ރޯރޯ ފެރީގެ ޚިދުމަތަކީ އައްޑުއަތޮޅަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެކެވެ. އެއީ އެއްގަމު އުޅަނދުފަހަރު އަތޮޅުގެ އެއްބިތުން އަނެއް ބިތަށް ގެންދިޔުމުގެ ޚިދުމަތެވެ. ރައީސް މައުމޫނުގެ ދައުރުން ފެށިގެން މިހާތަނަށް ހަމަ ކޮންމެ ސަރުކާރަކުންވެސް މި ޚިދުމަތް ފަށައިދޭން ވައުދުވެއެވެ. އެކަމަކު ނަތީޖާއެއް ނުފެނެއެވެ. އެންމެފަހުން މިކަމަށް ވައުދުވީ ރައީސް ސާލިހެވެ. ބުންޏެވެ. އައްޑޫގައި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކޮށް ހަރުދަނާކޮށް އަތޮޅުގެ އެއްބިތުން އަނެއް ބިތަށް އެއްގަމު އުޅަނދު ގެންދެވޭނޭހެން ރޯރޯ ފެރީގެ ޚިދުމަތް ލަސްނުކޮށް ފަށައިދޭނަމެވެ.
ރޯރޯގެ ޚިދުމަތަށް ބޮޑަށް އެދެނީ އަތޮޅުގެ އިރުމަތީ ބިތުގައިވާ ހުޅުދޫ އާއި މީދޫގެ ރައްޔިތުންނެވެ. އަތޮޅުން ލިބޭން ހުރި ގިނަ ޚިދުމަތްތަކަކީ ހުޅަނގު ބިތުގައި މަރުކަޒު ކުރެވިފައިވާ ޚިދުމަތްތަކެކެވެ. ސިޓީ ކައުންސިލްގެ އިދާރާޔާއި ސަރަހައްދީ އަސްފަތާލާއި އެއަރޕޯޓު އޮތީވެސް ހުޅަނގު ފަޅީގައެވެ. އެހެންވީމާ ޚިދުމަތް ލިބިގަތުމަށްޓަކައި އިރުމަތީ ބިތުގެ ދެރަށުގެ މީހުން ހުޅަނގު ބިތަށް ދަތުރުކުރާއިރު އަމިއްލަ ސައިކަލާއި ކާރު ގެންދެވޭނޭ ގޮތެއް ހަމަޖެހިފައި އޮތުން ވަރަށް ބޮޑު ފަސޭހަޔަކަށް ވެގެންދާނެއެވެ. އެހެން ބަޔަކަށް ބަރޯސާކުރަން ޖެހުމުގެ ތަކުލީފުން ސަލާމަތް ވެވޭނެއެވެ.
އައްޑުއަތޮޅުގައި ޕެސިންޖަރުންނަށް ފެރީގެ ޚިދުމަތް ދެނީ އެމްޕީއެލް އިން ހިންގާ ސަދަން ޓްރާންސްޕޯޓު ލިންކޭ ކިޔުނު ގޮތްޕަކުންނެވެ. ދޯނިފެރީ އޮވެއެވެ. ލޯންޗުފެރީވެސް އޮވެއެވެ. މިހާރު ހަމަޖެހިފައި އޮންނަ ނިޒާމުގެ ތެރެއިން އެއްގަމު އުޅަނދެއް ނުގެންދެވެއެވެ. ދެވެނީ މީހާއަށް އެކަންޏެވެ. ތަންކޮޅެއް ކުރީގައި ވަރަށްބޮޑަށް ބުނެކިޔައި އާދޭސްކޮށްގެން ސައިކަލެއް ބައިސިކަލެއް ކަހަލަ އެއްޗެއް ގެންގޮސްދީފާނެއެވެ. މިހާރު އެވަރުވެސް ނުކޮށްދެއެވެ. މިއީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ތަކުލީފެކެވެ. މިކަން ހައްލުކޮަށްދޭން އެކިއެކި ވެރިން ވެފައިވާ ވައުދުތަކުގެ އަދަދެއްވެސް ނެތެވެ.
ރޯރޯ ފެރީގެ ޚިދުމަތް ގާއިމުކުރުމުގެ ވައުދު ހަގީގަތަކަށް ހަދަންޏާ އެކަންވެސް ކުރަންޖެހޭނީ ޔުޓިލިޓީ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ޕެސިންޖަރުން އުފުލުމަށްޓަކައި ސަދަން ޓްރާންސްޕޯޓް ލިންކް ހިންގާން އެމްޕީއެލްއާއި ހަވާލުކުރި ބީދައިންނެވެ. ހަތަރު ފުރޮޅުލީ ބޮޑެތި އުޅަނދުތަކާއި ކުދި އުޅަނދުތަކާއި ސައިކަލް އުފުލޭ ކަހަލަ ކޮޅުވެއްޓި ގެނެސްގެން މި ޚިދުމަތް ދެވޭނީވެސް އެކަހަލަ ޔުޓިލިޓީ ކުންފުންޏަކަށެވެ. އެކަމަކު ދެރައީ ޔުޓިލިޓީ ކުންފުނިތަކުގެ ބޮލަށް ކަނޑާލެވިގެން މިޒާތުގެ ކިތަންމެ ޚިދުމަތެއް އަދިވެސް ހަގީގަތަކަށްނުވެ ހުންނަ ހުރުމެވެ.
ރައީސް ސާލިހުގެ ވައުދުނާމާގައި ބަޔާންކޮށްފައިވެއެވެ. އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް އައްޑުއަތޮޅުގައި ފަސްދޮޅަސް އިންސައްތަޔަށް މަތިކުރެވޭނެއެވެ. މިކަމަށް ޝައުގުވެރިވާ އަދި އަމަލީގޮތުން މިކަންކުރަން ބޭނުންވާ މީހުންނަށް ޚާއްސަ އިނާޔަތް ދިނުމާއެކު ފަސޭހައިން ޚިދުމަތް ދެވޭނޭ ނިޒާމެއް ގާއިމްކުރާނީ ކޮންމެވެސް ޔުޓިލިޓީ ކުންފުންޏަކުންނޯލައެވެ. މިކަންކުރާނެ ގޮތާއި މިކަމުގެ ދިރާސާޔާއި މިހެންގޮސް މީސްތަކުންނަށް ކޮންމެހެން އެނގެންޖެހޭ މައުލޫމާތު ހާމަކުރުމެއްވެސް ނެތެވެ.
ބައެއްފަހަރު ހިތަށް އަރައެވެ. އިންތިޚާބުތައް ކައިރިވީމާ މިވެރިން ވައުދުތައް އުފައްދަނީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން ޚާއްސަ ކަންކަމަށް އެކަށައަޅާފައިވާ ސިޔާސަތުތައް ނަކަލުކޮށްގެން ތަރުޖަމާކޮށްގެންނެވެ. މިރާއްޖޭގައި މިކަންކަން އޮތްގޮތް ދެނެގަނެގެނެއް ނޫނެވެ. ދިރާސާއެއްވެސް ކޮށްގެނެއް ނޫނެވެ. މިގޮތަށް ހީކުރެވޭ އެއް ވައުދަކީ އައްޑުއަތޮޅުގެ ދަނޑުވެރިންނަށް ޒަމާނީ އޯގެނިކް ދަނޑުވެރިކަމުގެ ތަމްރީނު ދިނުމުގެ ވައުދެވެ. ބުނެފައިވެއެވެ. އައްޑޫ ދަނޑުވެރީންނަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހެޔޮ އަގުގައި ފޯރުކޮށްދޭނަމެވެ. އައްޑޫ އަންހެން ދަނޑުވެރީންނަށް އިސްކަންދޭނަމެވެ.
އައްޑުއަތޮޅަކީ މިރާއްޖޭގެ އޮގެނިކް ދަނޑުވެރިކަމުގެ ނާރެހަކަށް ހަދާނަމޭ ބުނުން ފިޔަވައި މިސަރުކާރުން ކުރިކަމެއް އަދި ކޮށްދެވުނު ހަމައެއްކަމެއްވެސް ނެތެވެ. އެކަން އެހެންއޮވެމެ މިއަތޮޅުގައި މާމެލާމެލީގެ ދަނޑުވެރިކަން ތައާރަފުކޮށް ވިޔަފާރިތަކަށާއި ފަތުރުވެރިކަމަށް ބޭނުންވާ ވަރަށް މާމެލާމެލި އުފެއްދުމަށް ދަނޑުވެރިން ތަމްރީނުކުރާ ވާހަކަވެސް އެބަބުނެއެވެ. ބަޔަކު ހައިރާންވާވަރުވެއެވެ. ޝަންގްރިއްލާ އާއި ހެރެރެތެރެޔަށް އައްޑޫގެ ދަނޑުވެރިން ތިޔަ މާމެލާމެލި ސަޕްލަކުރަނީ އެ ރިސޯޓުތައް ހުޅުވިދުވަހުން ފެށިގެންނެވެ. އަލަށް ތައާރަފުކުރަންޏާ ކުރަންވީ އެހެން އެއްޗެކެވެ.
މިއަދުގެ ލިޔުން ނިންމައިލާނީ ވައުދުނާމާގެ ތެރެއިން ޒަމާނީ ވައުދެއް ނެރެ ދައްކައި ހަނދާންކޮށްދީފައެވެ. ރައީސް ސާލިހުގެ ވައުދުނާމާގައި ބުނެފައިވެއެވެ. އައްޑުއަތޮޅަކީ މުވާސަލާތީ ޚިދުމަތުގެ ފެންވަރު ރަގަޅު އަތޮޅަކަށް ހަދައިދޭނަމެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގައި އިންޓަނެޓުގެ ސްޕީޑް ކޮންމެ ގޮތަކަށް ހުއްޓަސް އައްޑޫގައި އިންޓަރނެޓްގެ ދުވެލި ހަލުވިކޮށްދޭނަމެވެ. އައްޑުއަތޮޅުގައިވާ ހަމަކޮންމެ ގެޔަކަށް ފައިބަރު ގުޅައިދޭނަމެވެ. އަދި އިންޓަރނެޓްގެ އަގުވެސް އެކަށީގެންވާ މިންވަރަށް ތިރިކޮށްދޭނަމެވެ. ރައްޔިތުންނޭވެ. ތިޔަތިބީ އޮންލައިނުގައިދޮތައެވެ.