ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މިއޮތީ ބޯމަތިވެފައެވެ. މޭޔަރު ހިމެނޭގޮތުން ތޭރަ މީހުންގެ މައްޗަށް އެކުލެވޭ ސިޓީ ކައުންސިލެއް އައްޑުއަތޮޅުގެ ރައްޔިތުންވެސް އިންތިޚާބު ކުރާނެއެވެ. ކުރިޔަށްއޮތް ފަސް އަހަރު މިއަތޮޅުގެ ކަންކަން ތަރުތީބުކޮށް ރައްޔިތުންނާއިގެން ކުރިއަށްދާނީ މި ކައުންސިލުންނެވެ. މި ކައުންސިލަށް ހޮވާންވީ ރޮޒޭނާޔާއި އިލްޔާސް ލަބީބާއި ނިހާދާއި އަސްލަމް ބޭނުންވާ ބައެއް ނޫނެވެ. ހޮވާންވީ ރައްޔިތުން ބޭނުންވާ ބައެކެވެ. ރައްޔިތުންގެ އަޑު އަހާނެ އަދި ރައްޔިތުންނަށް ޖަވާބުދާރީވާނެ ބައެކެވެ.
ކޮރޯނާގެ ނިވަލުގައި ފިލައިތިބެގެންވެސް ކެމްޕޭނު ކުރާ މީހުން ވަރަށް ފޯރީގައި ކެމްޕޭނުކުރަމުން އެބަގެންދެއެވެ. އަޑުއިވެއެވެ. ފެނަކައިގެ އެވެނި ވެރިޔަކާއި އެމްޕީއެލްގެ މިވެނި ވެރިޔަކާއި މިހެންގޮސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިބި މީހުން މި އިންތިޚާބަށް ނުފޫޒުފޯރުވުމުގެ ހަރަކާތްތައް މިހާރުވެސް ފަށައިފިއެވެ. މުވައްޒަފުންނަށް އަންގައި އިރުޝާދުދެނީ މަޖިލީސް މެންބަރުންގެ ރުހުން ލިބިފައިވާ ކެންޑިޑޭޓުންނަށް ވޯޓު ހޯދައިދިނުމަށެވެ. ވަޒީފާގެ ޔަގީންކަން އިތުރުކުރުމަށް އޮތް މަގަކީ މިމަގުކަމަށްވެސް ވިސްނައިދޭކަމަށް ކިޔަތެވެ.
މިއީދެން ބޮޑުވެއްޖެ ކަމެކެވެ. ސިޓީ ކައުންސިލަށް ހޮވާންވީ ބަޔަކުވެސް އެނގެނީ މަޖިލީސް މެންބަރުންނަށްބާވައެވެ. ނޫނެކެވެ. ޒާތްޒާތުގެ ޑްރާމާ ކުޅެން ނަހަދައި ސައިޒްގައި ތިބޭށެވެ. ސިޓީ ކައުންސިލަށް ހޮވާނީ ރައްޔިތުން ބޭނުންވާ ބައެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެނައި މެނިފެސްޓޯއަށް ބަލައި ކިޔަވައި ވޯޓުދީގެން އޭނާ ހޮވައިފީމެވެ. އެއަށްފަހު ބުންޏެވެ. ވައުދުތައް ހަގީގަތަކަށް ހެދޭނީ މަޖިލީސްވެސް ލިބިގެންނެވެ. އެހެން ބުނެފައި ދެއްކި ބަޔަކު މަޖިލީހަށްވެސް ހޮވައިފީމެވެ. އެވަރުން ފުދޭނެއެވެ. ދެން ވައުދު ފުއްދާން އުޅޭށެވެ.
މިއަތޮޅުގެ ރައްޔިތުންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ގިނަގުނައެވެ. އެ ވައުދުތައް ފުއްދާން އުޅުމުގެ ބަދަލުގައި މީސްމީހުންނަށް ވަޒީފާގެ ބިރުދައްކައި ތިމާމެން ބޭނުންވާ ތިމާމެންގެ އައުވާނުން ކައުންސިލަށް ގެންނާން ތިޔައުޅެނީ އަނެއްކާވެސް ރަައްޔިތުންނަށް އިތުރަށް ދުއްޕާންކުރުމުގެ ނިޔަތުގައެވެ. ތިމާމެންގެ ބާރުގަދަކޮށް ތިމާމެންގެ އަންބޮނޑި ބޮޑުކުރުމުގެ ނިޔަތުގައެވެ. އެފުރުސަތު މިފަހަރު ރައްޔިތުން ނުދޭނެއެވެ. ރައްޔިތުންގެ ވޯޓު ބޭނުމިއްޔާ އިހަށް ވައުދުތައް ފުއްދާށެވެ. ވައުދުތައް ފުއްދެން ނެތިއްޔާ ޑްރާމާކުޅުން ހުއްޓާލައި މައިތިރިވާށެވެ. ވޯޓޭ ނުކިޔާށެވެ.
ވައުދުތައް ކޮބައިހޭ އެހީމާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ބުނިހެން ހަތަރު ބިލިޔަން ރުފިޔާގެ މަޝްރޫއުތަކުގެ ވާހަކަ ފަށައިފާނެއެވެ. ބިލިޔަނެއްގެ ފަހަތުގައި އޮންނަނީ ކިތައްސުންކަންވެސް ރައްޔިތުންނަށް ނޭގޭނެޔޭ ހީކޮށް ދޮގުހަދާ ބީދައިން މިހާރުވެސް އެވެނި މިވެނި މަޝްރޫއެއް އެދަނީ ކުރިއަށޭ އެވެނި މިވެނި މަޝްރޫއެއް ނިމިއްޖެޔޭ ބުނާނެއެވެ. މި މަޝްރޫއުތައް ފެންނަ ބަޔަކު ނެތަސްމެއެވެ. ތިރީގައި ބަޔާން މިކުރަނީ ރައީސް އިބްރާހީމު އައްޑުއަތޮޅުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުން މިންވަރެކެވެ. ހަނދާން އާކޮށްލުމުގެ ގޮތުންނެވެ.
ގަމަކީ އައްޑުއަތޮޅުގެ އިގްތިސާދުގެ ނާރެހެވެ. ގަމުގެ ވައިގެ ބަނދަރު ހަގީގީ މާނައިގައިވެސް ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް ހެދުމަކީ ރައީސް އިބްރާހީމު މުހައްމަދު ސޯލިހުގެ އައްޑޫ ވައުދު ނާމާގެ ވައުދެކެވެ. އެކަމަކު ސަރުކާރުގެ ތެރެއިން ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެންބަރުން މިހާރު އެބުނަނީ ތިޔައީ ބޮޑުހަގުރާމައިގެ ތެރޭގައި އިނގިރޭސިން އެޅި ބާ ކޮންކްރީޓްގަޑެކެވެ. ތިޔަތަން ތަރައްގީއެއް ނުކުރެވޭނެއެވެ. ވަސީލަތާއި މީހުންތިބީ އެވެނި ތަނެއްގައެވެ. އެހެންވީމާ ތަރައްގީކުރާންވީ އެތަނެވެ. ގަމާއި އައްޑޫ ވީރާނާވާން ދޫކޮށްލާށެވެ. މިހެންބުނާ ސަރުކާރަކަށްވެސް ވޯޓުދޭންވީބާވައެވެ.
ގަމުގައި މަދުވެގެން ތިން ހޮޓެލް އެޅުމާއި މެރީނާ ހޮޓަލެއްގެ ގޮތުގައި ދޫގަސް ތަރައްގީކުރުމާއި ފްލައިން ސްކޫލް ފުޅާކޮށް އެއަރކްރާފްޓް އިންޖިނޭރިން ކިޔެވޭނެ މަރުކަޒެއް ގާއިމު ކުރުމަކީވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. މިކަންކަން އެބަކުރެވޭ ބާވައެވެ. ކުޑަމިނުން ފްލައިން ސްކޫލުން ދަރިވަރުންނާމެދު އަމަލުކުރާގޮތް ބަލައި ކަންކަން އިސްލާހު ކުރެވޭ ބާވައެވެ. ނުވެއެވެ. ނުކުރެއެވެ. ދެންވެސް ހަމަ ލޯމަރާލައިގެން ތިބެ ވޯޓުދޭންވީ ބާވައެވެ. ދެންވެސް ހޮވާންވީ ސަރުކާރާއި މަޖްލިސް މެމްބަރުން ބޭނުންވާ މީހުން ބާވައެވެ. ހޯހޯއެވެ. ތިޔަކަމެއް ނުވާނެއެވެ.
ދުނިޔޭގެ ތަފާތު ފަސް މަންޒިލަކުން ދުވާލަކު މަދުވެގެން ފަސް ފްލައިޓް ގަމަށް ގެނައުމަކީވެސް ވައުދެކެވެ. ދައުރު ދެބައިވީއިރު ކުރެވުނީ ކޮންކަމެއް ބާވައެވެ. ދެން ބުނާނެއެވެ. ކޮވިޑެވެ. ދެމެހެއްޓެނިވި ގޮތަކަށް އައްޑޫގައި ސީޕްލޭން އޮޕަރޭޓްކުރުމާއި އައްޑޫގައި ކްރޮސް ޝިޕް ޓާރމިނަލެއް ގާއިމްކުރުމަކީވެސް ވައުދެކެވެ. އެކަންއޮތީ ކިހައިތާކުބާވައެވެ. މި ސުވާލުތަކަށް ޖަވާބުދީފައި ވޯޓޭ ކިޔާށެވެ. ހޮވާންވާނީ އެވެނި މިވެނި ބަޔެކޭ ކިޔާށެވެ. އެހެންނޫނިއްޔާ މަމެންނަށް ލަދުގޮވާން މަޖުބޫރުވެދާނެއެވެ.