އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމްޑީޕީން ދިވެހި ރައްޔިތުންނަށް ވަރަށް ގިނަގުނަ ވައުދުތަކެއް ވަނީ ވެފައެވެ. އެކި އަތޮޅުތަކަށް ވަކިވަކިންވެސް ވައުދާއި އަހުދުގެ ލިސްޓެއް އޮއްސައިލިއެވެ. އައްޑުއަތޮޅަށްވެސް ވައުދުނާމާއެއް ފޮނުވިއެވެ. ރައީސް އިބްރާހީމު މުހައްމަދު ސޯލިހުގެ ދައުރު މިހާރު ދެބައިވެއްޖެއެވެ. އެކަމަކު އެއްކަލަ ވައުދުނާމާ އޮތްތާކު އޮތީއެވެ. އެވާހަކަ ދައްކާ ބަޔަކުވެސް ނެތެވެ. އަނެއްކާވެސް އައު އިންތިޚާބެއް ބޯމަތިވެގެން ރައީސް އިބްރާހީމުގެ މަންދޫބުން އައިސް ލިސްޓެއް ދައްކާފައި ވޯޓުދޭށޭ އެބަކިޔައެވެ.
ހިތަށް އަރައިފިއެވެ. ބަޔަކު އެވާހަކަ ނުދެއްކިއަސް އަހުރެން ދައްކާނަމެވެ. އަޑުއަހާނެ ބަޔަކު ނެތަސް ފަރުވާލެއް ނެތެވެ. މިއަދު ފަށާނީ ޒުވާނުންނާ ހަމައިންނެވެ. ރައީސް ސޯލިހުގެ ވައުދުނާމާގައި އައްޑޫގެ ލޭންޑް ޔޫޒް މާސްޓަރ ޕްލޭނެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. ލިޔެފައި އޮތެވެ. އެފަދަ ޕްލޭނެއް އެކުލަވާލައި ވަރަށް އަމާން ވަރަށް ފެހި ތަނަކަށް އައްޑޫ ހަދައިދޭނަމެވެ. ދެމެހެއްޓެނިވި ހިތްފަސޭހަކަން ކަށަވަރުވާގޮތުންނެވެ. އައްޑުއަތޮޅު ތަރައްގީ ކުރާނީ ދިވެހިރާއްޖޭގެ ބަގީޗާ ސިޓީގެ ގޮތުގައެވެ.
ދިވެހިރާއްޖޭގެ ބަގީޗާ ސިޓީއަކަށް އައްޑުއަތޮޅު ހަދާނީ ދޭސީންނާއި ބިދޭސީންވެސް ނަމޫނާއަކަށް ބަލާނޭފަދައިން ހިތްގައިމު މާމެލާމެލީގެ ބަގީޗާތަކާއި ޕާކުތަކާއި ފިނި މައިޒާންތައް ގާއިމުކޮށްގެންނޯލައެވެ. ދެން އެ ޕާކުތަކާއި މައިޒާންތަކަށް އެއްވެގެން ރައްޔިތުން އުފާކުރާއިރު ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ފިކުރު ހިންގާކަށްވެސް ނުޖެހޭނެޔޯލައެވެ. ވައުދުނާމާގައި ބުނާގޮތުން މިއަތޮޅުގައި ބޭކާރު ޒުވާނުންނެއް ނުތިބޭނެއެވެ. ވައްކަންކުރާ ބަޔަކުވެސް ނުތިބޭނެއެވެ. ހާލަކުން މީހަކު ހުރެދާނޭކަމަށްޓަކައި ރަށްރަށުގައި ސީސީޓީވީ ކެމެރާ ހަރުކުރާނޭ ކަމަށްވެސް ބުނެފައިވެއެވެ.
ދައުރު މިއޮތީ ދެބައިވެފައެވެ. އެބުނާ ގާޑަން ސިޓީ ގާއިމްކުރުމަށްޓަކައި އައްޑުއަތޮޅުގައި ކިތައް ގަސް އިންދައިފި ބާވައެވެ. ގަސް އިންދުމެއް ނެތެވެ. އޮތީ ގަސްކެނޑުމެވެ. މާލޭގައި ލޮނުޒިޔާރަތް ޕާކޭ ކިޔުނު ތަނެއް ހަދައިގެން އުޅޭ ވާހަކަ އިވެއެވެ. ބޯކޮށް ވާރޭވެހޭ ވަގުތުވަގުތުވެސް އެތާގެ ގަސްތަކަށް ހޮޅިހޮޅިން ފެންޖެހުން ގިނަކޮށް ބަޖެޓް ހުސްކުރާ ވާހަކަވެސް އިވެއެވެ. އެކަހަލަ ކަމެއް އައްޑޫއަކު ނެތެވެ. އެކަމަކު ވައުދުނާމާ ބުނާގޮތުން މިއީ ބަގީޗާ ސިޓީއެވެ. ވައްކަމެއްވެސް ނެތް އަމާން ސިޓީއެވެ. ދެންވެސް އެމްޑީޕީއަށް އިތުބާރުކުރަންވީބާވައެވެ.
ވައުދުނާމާގައި ބަޔާންކޮށްފައިވާ ގޮތުން ޒުވާނުން ތިބޭނީ ކިޔެވުމާއިގެން މަޝްއޫލުވެގެންނެވެ. މަތީ ތައުލީމުގެ ފުރުސަތުތައް މިއަތޮޅުގައި ވަރަށް ގިނަވާނެއެވެ. ޔުނިވަރސިޓީގެ ކެމްޕަހުގައި ހިންގާ ކޯސްތައްވެސް ތަފާތުވެފައި ވަރަށް ގިނަވާނެއެވެ. ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްވެސް މިއަތޮޅުގައި ގާއިމްކުރެވޭނެއެވެ. އެކަމަކު ހަގީގަތަކީ ކޮބައިބާވައެވެ؟ މިއަތޮޅުގައި ހިގަމުން އައި ސްކޫލްތައްވެސް މިސަރުކާރުން މަދުކުރީއެވެ. ޓީޗަރުންނާއި ފަންނީ މީހުންގެ ވަޒީފާތައް މަދުކޮށް ޖުމްލަގޮތެއްގައި އަތޮޅުގެ ތައުލީމަށް ކުރާ ހޭދަވެސް ކުޑަކުރީއެވެ. މިވަރުންވެސް ހަމަ އަތްޖަހަޖަހާފައި ވޯޓުދޭންވީބާވައެވެ.
ޝަމްސުއްދީން ސްކޫލްފަދަ މެދުނުކެޑި ހިގަމުން އަންނަތާ އެތައް އަހަރެއްވީ ސްކޫލެއް ބަންދުކޮށް ބޮޑުތަޅު އަޅުވައިލިއިރު ދުނިޔޭގެ ފެންވަރުގެ ރިސަރޗް ސެންޓަރެއް މިއަތޮޅުގައި ގާއިމްކުރުމުގެ ވައުދެއްވެސް އޮތެވެ. ހިތަށް އަރައެވެ. ލަދުކުޑަކަމުގެ ހައްދެއްވެސް ނެތީއެވެ. ވައުދުނާމާ ބުނާގޮތުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ދިރާސާކުރާ ސައިންޓިސްޓުން މިއަތޮޅުގައި ގާއިމުވެ ތިބޭނެއެވެ. ސައިންޓިސްޓުން މަސައްކަތްކުރާނީ ޚާއްސަ އިންސްޓިޓިއުޓެއްގައެވެ. އެމެރިކާއާއި ޔޫކޭ ކަހަލަ ތަންތަނުގެ ރިސަރޗް ސެންޓަރުތަކާ ގުޅިގެން ބައިވެރިވެގެން މަސައްކަތް ކުރުމުގެ ފުރުސަތުވެސް އައްޑޫ އިންސްޓިޓިއުޓަށް ހޯދައިދޭނަމޭ ބުނެފައިވެއެވެ.
އައްޑޫ ރައްޔިތުން ދީނަށް އަހުލުވެރިކުރުވައި ދީނީ ލޯބި އަށަގަންނުވައި ސާލިހު ބަޔަކަށް ހެދުމުގެ ވައުދެއްވެސް އެބައޮތެވެ. މިގޮތުން އެއް ވައުދަކީ މާލޭގައި އެހުރި ޒާތުގެ އިސްލާމީ މަރުކަޒެއް އައްޑޫގައިވެސް ގާއިމްކުރުމުގެ ވައުދެވެ. މި މަރުކަޒުގައި ޒަމާނީ ބިޔަ މިސްކިތެއް ހުންނާނެޔޯލައެވެ. ބޮޑު ލައިބްރަރީއަކާއި ކޮމްފަރެންސްހޯލަކާއި ކުލާސް ކޮޓަރިތަކާއި ގުރުއާނާބެހޭ މަރުކަޒެއްވެސް ހިމެނޭނެޔޯލައެވެ. މިސްކިތުގައި މަދުވެގެން ދެހާސް މީހުންގެ ޖާގަ ހުންނާނެޔޯލައެވެ. ވެރިކަން ލިބުނު ފަހުން މިވައުދުގެ ވާހަކަ ދައްކާ ބަޔަކު ނެތެވެ. ހަނދާންހުރި ބަޔަކުވެސް ނެތެވެ.
އިސްލާމީވަންތަ ނަމޫނާ މުޖުތަމައެއް ބިނާކުރުމަށްޓަކައި އަޖުމަބެލުމުގެ ބައެއް ކަންކަންވެސް އައްޑޫގައި ތައާރަފުކުރުމަށް އެމްޑީޕީގެ ވައުދުނާމާގައި އެއްބަސްވެފައިވެއެވެ. ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހަމަކޮންމެ ދުވަހަކު މިސްކިތްތަކުގައި ދަރުސްދޭނޭ އިލްމުވެރިންގެ ވަޒީފާތައް މިސްކިތްތަކުގައި އުފެއްދުމަކީ ވައުދެކެވެ. މިރާއްޖޭގެ މިސްކިތްތަކުގައި މިހާތަނަށް ތިބެނީ މުދިމުންނާއި މަސައްކަތު މީހުންނެވެ. އެކަން ބަދަލުކޮށް ބޮޑެތި މިސްމިތްތަކުގައި ޝައިޚުންގެ ވަޒީފާ ގާއިމްކޮށްދޭނަމޭ އޮތީ ބުނެފައެވެ. އެވާހަކައިގެ މަތިން މިހާރު ހަނދާން ހުރި މީހަކުވެސް ނެތްކަހަލައެވެ.