Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(ސެޕްޓެމްބަރު 24، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

ޔޫނުސް ވަރަށް ހައިބަވެތި ގޮތަކަށް އޭނާގެ އޮފީހުގަ އިނެވެ. އެ ވަގުތު ސަލީމް ދުވަމުން ދުވަމުން އައިސް އެ އޮފީހަށް ވަދެ މޭޒު މަތީގައި އަތްއަޅާ ޔޫނުސް އާ ދިމާއަށް ދެ އަތް ޖޯޑުކޮށް ރޯން ފެށި އެވެ.

"ބައްޕާ އެ މީހުން ހުއްޓުވަދީ. އެ މީހުން އަހަރެން މަރާލަފާނެ. އަހަރެންނަކީ އަދިވެސް ބައްޕަގެ ދަރިއެއްގެ ފިރިމީހާ މި ގުޅުމަށްޓަކާ ނަމަވެސް އެ އަންނަ މީހުން ހުއްޓުވަދީ."

"އާއިލީ ގުޅުމޭ. އުހުނ އަހަރެން ކަލެ އާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫން. މަށަށް ފުދި އިތުރު ވެސް ވެއްޖެ. ކަލޭ މި ގެ އާ ގުޅުނީ އާއިލީ މާތް ގުޅުމަށްޓަކައެއް ނޫން. ކަލޭ އައީ ބިޒްނަސް ކުރަން. އެކަމަކު ކަލެއަކަށް ނޭނގެއޭ ހަގީގީ ބިޒްނަސް އަކީ ކޮބއި ކަމެއް. ތިހެން މީހެއްގެ މުދާ ފޭރިގަނެވުން އެއަށް ބިޒްނަސްއެކޭ ނުކިޔޭނެ. ފުރިހަމަ އީމާންތެރިކަމާއެކު ވަގުތާއި ހުނަރު އަދި ތިމާގެ ގާބިލްކަން ބޭނުންކޮށްގެން ބިޒްނަސް ކުރެވޭނީ. އެއާޙިލާފަށް ކަލޭތީ ދަނޑިވަޅަކަށް ފާރަލާލާ ހުރި ރަތްލާޖެހި ވަގެއް. މަށަށް އޮޅުވާ މަކަރު ހަދާ ތަފާތު މީހުންނަށް ވެސް ޙިޔާނާތްވެ ތިމާގެ ކަމުގެ ގުޅުން ފަރުދާއަކަށް ހަދައިގެން އިން ދައްޖާލެއް ކަލޭތީ،" ޔޫނުސް ވާހަކަ ދައްކަމުން ގެންދިޔަ އެވެ. "ކަލެއަށް އަހަރެންނާ ކުޅެވުނީ އަހަރެން ކަލެއަށް މިނަށް ވުރެ ބޮޑަށް އިތުބާރު ކުރިކަން. ކަލޭ އަހަރެންނަށް ރަނގަޅު ފިލާވަޅެެެެއް ދަސްކޮށްދީފީމު. ކަލޭ އަހަރެން ކުރި އިތުބާރަށް ޒަހަރު ލައިފީމު. އަހަރެންނަށް ކަލޭ ސިފަ ކުރެވެނީ އަހަރެންގެ މި ދެއަތުން ކިރު ބޯންދީގެން ގެންގުޅުނު ހަރުފައަކާ. ކަލޭ ހަނދާން ނެތުނީތަ އަހަރެންގެ ފެކްޓަރީގެ މަސައްކަތް ކުރާ މީހުންނާ އަހަރެންގެ ގުޅުން. ކަލެއަކީ ކިޔަވައިގެން ހުރި އެއްޗެއް ނުދަންނަ މީހަކާ ހުރީ ކޮން ތަފާތެއް؟ އަހަރެން މިއަދު ކަލެ އާ އެކު ބިޒްނަސް ކުރަން މީނީ ތައްޔާރަށް. މިއޮތީ ހުރިހާ ލިޔެކިޔުންތައް. ސަލީމް ކަލޭ މިހާރު ބުނޭ ކަލޭގެ ފުރާނައިގެ އަގަކީ ކޮބާ؟ އަހަރެންގެ އެންމެ އިޝާރާތަކުން އެ ތިބަ މީހުން ކަލޭ އަބަދަށްޓަކާ މިތަނަށް ނިންދަވާލާނެ ބުނޭ ކަލޭގެ ފުރާނައިގެ އަގަކީ ކޮބާ؟ ލައްކަތަ؟ ދެ ލައްކަ ތަ؟ ދެ ބިލިއަންތަ؟"

"ނޫން ބައްޕާ. އަހަރެން ބައްޕަމެންގެ ހުރިހާ މުދާ ދޫކުރަން ތައްޔާރު. އަހަރެންނަށް ކުރެވުނު ކުށަށް މާފު ކުރައްވާ." ހިމޭންކަމާ އެކު ސަލީމް ހުރިހާ ޑޮކިއުމެންޓެއްގަ ސޮއި ކުރި އެވެ.

މަސައްކަތު މީހުން އޭނާ ކޮއްޕަމުން ނެރެގެން ގޮސް ބޭރަށްލި އެވެ. ޔޫނުސްގެ ހުރިހާ މުދާތައް އަނބުރާ ޔޫނުސް އަށް ލިބުނެވެ.

ޖެހިގެން އައި ދުވަހަކީ ހުރިހާ މީހުންނަށް އުފާވެރިކަމުގެ ދުވަހެއް ކަހަލަ އެވެ. ހީނާވެސް ދަރިފުޅު ގޮވައިގެން ސީދާ އައީ އުނައިސްމެން ގެއަށެވެ. އަދި ވަހީދާ އަތަށް ކުޑަދަރިފުޅު ދިނެވެ.

"މަންމާ އަހަރެންނަށް މާފުކުރޭ. އަހަރެން ބޮޑުވީ މަންމައަކާ ނުލާ. އެހެންވެ މަންމަގެ މުހިއްމުކަން ނޭގުނީ. ދަރިއެއް ކަމަށް ހީކޮށްފަ މި ހީނާއަށް މާފު ކުރޭ މަންމާ." ވަހީދާ ވަގުތުން ހީނާ ގެނެސް އޭނާގެ މެޔާލާ ފިއްތާލި އެވެ.

އުނައިސް ހެވިފައި ދުރުގައި ހުއްޓެވެ. އާއެކޭ ތިޔައީ އަހަރެން އެދޭ ގޮތޭ ބުނާ އުސޫލުންނެވެ. އެވަގުތު މީހަކު ގޭޓް ހުޅުވާލާފައި އެތެރެއަށް ވަނުމުން އެންމެން ހައިރާންވި އެވެ.

ސަލީމް ވަރަށް ހިތާމެރިކާއެކު ދެ އަތް ޖޯޑު ކުރަމުން އައިސް އެ ގޭގެ ސިިޓިންރޫމް ބިންމަތީ އިށީނެވެ. އެވަގުތު ޔޫނުސް ކަރިވެލާފައި އޭނާ ތެދު ކުރި އެވެ.

"ހަޔާތުގެ ބައެއް ތިމާގެ ކަމަކީ މާފު ކުރަން ޖެހޭ ގުޅުންތަކެއް. އަހަރެން އުންމީދު ކުރާ ގޮތުން މި އާއިލާގެ ކޮންމެ މީހަކު ވެސް ކަލެއަށް މާފު ކުރާނެ."

އެ ވަގުތު ތާނިޔާ ސަލީމް އަތަށް ސިޓީއެއް ދިއްކޮށްލި އެވެ. އެއީ ނީލާ ދިން ސިޓީއެކެވެ.

"އަހަރެންގެ އާއިލާގެ އެންމެން ކަލެއަށް މާފު ކުރިޔަސް އަހަރެންނަށް ކަލެއަށް މާފު ކުރުމަކީ ފަސޭހަ ކަމެއް ނޫން. ސަބަަަބަކީ ކަލޭގެ ސަބަބުން އަހަރެންގެ އާއިލާ އުފުލަން ޖެހުނު ހިތާމަ އަހަރެންގެ ހިތުން ފޮހެވިގެން ނުދާނެ. އަހަރެން ކަލެއަށް މާފު ދިނުމަކީ ނާދިރު ކަމެއް."

ސަލީމް ނީލާގެ ސިޓީ ޔޫނުސް އަތަށް ދިނެވެ. އަދި މަޑުމަޑުން ހިނގާފައި ނިކުމެގެން ދިޔައީ އެވެ.

ހަޔާތަކީ އެތައް ބައެއްގެ ގުޅިފައިވާ ގުޅުންތަކެކެވެ. މިގުޅުން މޮހާލަން އުޅޭ މީހަކީ ކާމިޔާބު ލިބޭނެ މީހެއް ނޫނެވެ. މި ގުޅުން ވަކި ނުވެވޭނެ އެވެ.

(ނިމުނީ)