް ވާ އިރު އެކަމާއި ދެކޮޅަށްވެސް ބަޔަކު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އާއި މަޖްލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ތާއިދު ކުރައްވަނީ ކޮވިޑުގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަށެވެ.